ތައުލީމީ ދާއިރާގެ މި އަހަރުގެ ބޮޑެތި ސުރުހީތައް

ދިރާސީ އަހަރުގެ ކިޔެވުން މިހާރު ނިމިފައިވާ އިރު މިވީ އަހަރު ދުވަސް ތެރޭގައި ތައުލީމީ ދާއިރާގައި ގިނަ ކަންތައްތަކެއް ވަނީ ހިނގާފަ އެވެ. ގިނަ މައްސަލަތަކެއް ދިމާވެފައިވާ އިރު ބޮޑެތި ކުރިއެރުންތަކެއް ވެސް ހޯދާފައިވެ އެވެ. ދިރާސީ އަހަރު ފެށުނު އިރު އިމާރާތް ނުނިމުމުގެ ސަބަބުން ބައެއް ސްކޫލުތަކުގެ ކިޔެވުން ނުފެށުނު ނަމަވެސް އާ ސްކޫލުތަކެއް މި އަހަރުގެ ތެރޭގައި ވަނީ އިމާރާތްކޮށްފަ އެވެ. އަދި މި އަހަރު އިއުލާންކުރި މި ދިޔަ އަހަރުގެ ނަތީޖާ އިން ވެސް ބޮޑު ކުރިއެރުންތަކެއް ހޯދާފައިވެ އެވެ. ތިރީގައި އެވަނީ މި އަހަރު ތައުލީމީ ދާއިރާ އިން ފެނުނު ބޮޑު ސުރުޚީތަކެވެ. އަމީރު އަހުމަދު ހިންގަން ހުއްދަ ނުލިބުމާއި އަރަބިއްޔާގެ މައްސަލަ ތައުލީމީ ދާއިރާގެ ކިޔެވުން މި އަހަރު ފެށީ ގިނަ މައްސަލަތަކަކާ އެކު އެވެ. އެގޮތުން އަމީރު އަހުމަދު ސްކޫލް ހިންގުމުގެ ހުއްދަ ލިބިފައި ނުވާތީ އެޑިއުކޭޝަން މިނިސްޓްރީގެ މައްޗަށް ދައުވާ ކުރުމަށް އައިލެންޑާސް ގުރޫޕުން ކޯޓަށް މައްސަލަ ހުށަހެޅި އެވެ. މާލޭ ސިޓީ ކައުންސިލުން އައިލެންޑާސްއާ އެ ސްކޫލް ދިގު މުއްދަތަކަށް ހަވާލުކުރީ ބިޑަކަށް ގޮސްގެންނެވެ. ނަމަވެސް ސަރުކާރުގެ ބަހެއް ނެތި އަވަށު ސްކޫލްތައް އެގޮތަށް ކުއްޔަށް ދިނުމަށް އޭރުގެ ސަރުކާރުން ބޭނުން ނުވުމުން، ސްކޫލް ހިންގުމަށް އެޑިޔުކޭޝަނުން ލިބެން ޖެހޭ ހުއްދަ ފުރަތަމަކޮޅު ދުލެއް ނުކުރި އެވެ. ނަމަވެސް ވަގުތީ ހުއްދައެއްގެ ދަށުން ސްކޫލް ހިންގަން ފުރުސަތު ދިނެވެ. އަދި މިހާރު އެ މައްސަލަ ހައްލުކޮށް، އައިލެންޑާސް އަށް އަމީރު އަހުމަދު ހިންގުމުގެ ދާއިމީ ހުއްދަ ވަނީ ލިބިފަ އެވެ. މި އަހަރުގެ ކިޔެވުން ފެށުނު އިރު ވެސް އަރަބިއްޔާ ސްކޫލު އިމާރާތް މުޅިން ނުނިމޭތީ އެ ސްކޫލުގެ ބައެއް ގްރޭޑްތަކުގެ ދަރިވަރުން އެންމެ ފުރަތަމަ ކިޔަވަން ޖެހުނީ އަމީނިއްޔާ ސްކޫލުގަ އެވެ. އާ ސްކޫލުގައި ބައެއް ދަރިވަރުންނަށް ކިޔަވައި ދެމުން ދިޔަ އިރު ސްކޫލްގެ އެތެރެ އޮތް ހާލަތުން ދަރިވަރުންނަށް އެތަން އެހާ ރައްކާތެރިނުވުމާއި ކިޔަވައިދެމުން ދާއިރު މަސައްކަތް ކުރިއަށް ދާތީ ބައެއް ބެލެނިވެރިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އަރަބިއްޔާގެ އާ އިމާރާތުގެ މަސައްކަތް މުޅިން ނިންމާލެވުނީ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. ސްކޫލު ރަސްމީކޮށް ހުޅުއްވައިދެއްވީ އޭރުގެ ރައީސް މުހައްމަދު ވަހީދެވެ. ޔުނިވަސިޓީގެ ފީ ބޮޑުވެގެން ދަރިވަރުން މުޒާހަރާކުރުން މި އަހަރު ގައުމީ ޔުނިވަސިޓީން ފެށި ކޯސްތަކުގެ ފީ ބޮޑުވެގެން ފެބުރުއަރީ މަހުގެ ތެރޭގައި އެ ޔުނިވަސިޓީގެ ގިނަ ދަރިވަރުންތަކެއް ވަނީ މުޒާހަރާކޮށްފަ އެވެ. އެ މުޒާހަރާއާ އެކު ހާހެއްހާ ދަރިވަރުން ސޮއިކޮށް ހުށަހެޅި ޕެޓިޝަނެއްގައި ބުނެފައިވާ ގޮތުގައި ބައެއް ކޯސްތަކުގެ ފީ ތިން ހަތަރު ގުނަ ބޮޑުވެފައިވާއިރު މީގެ ކުރިން ހިލޭ ކިޔަވައިދެމުން ދިޔަ ބައެއް ކޯސްތަކަށް ވެސް ފީ ނަގަން ފެށި އެވެ. އެ ޕެޓިޝަނުގައި ދަރިވަރުން ގޮވާލާފައިވަނީ ކުރިން ކިޔަވަމުން ދިޔަ ކުދިންގެ އަތުން ބޮޑުކުރި ފީ ނުނެގުމަށާއި ކުރިން ހިލޭ ކިޔަވައިދިން ކޯސްތަކަށް ފީ ނުނެގުމަށެވެ. މި މައްސަލައާ ގުޅޭ ގޮތުން ޔުނިވަސިޓީން ބުނެފައިވަނީ ފީ ބޮޑުކުރީ ބައެއް ކޯސްތަކުން ކަމަށާއި ބައެއް ކޯސްތަކުން އަގު ހެޔޮ ވެސް ކޮށްފައިވާ ކަމަށެވެ. އެކަމަކު މި މައްސަލަ އެންމެ ފަހުން ނިމުނީ އަގުބޮޑު ކުރި ކޯސްތަކުން އިތުރުވާ ބައި ޔުނިވަސިޓީން ދައްކައިދޭ ގޮތަށެވެ. ކުނިގޮނޑުން އެރި ދުމުގެ އުނދަގޫ އިމާދުއްދީނަށް ސިޔާސީ ހަމަނުޖެހުންތަކުގައި އެންމެ ގިނައިން ރޯކޮށްލާ ތަނަކީ މާލޭގެ ދެ ނަމްބަރު ކުނިކޮއްޓެވެ. އެކަމަކު އެތަނުގައި ރޯކޮށްލުމުގެ އުނދަގޫ އެންމެ ބޮޑުވަނީ ކުނިގޮނޑާ ޖެހިގެން ހުންނަ އިމާދުއްދީން ސްކޫލަށެވެ. މި އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި ވެސް ކުނި ގޮނޑުގައި ރޯކޮށްލުމުން އެރި ދުމުގެ އުނދަގޫ ބޮޑުވެގެން އިމާދުއްދީން ސްކޫލުގެ ކިޔެވުން ދެ ހަފުތާއެއްހާ ދުވަހަށް މެދުކަނޑާލަން ޖެހުނެވެ. ދުމުގެ ސަބަބުން އެތަނުގެ ގިނަ ދަރިވަރުންތަކެއް ބަލިވި އިރު އެ މައްސަލައިގައި ސްކޫލުގެ ބެލެނިވެރިން ވަނީ ސިޓީ ކައުންސިލް ދޮށުގައި މުޒާހަރާ ވެސް ކޮށްފަ އެވެ. މި މައްސަލަ އަށް ހައްލެއް އައީ ހާއްސަ މަސައްކަތެއްގެ ގޮތުގައި ސިފައިން ކުނިގޮނޑު އެއްކޮށް ސާފުކޮށްލުމުންނެވެ. ޖަމާލުއްދީނާއި ޔުނިވަސިޓީގެ ކޯޅުން ކުރިން ޖަމާލުއްދީން ސްކޫލު ހިންގި އިމާރާތް ނުވަތަ ބާ ޖަމާލުއްދީންގައި މިހާރު ހިންގަމުން އަންނަނީ ގައުމީ ޔުނިވަސިޓީގެ ބައެއް ފެކަލްޓީތަކެވެ. ގިނަ އަދަދެއްގެ ދަރިވަރުން ކިޔަވަމުން އަންނަ ޖަމާލުއްދީންގެ ޖާގަ ބޮޑު ނުކުރެވިފައިވަނީ އެ އިމާރާތް އެ ސްކޫލަށް ނުލިބިގެންނެވެ. ހަމައެހެން އެތައް ހާސް ކުދިންނެއް މަތީ ތައުލީމް ހާސިލްކުރަމުން އަންނަ ޔުނިވަސިޓީގެ ބައެއް ފެކަލްޓީތައް ހިންގަން އެހެން އިމާރާތެއް ނެތުމުން ބާ ޖަމާލުއްދީނުން ނިކުތުމަށް ޔުނިވަސިޓީން ވަނީ ދެކޮޅުހަދައިފަ އެވެ. އެހެންވެ، މި މައްސަލައިގައި ޖަމާލުއްދީނާއި ޔުނިވަސިޓީއާ ދެމެދު އޮންނަ ގުޅުން މި އަހަރު ކުރީކޮޅު ވަރަށް ބޮޑަށް ގޯސްވި އެވެ. ބާ އިމާރާތް ވެއްޓިދާނެތީ އެ އިމާރާތް ހުސްކުރުމަށް ކަމަށް ގޮވާލައި، ޖަމާލުއްދީން ސްކޫލުން ވަނީ ޕެޓިޝަނެއް ވެސް ނެރެފަ އެވެ. އެކަމަކު ޔުނިވަސިޓީން ބުނެފައި ވަނީ އެއީ މީގެ ކުރިން މާލޭގައި އިމާރާތްކޮށްފައި ނުވާހާ ވަރުގަދަ އަށް ހަދާފައި ހުރި ތަނެއް ކަމަށާއި އިމާރާތް ވެއްޓިދާނެ ކަމުގެ ބިރު ނެތް ކަމަށެވެ. މައްސަލަ ގޯސްވެ، ކަމާ ބެހޭ ފަރާތްތަކާ ހަމައަށް ދިޔަ ނަމަވެސް އަހަރު ނިމުނު އިރު ވެސް އެ އިމާރާތް ހިންގަމުން އަންނަނީ ޔުނިވަސިޓީންނެވެ. މާލޭގެ އާ ސްކޫލުތަކެއްގައި އޭލެވެލް އަށް ކިޔަވައިދޭން ފެށުން އަހަރުތަކެއް ވަންދެން މަޖީދިއްޔާ ސްކޫލާއި ދަރުމަވަންތަ ސްކޫލު ފަދަ ތަންތަން ހާއްސަ ކޮށްފައިވަނީ އޯލެވެލް އަށް ކިޔަވައިދޭ ސްކޫލުތަކެއްގެ ގޮތުގަ އެވެ. އެކަމަކު ތައުލީމީ ދާއިރާ އަށް ގެނައި ބޮޑު ބަދަލެއްގެ ދަށުން ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގެ ކިޔެވުން 1-12 އަށް ބަދަލުކުރުމަށް ވަނީ ނިންމާފަ އެވެ. އަދި ދެ ޖިންސަށް ހާއްސަކޮށްގެން މާލޭގެ ހުރިހާ ސްކޫލުތަކެއް ހުޅުވާލި އިރު، މި އަހަރު ވަނީ މަޖީދިއްޔާ އާއި ދަރުމަވަންތައިގެ އިތުރުން ވިލިމާލޭގައި ހުންނަ މުހުޔިއްދީން ސްކޫލުގައި އޭލެވެލް އަށް ކިޔަވައިދޭން ފަށައިފަ އެވެ. އެކަމަކު މި އަހަރު މި ސްކޫލްތަކުގެ އެ ގްރޭޑްތަކަށް ލިބުނު ތަރުހީބު ކުޑަ އެވެ. ތައުލީމީ ދާއިރާ ހަރުދަނާ ކުރުމަށް ވޯލްޑް ބޭންކުން ދިހަ މިލިޔަން ޑޮލަރު ރާއްޖޭގެ ތައުލީމީ ދާއިރާ ތަރައްގީކޮށް ފުޅާކުރުމަށް ވޯލްޑް ބޭންކުން ދިހަ މިލިއަން ޑޮލަރު (154.2 މިލިއަން ރުފިޔާ)ގެ ހިލޭ އެހީއެއް ދޭން މި އަހަރު ވަނީ ނިންމާފަ އެވެ. އެ ބޭންކުން ބުނެފައިވާ ގޮތުގައި ރާއްޖޭގެ ތައުލީމީ ދާއިރާ އަށް ތަފާތު ގޮންޖެހުންތައް ވަނީ ކުރިމަތިވެފަ އެވެ. އަދި ހަޔަ ސެކަންޑްރީ ތައުލީމުގެ ފުރުސަތު ލިބޭ އަދަދު ވަރަށް ބޮޑަށް މަދުވަމުން އަންނަ ކަމަށް ވެސް ބުނެފައިވެ އެވެ. އެހެންވެ، ރާއްޖެއަށް ދޭ ހިލޭ އެހީގެ ދަށުން ރަނގަޅު ތައުލީމް ހޯދައިދިނުމަށް ޓީޗަރުންގެ ފެންވަރު މަތިކުރުމާއި ސްކޫލްތަކުގެ މެނޭޖްމަންޓަށް އަމާޒުކޮށްގެން ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް މިދިޔަ މެއި މަހުގެ ތެރޭގައި ވޯލްޑު ބޭންކުން ބުނެފައިވެ އެވެ. ކުރީ އަހަރުގެ އޯލެވެލް އިން ދުނިޔޭގެ ފެންވަރުގެ ވަނަތަކެއް ރާއްޖެ އަށް ޖީސީއީ އޯލެވެލްގެ މިދިޔަ އަހަރުގެ އިމްތިހާނުން އެކި މާއްދާތަކުން 100 ޕަސެންޓް މާކްސް ހޯދައިގެން ދިވެހި ފަސް ދަރިވަރަކު ވަނީ އެއް ވަނަ ހާސިލްކޮށްފަ އެވެ. މި އަހަރުގެ މެއި މަހު އިއުލާންކުރި އެ ނަތީޖާ އިން ދައްކާ ގޮތުގައި އެއް ވަނައިގެ އިތުރުން ދުނިޔޭގެ ގަދަ ދިހައެއްގެ އެހެން ވަނަތަކުގައި ވެސް ދިވެހި 31 ކުއްޖަކު ހިމެނެ އެވެ. އަދި އޯލެވެލްގެ ގަދަ ދިހައެއްގައި 426 ދަރިވަރުން ހިމެނިފައިވާ އިރު 37 ކުއްޖަކު ވަނީ އެއް ވަނަ ހޯދާފަ އެވެ. ދެވަނައިގައި 87 ދަރިވަރުން، ތިން ވަނައިގައި 18 ދަރިވަރުން ވަނީ ހިމެނިފަ އެވެ. މިދިޔަ އަހަރުގެ އިމްތިހާނުގައި އެންމެ ބޮޑު ކާމިޔާބީއެއް ހޯދާފައިވަނީ އަމީނިއްޔާ ސްކޫލާއި އައްޑޫގައި ހުންނަ ޝަރަފުއްދީން ސްކޫލާއި ދަރުމަވަންތަ ސްކޫލެވެ. މަތީ ތައުލީމުގެ ފުރުސަތު ހާސިލް ކުރުމަށް ގިނަ ލޯނުތަކެއް މި އަހަރަކީ މަތީ ތައުލީމު ހާސިލްކުރުމަށް އެންމެ ގިނަ އަދަދެއްގެ ދަރިވަރުންނަށް ލޯނު ދޫކުރި އަހަރެވެ. އެގޮތުން ޓާޝަރީ ލޯން ސްކީމްގެ ދަށުން ރާއްޖެ އާއި ރާއްޖޭން ބޭރުގައި މަތީ ތައުލީމް ހާސިލްކުރުމަށް ސަރުކާރުން 500 ދަރިވަރަކަށް އެހީ ދޫކުރަން ނިންމި ނަމަވެސް، އެ ލޯނަށް އެދުނު 972 ދަރިވަރުންނަށް ވަނީ ލޯނު އެހީ ދީފަ އެވެ. ސަރުކާރުން މި ސްކީމަށް 130-140 މިލިޔަން ރުފިޔާ ހަރަދުކުރަން ނިންމި އިރު، މިހާރު ކިޔަވަމުންދާ 336 ދަރިވަރުންނަށް ވެސް ލޯނުގެ އެހީ ވަނީ ހަމަ މި އަހަރު ދީފަ އެވެ. މި ސްކީމަށް ސަރުކާރުން ވަނީ 22 މިލިޔަން ރުފިޔާ ހަރަދުކޮށްފަ އެވެ. ހުޅުމާލޭގައި އާ ދެ ސްކޫލު ހުޅުމާލޭގައި އަޅާ ޕްރީ ސްކޫލާއި ގްރޭޑް 1-12 އަށް ކިޔަވައިދޭ ބޮޑު ސްކޫލުގެ ބިންގާ މި އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ވަނީ އަޅާފަ އެވެ. އަލަށް އާބާދުވަމުން އަންނަ ހުޅުމާލޭ ނެއިބަހުޑް ތިނެއްގައި އިމާރާތްކުރާ ގްރޭޑް 1-12 އަށް ކިޔަވައިދޭ ފަސް ބުރީގެ އިމާރާތް ނިންމަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. ގާތްގަނޑަކަށް 1500 ދަރިވަރުންގެ ޖާގައިގެ އެ ސްކޫލު އެޅުމަށް 100 މިލިޔަން ރުފިޔާ ހަރަދުވެ އެވެ. ނެއިބަހުޑް އެކެއްގައި އަޅާ ޕްރީ ސްކޫލުގެ މަސައްކަތް އާ އަހަރުގެ ކިޔެވުން ފެށެން ވާއިރަށް ނިންމުމަށް ހަމަޖައްސާފައިވާ އިރު އެތަން އެޅުމަށް 10 މިލިޔަން ރުފިޔާ ހަރަދު ކުރެ އެވެ. މާލޭގެ ހުރިހާ ސްކޫލެއްގައި އޯލެވެލް މިއީ މާލޭގެ ޕްރީ ސްކޫލުތައް ފިޔަވައި ހުރިހާ ސްކޫލުތަކެއްގައި އޯލެވެލް އިމްތިހާނު ހެދި ފުރަތަމަ ފަހަރެވެ. ކުރިން މާލޭގެ ބޮޑެތި ގިނަ ސްކޫލުތައް ހާއްސަ ކޮށްފައި ހުންނަނީ ވަކި ގްރޭޑްތަކަކަށް ކިޔަވައިދޭން ނަމަވެސް، މީގެ ތިން އަހަރު ކުރިން މާލޭގެ ޕްރައިމަރީ ސްކޫލުތަކުގައި ސާނަވީ އަށް ކިޔަވައިދޭން ފެށުމާ އެކު ގާތްގަނޑަކަށް ހުރިހާ ސްކޫލުތަކެއްގައި މި އަހަރު ވަނީ އޯލެވެލް އިމްތިހާނު ހަދާފަ އެވެ. އޭގެ ތެރޭގައި އިމާދުއްދީނާއި ތާޖުއްދީނާއި އިސްކަންދަރާއި ކަލާފާނު ސްކޫލާއި ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލު ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ