ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި 10،000 މެންބަރުން ހަމަނުވާ ޕާޓީތައް އުވޭނެ ކަމަށް ބުނާ މާއްދާ ސުޕްރީމް ކޯޓުން ބާތިލްކޮށްފިއެވެ.
ސުޕްރީމް ކޯޓުން މި ގޮތަށް ހުކުމް ކުރީ ބަންޑާރަނައިބު، އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި މިއަދު ހުކުމް އިއްވަމުންނެވެ. ބަންޑާރަނައިބުގެ މި ދައުވާއަށް މޯލްޑިވިއަން ޑިވަލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ވަނީ ތަދައްހުލުވެފައެވެ.
ސުޕްރީމް ކޯޓުން މިގޮތަށް ހުކުމް ކުރީ އެކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުންނެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ސިޔާސީ ޕާޓީއެއް ނަމަ 10،000 މެންބަރުން ހަމަވާންޖެހޭ ކަމަށް އެ ގާނޫނުގެ 11 ވަނަ މާއްދާގައި ބުނެފައިވާތީ އެމާއްދާ އަކީ ގާނޫނު އަސާސީގެ 16 ވަނަ މާއްދާ އާއި ހިލާފް މާއްދާއެއް ކަމަށެވެ. އަދި ސިޔާސީ ޕާޓީތައް އުފެއްދުމަކީ ގާނޫނު އަސާސީން ލިބިދޭ ހައްގަކަށްވާއިރު އެފަދަ ހައްގެއް ހަނިކުރެވޭނީ މިނިވަން ޑިމޮކްރެޓިކް މުޖްތަމައުތަކުގައި އެފަދަ ހައްގެއް ހަނިކުރެވޭ މިންވަރަށް ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ ކަމަށެވެ. އަދި ޕާޓީތައް އުފެއްދުމުގެ ހައްގަކީ ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކުގައި ވެސް ކަށަވަރުކޮށްދޭ ހައްގެއް ކަމަށްވެސް ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނެ އެވެ.
އެހެންކަމުން އިލެކްޝަން ކޮމިޝަނުގައި ރަޖިސްޓްރީކޮށް 3،000 މެންބަރުން ހަމަވާ ކޮންމެ ޕާޓީއަކީ ވަކި ސިޔާސީ ޕާޓީއެއް ކަމުގައި ބެލެވޭނެ ކަމަށެވެ. އަދި މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުން އަމަލުކުރަމުން އައިގޮތަށް 3،000 މެންބަރުން ހަމަނުވާ ޕާޓީތައް އިލެކްޝަން ކޮމިޝަނުގެ ދަފްތަރުން އުވާނުލެވޭނެ ކަމަށްވެސް މި ހުކުމުގައި ބުނެފައިވެއެވެ.
ކުދި ޕާޓީތައް އުވާނުލެވޭނެކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފައިވާއިރު މީގެ ކުރިން ސުޕްރީމް ކޯޓުން ވަނީ 3،000 މެންބަރުން ހަމަނުވާ އެއްވެސް ޕާޓީއެއް އިލެކްޝަން ކޮމިޝަނުގެ ދަފުތަރުން އުނިނުކުރުމަށްވެސް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ވަގުތީ އަމުރެއް ނެރެފައެވެ.
ކުދި ޕާޓީތައް އުވާނުލެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ