ބްރެޒިލްގެ ރައީސާ މަގާމުން ދުރުކުރުމުގެ މަސައްކަތް ސްޕްރީމް ކޯޓުން ހުއްޓުވައިފި

ބްރެސީލިއާ (ޑިސެމްބަރު 9) - ބްރެޒިލްގެ ރައީސާ ދިލްމާ ރޫސެފް މަގާމުން ދުރުކުރުމަށް ކޮންގްރެސްގެ ކޮމިޝަނަކުން ކުރަމުން ދިޔަ މަސައްކަތް އެ ގައުމުގެ ސްޕްރީމް ކޯޓުން ހުއްޓުވައިފި އެވެ. ސްޕްރީމް ކޯޓުގެ ނިންމުމާ ގުޅިގެން އެ ކޯޓުގެ ފުލް ބެންޗުގެ މަސައްކަތް މި މަހު 16 ގައި ފަށަންދެން ރައީސާ މަގާމުން ދުރުކުރުން މަޑުޖައްސާލަން ޖެހެ އެވެ. ބްރެޒިލްގެ ފުރަތަމަ އަންހެން ރައީސާގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ ބަޖެޓުގެ މައްސަލަތަކެއްގަ އެވެ. އެކަމަކު ރޫސެފް ވިދާޅުވެފައި ވަނީ އެއީ ކުރީ ސަރުކާރުތަކުން ވެސް ކުރަމުން އައި ކަމެއް ކަމަށެވެ. އަދި ކޮންގްރެސްގެ ކޮމިޓީއަކުން މަސައްކަތް ކުރަމުން ދަނީ "ބަޣާވާތަކުން" ސަރުކާރު ވައްޓާލަން ކަމަށް އެކަމަނާ ވިދާޅުވި އެވެ. ރޫސެފަށް ސިޔާސީ ބޮޑު މައްސަލަ ގަނޑަކާ ކުރިމަތިލާން ޖެހިފައި މި ވަނީ އެ ކަމަނާގެ ވެރިކަމުގެ ދެ ވަނަ ދައުރުގެ ފުރަތަމަ އަހަރުގެ ތެރޭގަ އެވެ. ކޮންގްރެސްގެ ކޮމިޓީން ދަނީ ރޫސެފްގެ މައްސަލަ ދިރާސާ ކުރަމުންނެވެ. މި ކޮމިޓީގެ ނިންމުންތައް ދެން ހުށަހަޅާނީ ކޮންގްރެސްގެ ދަށުގެ އަށެވެ. ރޫސެފް މަގާމުން ދުރުކުރުމަށާއި އެ މައްސަލަ މަތީ ގެއަށް ހުށަހެޅުމަށް ދަށު ގޭގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތު ބޭނުންވާނެ އެވެ. ދެކުނު އެމެރިކާގެ 204 މިލިއަން މީހުން ހިމެނޭ ގައުމުގެ ވެރިކަން ރޫސެފުގެ ވޯކާސް ޕާޓީން ކުރަމުން އަންނަނީ 2003 ވަނަ އަހަރުން ފެށިގެންނެވެ. --އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ