މާމިގިލީ ދާއިރާއަށް ކުރިމަތިލެއްވުމަށް ގާސިމް ނިންމަވައިފި

ރިޔާސީ އިންތިހާބުގައި އަބްދުﷲ ޔާމީނަށް ޖުމްހޫރީ ޕާޓީން ތާއީދު ކުރީ ރައްޔިތުންގެ ހައްގުގައި ކަމަށާއި ހަމައެގޮތަށް ރައްޔިތުންނަށްޓަކައި މި ސަރުކާރު ދެމެހެއްޓުމަށް ވެސް މަސައްކަތް ކުރާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޕްރޮގްރެސިވް ކޯލިޝަނަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވުމާ ގުޅިގެން އެކާމިޔާބީގައި ސަން އައިލެންޑް ރިސޯޓުގެ މުވައްޒަފުންގެ ހިއްސާ ފާހަގަކޮށް ޝުކުރު އަދާކުރުމުގެ ގޮތުން ރޭ ސަން އައިލެންޑުގައި ބޭއްވި ހަފުލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ ބޭރުގެ ޖަމާއަތްތަކުން ވަކި މީހަކު ރާއްޖޭގެ ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރުމުން އެކަމާ ފުންކޮށް ވިސްނަންޖެހޭ ކަމަށާއި ވަކި މީހަކު ވެރިކަމަށް ގެނައުމަށް ފާޅުގައި ވާހަކަދެއްކީ އޭގެ ފައިދާ އެބަޔަކަށް އޮވެގެންކަން ދަންނަން ޖެހޭ ކަމަށެވެ. އޭރުން ރާއްޖޭގެ ރައްޔިތުންނަށް ވެރިކަން ކޮށްދިނުން އަންނާނީ މާފަހަތަށް ކަމަށާއި މިކަންކަން އަބަދު ރައްޔިތުންނަށް ވިސްނައިދޭން ޖެހޭ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ޖުމްހޫރީ ޕާޓީން ނިންމި ނިންމުމަކީ ދިވެހި ރައްޔިތުންނަށްޓަކައި ނިންމި ނިންމުމެއް ކަމަށާއި ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރުމުގައި އަދި ރައްޔިތުންނަށް ހިދުމަތް ކުރުމުގައި އެމަނިކުފާނާއި ޖުމްހޫރީ ޕާޓީ ދެމިއޮންނާނެ ކަމަށެވެ.
"އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންގެ ކުރިއެރުމަށް ވިސްނާށޭ. އެއީ ވަކި ކަމަކަށް ދިމާކޮށްފައި ވަކި ވަގުތެއްގައި ކުރަން ޖެހޭ ކަމެއް ނޫން. އަބަދު އެކަން ކުރަން ޖެހޭނެ. މީގެ 60 އަހަރު ކުރިއަށް ދާން ބޭނުން ނުވާނަމަ މަސައްކަތް ކުރަން ޖެހޭ. ފަރުދީ ޒިންމާ އަދާކުރަން ޖެހޭ. އެއީ ގާސިމަށްޓަކައި ކުރަން ޖެހޭ ކަމެއް ނޫން. މިއީ ތިބޭފުޅުންނަށްޓަކައި ތިބޭފުޅުންގެ ކުރިއެރުމަށްޓަކައި ކުރަން ޖެހޭ ކަމެއް" ގާސިމް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ގައުމު ތަރައްގީ ވާނީ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެއް އޮތް ކަމަށް ގަބޫލުކޮށް އެ ޒިންމާ އަދާކުރުންމަތީ ސާބިތުވެތިބެގެން ކަމަށެވެ.
މީގެ އިތުރުން ގާސިމް އިބްރާހިމް ވިދާޅުވީ 2018 ގައި އެމަނިކުފާނު ވެރިކަމަށް ކުރިމަތިލައްވާނެތޯ ނުވަތަ ނޫންތޯ ވެސް ނިންމާނީ ރައްޔިތުން ކަމަށާއި ރައްޔިތުންގެ ހައްގުގައި އަބަދުވެސް ދެމިހުންނަވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަނެއްކާވެސް މާމިގިލީ ދާއިރާއަށް ކުރިމަތިލައްވާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ރޭގެ މިހަފުލާގައި އިއުލާން ކުރައްވާފައެވެ.
މިހަފުލާގައި ވާހަކަފުޅު ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު އަދި ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމް ވިދާޅުވީ ޖުމްހޫރީ ޕާޓީން ސަރުކާރުގައި ބައިވެރިވެގެން މަސައްކަތް ކުރަނީ ވަރަށް އިހުލާސްތެރިކަމާއެކު ކަމަށާއި ރައްޔިތުންގެ ހެވާއި ލާބަޔަށް މަސައްކަތް ކުރުމުގައި ސާބިތުކަމާއި އަޒުމާއެކު ޖުމްހޫރީ ޕާޓީ ދެމިއޮންނާނެ ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެރިކަމަށް ކުރިމަތިލެއްވީ ދިވެހި ރައްޔިތުންގެ ހައްގުގައި ކަމަށާއި އެމަނިކުފާނު މަސައްކަތްޕުޅު ކުރެއްވީ ރައްޔިތުންނަށް އުފާފާގަތިކަން ހޯދައިދިނުމަށް ކަމަށް ވެސް އަމީން ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ރިޔާސީ އިންތިހާބުގައި ގާސިމް އިބްރާހީމްގެ ފަރާތްޕުޅުން ފެނިގެން ދިޔައީ ރައްޔިތުންގެ ދެކެ އިންތިހާއަށް ލޯބިވާ މީހެއްގެ ފަރާތުން ނޫނީ ނުފެންނާނެ މަންޒަރެއް ކަމަށެވެ.
"މުޅި އިންތިޚާބު ނިމިގެންދިޔައިރު އަޅުގަނޑު ރޮއްވާލި ވަގުތުކޮޅެއް އައި. ހަމަހަގީގަތުގައި ވެސް ރޮވުނު. ފުރަތަމަ ބުރަށް ފަހު އެމަނިކުފާނު އިންތިޚާބާ ވަކިވެވަޑައިގެން ކުނޫޒުގައި ބޭއްވި ޕްރެސް ކޮންފަރެންސް. އެއީ މިހާރުގެ ރައީސް ޔާމީނާއި ކުރީގެ ރައީސް މައުމޫންއާއި އެކުގައި ބޭއްވި ބައްދަލުވުން. ވަރަށް ވަރުގަދަ އަޒުމެއްގައި އެމަނިކުފާނުގެ ނިންމެވުން އިއުލާން ކުރެއްވި. ކުރެއްވި ހުރިހާ މަސައްކަތެއް އެހެން ބަޔަކަށްޓަކައި ދޫކޮށްލެއްވި. އެ މަންޒަރަކީ ރައްޔިތުން ދެކެ އިންތިހާއަށް ލޯބިވާ ބޭފުޅެއްގެ ފަރާތުން ނޫނީ ނުފެންނާނެ މަންޒަރެއް" މިނިސްޓަރ ވިދާޅުވި އެވެ.
އަމީން ވިދާޅުވީ ސަރުކާރަކީ ރައްޔިތުންނަށް އިތުބާރު ކުރެވޭ ސަރުކާރަކަށް ހެދުމަށާއި ރައްޔިތުންގެ ހިދުމަތްތައް ކަށަވަރު ކުރުމަށް ޖުމްހޫރީ ޕާޓީން ބުރަކޮށް މަސައްކަތް ކުރަމުންދާ ކަމަށާއި އެ މަސައްކަތުގައި ސާބިތުކަމާއެކު ކުރިއަށް އޮތް ތަނުގައި ވެސް ޖުމްހޫރީ ޕާޓީ ދެމިއޮންނާނެ ކަމަށެވެ.
ސަން އައިލެންޑްގައި ރޭ ބޭއްވި މިހަފުލާގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާއި ޕާޓީގެ ނާއިބު ލީޑަރު އަމީން އިބްރާހިމްގެ އިތުރުން ސަން އައިލެންޑްގެ ކުރީގެ ޖެނެރަލް މެނޭޖަރު އަދި މިހާރުގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު އާއި ސަން އައިލެންޑުގެ މިހާރުގެ ޖެނެރަލް މެނޭޖަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު ޑރ. އަބްﷲ މައުސޫމް ވެސް ބައިވެރިވަޑައިގަތެވެ.
ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށާއި ޕްރޮގްރެސިވް ކޯލިޝަނަށް ކާމިޔާބު ހޯދައިދިނުމަށް ސަން އައިލެންޑް ރިސޯޓުގެ މުވައްޒަފުން ކުރި އިހުލާސްތެރި މަސައްކަތް ފާހަގަކޮށް މިހުރިހާ ބޭފުޅުން ވެސް އެ މުވައްޒަފުންނަށް ޝުކުރު އަދާކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ