ތިމަރަފުށި ދާއިރާގެ ގޮނޑި ޝަރީފު ކާމިޔާބުކުރެއްވުމުން ރައީސް ގުރައިދު އަށް

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ ބައި އިލެކްޝަން ޕީޕީއެމްގެ ކެންޑިޑޭޓް އަހްމަދު ޝަރީފު ކާމިޔާބުކުރެއްވުމުން އެކަން ފާހަގަކުރެއްވުމަށްޓަކައި ރައީސް މުހައްމަދު ވަހީދު ގުރައިދު އަށް މީގެ ކުޑަ އިރުކޮޅެއްގެ ކުރިން ވަޑައިގެންފި އެވެ. ރައީސް އޮފީހުގެ ތަރުޖަމާނު އައްބާސް އާދިލް ރިޒާ ވިދާޅުވީ ރައީސް ވަހީދު ގުރައިދު އަށް ވަޑައިގެންނެވީ ތިމަރަފުށި ދާއިރާއިން ޝަރީފަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވީ ގުރައިދޫން ކަމަށް ވުމާއި "ތިމަރަފުށީގެ ގޮނޑި ]ޝަރީފް[ ކާމިޔާބުކުރެއްވުމަކީ މިހާރުގެ ސަރުކާރަށް ލިބުނު ކާމިޔާބެއް ކަމަށް ރައީސް ގަބޫލުކުރައްވާތީ" ކަމަށެވެ. "މިހާރު ރައީސް ގެންދަވަނީ ގުރައިދޫ ރައްޔިތުންނާ ސަލާމްކުރައްވަމުން،" އައްބާސް ވިދާޅުވި އެވެ. "މިރަށުގައި ވަގުތު ކޮޅެއް ހޭދަކުރެއްވުމަށް ފަހު، ރައީސް ދެން ވަޑައިގަންނަވާނީ ވައިގެ މަގުން މާލެ ވަޑައިގެންނެވުމަށް ކައްދު އަށް." ތިމަރަފުށި ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި ޝަރީފާއި އޭނާގެ ބައެއް ސަޕޯޓަރުން ވެސް ގުރައިދު އަށް ވަނީ ގޮސްފަ އެވެ. މި ބައި އިލެކްޝަންގެ ނަތީޖާ ގަބޫލުނުކުރައްވާ ކަމަށް އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު މުސްތަފާ ވަނީ ވިދާޅުވެފަ އެވެ. ޝަރީފަށް 1،755 ވޯޓު ލިބިވަޑައިގެންނެވި އިރު، މުސްތަފާއަށް ލިބިވަޑައިގަތީ 1،327 ވޯޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ