މިހާރު މިއޮތީ ފަސް ޕާޓީއާއި ފަސް ސަރުކާރު: އަހުމަދު މޫސާ

ރާއްޖޭގައި މިހާރު އޮތީ ފަސް ޕާޓީއާއި ފަސް ސަރުކާރު ކަމަށް ކުރެންދޫ ދާއިރާގެ މެމްބަރު އަހުމަދު މޫސާ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށް ދިޔަ ބަހުޘެއްގައި ވާހަކަ ދައްކަވަމުން އަހުމަދު މޫސާ ވިދާޅުވީ ސިޔާސީ ފަރާތްތަކުން ވެސް އެމީހަކު ތާއިދު ކުރާ ޕާޓީއެއްގެ ވިސްނުން ދޫކޮށް ރާއްޖޭގައި މިހާރު އާއްމު ވަމުންދާ ޖަރީމާތައް ހުއްޓުވަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
މީހުން މަރާ މީހާ ހައްޔަރު ކުރުމަށްފަހު 24 ގަޑި އިރު ވެސް ނުވަނީސް ދޫވެގެން މުޖުތަމައުގެ ތެރެއަށް ނުކުންނަމުން ދާ ކަމަށާއި ކަންތައްތައް މިގޮތަށް ތަކުރާރުވަމުންދާ ނަމަ ދުވާލަކު މީހަކު މަރަން ފަށާފާނެ ކަމަށް ވެސް އަހުމަދު މޫސާ ވިދާޅުވިއެވެ.
އެގޮތުން އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ މަޖިލީހުގެ 77 މެމްބަރުން އިސްލާހުވުން ކަމަށާއި އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް އަހުމަދު މޫސާ ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން އަހުމަދު މޫސާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ބަދަލު ކުރަން ޖެހުނަސް އެމަސައްކަތް ވެސް ކުރެވެން އޮތީ މަޖިލީހުގެ ތެރެއިން ކަމަށާއި ނަމަވެސް ރައްޔިތުން ހަވާލުކޮށްފައިވާ އެއްވެސް މަސްއޫލިއްޔަތެއް މަޖިލީހަށް އަދާ ނުކުރެވޭ ކަމަށެވެ.
މީގެ އިތުރުން އަހުމަދު މޫސާވަނީ ވިޔަފާރި ވެރިން ވެސް އެއާރޕޯޓުތަކާއި ރިސޯޓުތައް ފަދަ ތަންތަނާއި ހެދި ގައުމު އަޑިއަށް ދުއްވާލައިގެން ނުވާނެ ކަމަށެވެ. އަދި 2013 ގެ އިންތިހާބު ބޯމަތިވެފައިވާ ކަމަށާއި ވެރިކަމާއި ހެދި މިހާރު ތަޅާ ނުފޮޅުމަށް ވެސް ސިޔާސީ ފަރާތްތަކަށް އަހުމަދު މޫސާ ގޮވާލެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ