އަދުނާން ފުލުހުންގެ ވަޒީފާއިން ވަކިކުރި ކުރުން ކޯޓުން ބާތިލްކޮށްފި

މެރިން ޕޮލިހުގެ އިސް ވެރިޔަކަށް ކުރިން ހުންނެވި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަދުނާނު އަނީސް މަގާމުން ވަކި ކުރީ އުސޫލްތަކާ ހިލާފަށް ކަމަށް ވާތީ އެ ނިންމުން ސިވިލް ކޯޓުން މިއަދު ބާތިލްކޮށް، ހުކުމްކޮށްފި އެވެ. އޯގަސްޓް 8، 2012 ގައި އަދުނާނާއި ސިއްރު ފުލުހުންގެ ކުރީގެ ވެރިޔާ މުހައްމަދު ހަމީދު (އެމްސީ ހަމީދު) ފުލުހުންގެ ވަޒީފާ އިން ވަކި ކުރީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތާ ބެހޭ ގޮތުން ނަޝީދުގެ ޑިފެންސް އެޑްވައިޒަރު އަމީން ފައިސަލާއި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ލިޔުއްވި ރިޕޯޓަކަށް މައުލޫމާތު ދެއްވައި އެ ރިޕޯޓު އެކުލަވާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގަ އެވެ. އަދުނާން ވަޒީފާ އިން ވަކިކުރި ކުރުން ބާތިލް ކަމަށް ނިންމައި ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ އޭނާ ވަޒީފާ އިން ވަކިކުރީ އަދުލު އިންސާފުގެ ހަމަތަކާއި އުސޫލްތަކާ އެއްގޮތްވާ ގޮތުގެ މަތިންކަން ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ. "މޯލްޑިވްސް ޕޮލިސް ސާވިސްގެ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެ ކުށްތަކަށް އަދަބު ދިނުމުގެ ގަވާއިދުގެ އަށް ވަނަ މާއްދާގެ (ކ) އާއި، އެ ގަވާއިދުގައިވާ ހަމަތަކާއި އުސޫލްތަކާއި ހިލާފަށް ކަމަށް ކަނޑައަޅައި އަދި އެ ސަބަބަށްޓަކައި އަދުދާން އަނީސް މޯލްޑިވްސް ޕޮލިސް ސާވިސަސްގެ ވަޒީފާ އިން ވަކިކުރުމަށް ނިންމާފައިވާ ނިންމުން ބާތިލްކޮށް ހުކުމް ކޮށްފީމެވެ،" ގާޒީ ހާތިފް ހިލްމީ ނިންމެވި މައްސަލައިގެ ހުކުމުގައިވެ އެވެ. އަދުނާނާ އެކު ވަޒީފާ އިން ވަކިކުރި އެމްސީ ހަމީދަށް ވަޒީފާ އަނބުރާ ދޭން ސިވިލް ކޯޓުން މީގެ ކުރިން ހުކުމްކޮށްފައިވެ އެވެ. ނަމަވެސް ދައުލަތުން ވަނީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ