ފަސް ރަށެއް ބްރިޖަކުން ގުޅާލުމަށް ގާސިމް ވައުދުވެވަޑައިގެންފި
ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި މާލެ އާއި ހުޅުލެ އާއި ވިލިމާލެ އާއި ގުޅިފަޅު އަދި ތިލަފުށި ބްރިޖަކުން ގުޅުވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް މިރޭ ވައުދުވެ ވަޑައިގެންފި އެވެ. ޖުމްހޫރީ ގުޅުމުގެ ފަރާތުން ހުޅުމާލޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި، މިހާރު ތަރައްގީ ކުރަމުން އަންނަ ގުޅީފަޅާއި ވިލިނގިލި ބްރިޖަކުން ގުޅާލައި ތިލަފުއްޓާއި ގުޅީފަޅާ ދެމެދު ބުރިޖެއް ހަދާނެ ކަމަށެވެ. އަދި ހުޅުލެ އާއި މާލެ ވެސް ބްރިޖަކުން ގުޅާލާނެ ގާސިމް ވިދާޅުވި އެވެ. "އަޅުގަނޑު މިދެންނެވި ތަންތަނުގައި ދަތުރުފަތުރު ކުރެވޭނެ ފަސޭހަ ގޮތް އަޅުގަނޑުމެންގެ ވެރިކަމެއްގައި އިރާދަ ކުރެއްވިއްޔާ ހަދައިދޭނަން. މިތަންތަން ބްރިޖަކުން ގުޅާލެވޭނެ. ދިވެހިން އެދޭ ތަރައްގީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ގެނެސްދޭނަން،" މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ހުޅުމާލެ މިހާރަށް ވުރެ ބޮޑަށް ތަރައްގީ ކުރެވޭނެ ކަމަށާއި އެކަމަށް ޖުމްހޫރީ ޕާޓީގެ ވަރަށް ބޮޑު ވިސްނުމެއް އެބަ އޮތް ކަމަށެވެ. އެގޮތުން މާލެއެކޭ އެއްގޮތަށް ހުޅުމާލެ ތަރައްގީ ކުރަން ވިސްނަވަނީ ބޮޑު އާބާދީއަކަށް އަމާޒު ކުރައްވައިގެން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ހުޅުމާލެ އިން ހެޔޮ އަގުގައި ބޯ ހިޔާވަހިކަން ހޯދައި އެތަންތަން މިލްކު ކުރެވޭނެ ފަސޭހަ އަގުހެޔޮ ނިޒާމްތަކެއް ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ގާއިމް ކުރާނެ އެވެ. އެންމެ ފަހުގެ ޒަމާނީ ހިދުމަތްތައް ލިބޭނެ ހޮސްޕިޓަލެއް ހުޅުމާލޭގައި ގާއިމް ކުރުމުގެ ވައުދު ވެސް ގާސިމް ވަނީ މިރޭ ވެފައެވެ. އަދި އެއީ މުޅި ރާއްޖޭގައި ހުރި އެންމެ ފެންވަރު ރަނގަޅު އެއް ހޮސްޕިޓަލަށް ހަދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. "މިރަށް މިހާރަށް ވުރެ ބޮޑަށް ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ތަރައްގީ ކުރެވިގެންދާނެ. މި ރަށުން ލިބެންޖެހޭނެ ހިދުމަތްތައް އަޅުގަނޑުމެން ސީދާ މިރަށުން ލިބޭނެ ގޮތް ހަމަޖައްސައިދޭނަން،" ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ