ސަރުކާރު ކުންފުނިތައް ބަނގުރޫޓް ވާތީ ރައީސް ނަޝީދު އިސްތިއުފާ ދެއްވުމަށް ޑީއާރުޕީގެ ނައިބު ލީޑަރު އުމަރު ގޮވާލައްވައިފި

ސަރުކާރުގެ ނާގާބިލު ކަމާއި އިގްތިސާދީ ސިޔާސަތު ބައްޓަންކޮށްފައިވާ ގޮތުގެ ސަބަބުން ސަރުކާރާއި އާއްމުން ހިއްސާވާ ބޮޑެތި ކުންފުނިތައް ބަނގުރޫޓުވެ، މުޅި ގައުމުގެ އިގުތިސާދު ފުނޑުފުނޑުވަމުންދާތީ، އެކަންތައް ރަނގަޅު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވެރިކަމުން ދުރުވެވަޑައިގެން ނާއިބު ރައީސާ ސަރުކާރު ހަވާލުކުރުމަށް އިދިކޮޅު ޑީއާރުޕީން ގޮވާލައިފި އެވެ.ޑީއާރުޕީގެ ނާއިބު ލީޑަރު އުމަރު ނަސީރު މިއަދު ވިދާޅުވީ، ކުރިން ފައިދާވަމުން އައި އެމްޓީސީސީ އާއި ބޭންކް އޮފް މޯލްޑިވްސް އަށް ރައީސް މުހައްމަދު ނަޝީދުގެ ސިޔާސަތުގެ ސަބަބުން ބޮޑެތި ގެއްލުންތަކަކާ މި އަހަރު ކުރިމަތިވެފައިވާ ކަމަށެވެ. އަދި މި އަހަރު ރާއްޖޭގެ ފަގީރުންގެ ނިސްބަތް މައްޗަށް ގޮސްފައިވާ ކަމަށާއި، ޑޮލަރުގެ އަގު އިންތިހާއަށް މައްޗަށް ގޮސް، ތަކެތީގެ އަގުތައް ދަނީ މައްޗަށް ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.އުމަރު ވިދާޅުވި ގޮތުގައި ސަރުކާރުގެ މި ސިޔާސަތު ބަދަލުވާނެ ކަމުގެ އެއްވެސް އުއްމީދެއް ނެތެވެ. އަދި ސަރުކާރުގެ ސިޔާސަތު ބަދަލުކުރުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރި ނަމަވެސް އެކަމުގައި އެކި ފަހަރު އެކި ގޮތަށް ސަރުކާރުގެ ވާހަކަތައް ހުންނާތީ އެކަން ނުކުރެވޭނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.އެމްޓީސީސީގެ މި އަހަރުގެ އަހަރީ ރިޕޯޓްގައިވާ ގޮތުން ފަހުގެ ތާރީހެއްގައި އެ ކުންފުންޏާ ކުރިމަތި ނުވާވަރުގެ ބޮޑު ދަރަންޏަކާ މި އަހަރު ވަނީ ކުރިމަތިވެފަ އެވެ. އެގޮތުން މިދިޔަ އަހަރު ބާރަ މިލިޔަން ރުފިޔާގެ ގެއްލުމެއް އެ ކުންފުނިން އުފުލަން ޖެހިފައިވާ ކަމަށް އަހަރީ ރިޕޯޓްގައިވެ އެވެ. މީގެ އިތުރުން ބޭންކް އޮފް މޯލްޑީވްސްގެ ފައިދާ ވެސް ވަނީ އެތައް ގުނަ ދަށްވެފަ އެވެ. ބޭންކުގެ މިދިޔަ އަހަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 2008 ވަނަ އަހަރު ބޭންކަށް ލިބުނު 270.5 މިލިޔަން ރުފިޔާގެ ފައިދާ އާ އަޅާބަލާއިރު މިދިޔަ އަހަރުގެ ފައިދާ ވަނީ 81 ޕަސެންޓް ދަށްވެފަ އެވެ. އަދި ބޭންކަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި 49.9 މިލިޔަން ރުފިޔާ ލިބިފައި ވާތީ، ހިއްސާދާރުންނަށް ޑިވިޑެންޑް ނުދިނުމަށް ބޯޑުން ވަނީ ނިންމައިފަ އެވެ.މި އަހަރު ފަގީރުންގެ ނިސްބަތް މައްޗަށް ގޮސްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނުމަކީ ވެސް ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް އުމަރު ވިދާޅުވި އެވެ.އިދިކޮޅު ޕާޓީގެ މި ގޮވާލުމަށް ރައްދު ދެއްވަމުން ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރު ވިދާޅުވީ، އިދިކޮޅު ޕާޓީން އެހެން ބުނެފައި އެވަނީ ބޮޑު މަންޒަރަށް ބައްލަވާފައިނޫން ކަމަށާއި، އެންމެ ކުންފުންޏަކުން މިސާލު ނަންގަވައިގެން ކަމަށެވެ. އަދި އެތައް ކުންފުންޏަކުން ފައިދާވަމުންދިއުމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދު 0.15 އިން 4.2 ޕަސެންޓަށް މި އަހަރު ކުރި އަރާނެ ކަމަށް އިގްތިސާދީ މާހިރުން ވިދާޅުވެފައިވާ ކަމަށް ވެސް ޒުހެއިރު ވިދާޅުވި އެވެ. އަދި އެ ވާހަކަތަކަކީ ސިޔާސީ މަގުސަދެއްގައި ދައްކަވާ ވާހަކަތަކެއް ކަމަށް ވިދާޅުވެ، ސަރުކާރުގެ އިގްތިސާދީ ސިޔާސަތު ރަނގަޅު މިސްރާބުގައި ހުއްޓައި، ރައްޔިތުން ފެއިލްކޮށްލާފައިވާ ފަރާތްތަކުން ދައްކާ އެފަދަ ވާހަކަތަކަށް ސަރުކާރުން މިވަގުތު އަހައްމިއްޔަތުކަން ދިނުމަކީ ރަނގަޅުކަމެއްނޫން ކަމަށް ވެސް ޒުހެއިރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ