ވައްކަމުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކުރި މީހަކު ހައި ކޯޓުން ދޫކޮށްލައިފި

ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކުރި މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ދަށު ކޯޓުން ނެރުނު އަމުރު ހައި ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ބާތިލްކޮށް އޭނާ މިނިވަންކޮށްފި އެވެ. ހައި ކޯޓުން މިނިވަންކޮށްފައި ވަނީ ރ.އިނގުރައިދޫ ކެތި އަހުމަދު ހުސައިން މަނިކެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު 24،000ރ. ގެ ވައްކަމުގެ މައްސަލައިގައި އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ރ.ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފައި ވަނީ މިދިޔަ މަހުގެ ހަ ވަނަ ދުވަހު އެވެ. އަހުމަދު ހުސައިންގެ ފަރާތުން އެ މައްސަލަ ހައި ކޯޓަށް ހުށަހެޅީ މިމަހުގެ ކުރީކޮޅު އެވެ. އެ މައްސަލަ ބެލުމަށްފަހު ހައި ކޯޓުން ބުނެފައިވަނީ ކުށެއްގެ ތުހުމަތުގައިވާ މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރަން ފަނޑިޔާރު އަމުރުކުރަން ވާނީ ފުލުހުންގެ ފަރާތުން އެކަމަށް އެދި ހުށަހެޅުމުން ކަމަށާއި އެކަމަށް ހުށަހަޅާއިރު އެ މައްސަލައެއްގައި ދައުވާކުރެވޭ ވަރަށް ހެކި ހުރިކަން ޔަގީންކޮށްދޭން ޖެހޭނެ ކަމަށެވެ. ނަމަވެސް އަހުމަދުގެ ޝަރީއަތް ނިމެންދެން ބަންދުކުރަން ހުޅުދުއްފާރު ކޯޓުން އަމުރު ނެރެފައި ވަނީ އެކަމަށް އެދި ފުލުހުން ހުށަހެޅުމުން ނޫން ކަމަށާއި ފުލުހުން އެދިފައި ވަނީ 15 ދުވަހަށް ބަންދު ކުރުމުގެ އަމުރަކަށް ކަމަށް ބުނެފައިވެ އެވެ. އެހެންވެ އަހުމަދުގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ނެރުނު އަމުރު ބާތިލްކޮށް ހައި ކޯޓުން ހުކުމް ކޮށްފައި ވަނީ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ