ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލްޣަފޫރު ހަމަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލުކޮށްފި އެވެ.
ހައި ކޯޓުން މިއަދުކުރި ހުކުމުގައި ބުނެފައި ވަނީ މަޖިލީހަށް ހާޒިރުވާން ދަތިވާ ގޮތަށް ކޯޓަށް ހާޒިރުވާން އެންގުމުން ހާޒިރު ނުވުމަކީ މަގުބޫލު އުޒުރެއް ނެތި ހާޒިރު ނުވުން ކަމަށް ނުބެލެވޭނެ ކަމަށެވެ. އަދި ކޯޓުގެ އަމުރަށް ތަބާނުވާކަމަށް ނުބެލެވޭނެ ކަމަށެވެ.
ހުކުމްގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒުތަކާ ބާރުތަކުގެ ގާނޫނުގެ 11 ވަނަ މާއްދަގެ (ހ) ގައި މަޖިލީހުގެ ޖަލްސާތަކަށް ހުރަސްއެޅޭ ގޮތަށް މެމްބަރަކު ޝަރުއީ ކޯޓަކަށް ހާޒިރުކޮށްގެން ނުވާނެ ކަމަށް ބުނެފައި އޮތް މާއްދާ ސުޕްރީމް ކޯޓުން ބާތިލު ކުރީ ހާމިދާ މެދު ފިޔަވަޅު އެޅި ފަހުން ކަމަށެވެ. އެހެންކަމުން އޭރު އެ މާއްދާ ބާތިލްނުކުރާތީ އެ މާއްދާގައި ބުނެފައިވާ ގޮތަށް ހާމިދާ ދެކޮޅަށް އަމަލު ނުކުރެވޭނެ ކަމަށް ވެސް ހައިކޯޓުގެ ހުކުމްގައި ވަނީ ބުނެފަ އެވެ.
ކޯޓުގެ ހުރުމަތް ކަނޑާލުމުގެ ކުށުގައި ހާމިދު ހަ މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމްކުރީ މިދިޔަ އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހު އެވެ. ނަމަވެސް އޭނާގެ މައްޗަށް ކޯޓުން އިއްވާފައިވާ ހުކުމް ތަންފީޒު ކުރުމަށް ޖަލަށް ގެންދެވިފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ.
ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އެންގުމަށް ޑީޕީއާރުއެސް އިން ހާމިދު ޖަލަށް ގެންދިޔައީ އިމްތިޔާޒު ގާނޫނުގެ ހަތަރު މާއްދާއެއް ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ބާތިލްކުރުމާއި ގުޅިގެންނެވެ.
ކޯޓަށް ހާޒިރުނުވި މައްސަލައިގައި ހާމިދު ޖަލަށްލުމަށް ހުކުމްކުރި ފަހުން އޭނާ ވަނީ މަޖުލީހުގެ އިދާރާއަށް ވަނުމަށްފަހު އެތަނަށް ދިރިއުޅުން ބަދަލުކޮށް 26 ދުވަސް އެތަނުގައި މީގެ ކުރިން ހޭދަކުރައްވާފަ އެވެ.
ހާމިދު ހަމަސް ދުވަހަށް ޖަލަށް ލުމަށް ދަށު ކޯޓުން ކުރި ހުކުމް ހައިކޯޓުން މިއަދު ބާތިލްކުރުމާއި ގުޅިގެން ޑީޕީއާރުއެސް އިން ވަނީ މިހާރު ހާމިދު ދޫކޮށްލާފަ އެވެ.
ހާމިދު ޖަލަށް ލުމަށް ދަށު ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ