"ހަވީރު"ގެ އެންޑްރޮއިޑް އެޕް ލޯންޗުކޮށްފި

އެންޑްރޮއިޑް ފޯން ގެންގުޅޭ ފަރާތްތަކަށް ވެސް ފަަސޭހައިން ޚަބަރާއި ފޮޓޯ އަދި ވީޑިއޯ ބަލައިލެވޭނެ ގޮތް ހެދުމަށްޓަކައި "ހަވީރު"ން އެންޑްރޮއިޑް އެޕްލިކޭޝަނެއް މިއަދު ތައާރަފުކޮށްފި އެވެ. ކިޔުންތެރިންނާ ރަށްޓެހި ތަފާތު ގިނަ ފީޗާތަކެއް ހިމެނޭ އައިފޯން އެޕްލިކޭޝަނެއް ވެސް މީގެ ކުރިން "ހަވީރު"ން ލޯންޗުކޮށްފައިވެ އެވެ. އަލަށް ތައާރަފުކުުރި އެންޑްރޮއިޑް އެޕްލިކޭޝަން ވެސް ފަރުމާކޮށްފައިވަނީ ފަހުގެ ޚަބަރުތައް އެންޑްރޮއިޑް ފޯނާއި ޓެބްލެޓުގެ ސްކްރީނުން އެންމެ ފަސޭހައިން ބަލާލެވޭނެ ގޮތަށެވެ. މީގެ އިތުރުން، އެކި ލިޔުންތަކަށް ކިޔުންތެރިން ފޮނުވާ ކޮމެންޓްތައް ފޯނުން ކިޔާ، އަމިއްލަ ހިޔާލު ފޮނުވުމުގެ ފުރުސަތު ވެސް މި އެޕް މެދުވެރިކޮށް ފަހިވެގެން ދާނެ އެވެ. އަދި "ހަވީރު"ގައި ޝާއިއުކުރާ ފޮޓޯ ގެލެރީ އާއި ވީޑިއޯ ވެސް އެންޑްރޮއިޑް އެޕް މެދުވެރިކޮށް ބަލާލެވޭނެ އެވެ. ގާތްގަނޑަކަށް 21،300 މީހުން ޑައުންލޯޑް ކޮށްފައިވާ "ހަވީރު"ގެ އައިފޯން އެޕްލިކޭޝަންގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ފީޗާ ކަމަށްވާ 'ފޮޓޯސްޓްރީމް' އެންޑްރޮއިޑް އެޕްގައި ވެސް ވަނީ ހިމަނާފަ އެވެ. އެ ގޮތުން، އައިފޯން ގެންގުޅޭ ފަރާތްތަކެކޭ އެއްގޮތަށް، އެންޑްރޮއިޑް ފޯން މެދުވެރިކޮށް ވެސް، ރާއްޖެ އާއި ރާއްޖޭން ބޭރުގެ ހާދިސާތަކާއި މަންޒަރުތައް ކިޔުންތެރިންނާ ހިއްސާކުރުމުގެ މަގު 'ފޮޓޯސްޓްރީމް' ފީޗާ މެދުވެރިކޮށް މިހާރު ވަނީ ފަހިވެފަ އެވެ. އައިފޯނަށް ހާއްސަ "ހަވީރު"ގެ އެޕްލިކޭޝަންގައި ހިމެނޭ ހުރިހާ ފަސޭހަތަކެއްގެ އިތުރަށް، ހާއްސަ ފީޗާއެއް ވެސް އެންޑްރޮއިޑް އެޕްލިކޭޝަންގައި ވަނީ ހިމަނާފަ އެވެ. އެއީ "ހަވީރު"ގައި ހިމެނޭ ކެޓަގަރީތަކަށް އެންޑްރޮއިޑް އެޕްގައި ވެސް އާޓިކަލްތައް ބަހާލާފައިވުމާއި ތަފާތު ކެޓަގަރީތައް ވަކިވަކިން ބްރޯޒްކުރެވޭނެ އިންތިޒާމެވެ. ގޫގުލްގެ ޕްލޭ ސްޓޯ މެދުވެރިކޮށް ހިލޭ ޑައުންލޯޑް ކުރެވޭ "ހަވީރު"ގެ އެންޑްރޮއިޑް އެޕްލިކޭޝަން ފަރުމާކޮށްފައިވަނީ 'ޕުޝް ނޮޓިފިކޭޝަން'ގެ ޒަރީއާއިން އެންމެ ފަހުގެ ޚަބަރާ ގުޅޭ އެލާޓް ލިބޭނެ ގޮތަށެވެ. މި އެޕް ޑިވެލޮޕްކޮށްފައިވަނީ 'އޯޓީއޯ ކްރިއޭޓިވްސް' އާއި "ސްޕައިޑާ ލެބްސް" ގުޅިގެންނެވެ. ހަވީރު އެންޑްރޮއިޑް އެޕް ޑައުންލޯޑް ކުރެއްވުމަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ