ފުލުހުންގެ ވާޖިބު އަދާކުރަން ހުރަސްއެޅުމުގެ ކުށުގެ ދައުވާ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަލީ ވަހީދާއި މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފުގެ މައްޗަށް އުފުލުމަށް ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން ޕީޖީ އޮފީހުގެ ވަކީލަކު ވިދާޅުވީ، އެމައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވާފައިވަނީ މިމަހުގެ16 ވަނަ ދުވަހު ކަމަށެވެ.
މިމައްސަލާގައި އަލީ ވަހީދާ މަހުލޫފުގެ މައްޗަށް ދައުވާ ކުރުމަށް ކުރިން ފޮނުވި ނަމަވެސް އެ މައްސަލަ އަނބުރާ ގެނެސްފައިވަނީ ސިވިލްސާވިސް ކޮމިޝަނަށް ވަދެ އަޑުގަދަކޮށް ހެދިކަމަށް ބުނާ މައްސަލައެއްގެ ތަހުގީގު ނިންމާ ޕީޖީއަށް ނުފޮނުވުމުން ހަމަހަމަކަން ގާއިމްކުރުމުގެ ގޮތުންނެވެ.
އަލީ ވަހީދާއި މަހުލޫފުގެ މައްޗަށް ދައުވާ އުފުލާފައިވަނީ 25 މާޗް 2010 ވަނަ ދުވަހުގެ ރޭ، މުލިއާގޭ ސަރަހައްދު ބަންދުކޮށްފައިވަނިކޮށް، އެ ސަރަހައްދުގައި ހުރި ރޯޑް ބްލޮކްތައް އެއްފަރާތްކޮށް އަދި އެތަނުގައި ތިބި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެފައިވާތީ ވާޖިބު އަދާކުރަން ހުރަސް އެޅުމުގެ ކުށުގެ ދައުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަލީ ވަހީދާއި މަހުލޫފުގެ މައްސަލަ ދެވަނަ ފަހަރަށް ފޮނުވާލާފައި މިވަނީ ސީއެސްސީ އަށް ވަދެ އަޑުގަދަކުރި މައްސަލައިގައި ދައުވާ ކުރުމަށް ނިންމާފައިވާ ދެ އެކްޓިވިސްޓުންގެ މައްސަލައާ ވެސް އެކުއެވެ.
ސިވިލް ސާވިސް ކޮމިޝަނަށް ވަދެ އަޑުގަދަކުރި މައްސަލައިގައި ދައުވާކޮށްފައިވަނީ އެމްޑީޕީގެ އިސް ދެ އެކްޓްވިސްޓުންކަމަށްވާ މއ. ކުޑަދުންމާރިގޭ މުހައްމަދު ސޮދުރީ (ދުންމާރި ނާޒިމް) އާއި ގ. ހެޕީ ސައިޑް ހުސައިން އިލްހާމްގެ މައްޗަށެވެ. އެ ދެ މީހުންގެ މައްޗަށް ދައުވާކޮށްފައިވަނީ ސަރުކާރުގެ މުވައްޒަފެއްގެ ވާޖިބަށް ހުރަސް އެޅުމުގެ ދައުވާ އެވެ. އެއީ ގާނޫނުލް އުގޫބާތުގެ 86 ވަނަ މާއްދާގެ ދަށުންނެވެ.
ފުލުހުންގެ ވާޖިބަށް ހުރަސް އެޅި ކަމުގެ ދައުވާ އަލީ ވަހީދާ މަހުލޫފުގެ މައްޗަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ