އަޅުގަނޑު ނޫސްވެރިއެއްގެ ފައިވާނަށް އެރިފަހުން ހަނދާންވާ ގޮތުން ފުރަތަމަ ފަހަރަށް ރައީސް މައުމޫނާ ބައްދަލުވީ 1996 އަހަރު ޒުވާނުންގެ ދުވަހާ ގުޅިގެން އިޖްތިމާއީ މައުރުކަޒުގައި އޮތް ހަފްލާއެއްގެ ތެރެއިންނެވެ. އޭރު އަޅުގަނޑު ހުރީ އާފަތިސް ނޫހުގެ އެންމެ ޖޫނިއާ ރިޕޯޓަރަކަށެވެ. އެ ހަފުލާގެ ތެރެއިން މައުމޫނު އަރިހަށް އަޅުގަނޑު ގެންދިޔައީ ހަވީރުގެ ޗެއާމަން ޑރ. ޒާހިރު ހުސައިނެވެ. މައުމޫން އަޅުގަނޑު ގާތުގައި ވިދާޅުވީ އެމަނިކުފާނު ވެސް ވަރަށް ލިޔުއްވާ ހިތްވާ ކަމަށާއި އަވެއްޖެއްވެއްޖިއްޔާ އަދިވެސް ލިޔުއްވާނެ ކަމަށެވެ. ނޫސްވެރިކަން ދޫކޮށް ނުލައްޗޭ ވެސް ވިދާޅުވި އެވެ. އެދުވަހު މައުމޫނު އަރިހުގައި އަޅުގަނޑަށް ދެންނެވުނީ "ނޮވެމްބަރު ތިނެއް" ގެ ވާހަކަ ވަރަށް ލިޔާ ހިތްވާ ކަމަށެވެ. ހިނިފުޅުވަޑުވާފައި ވިދާޅުވީ ތަންކޮޅެއް ފަހުން ދޯ އެވެ.
***
ނޮވެމްބަރު ތިނެއްގެ ހާދިސާއަށް 25 އަހަރުވީ އެވެ. ރައީސް މައުމޫންގެ ވެރިކަން ވެސް މާޒީއަށްވީ އެވެ. ބުރާސްފައްޗެއްގެ އެ ހާދިސާއާބެހޭ އެތަކެއް ވާހަކައެއް މިހާރު ލިޔެފި އެވެ. މިދިއަ އަހަރު ސިފައިން ނެރުނު ފޮތެއްގައި ތަފުސީލު ވާހަކަތައް ރައީސް މައުމޫނާއި އެހެން ބައެއް ހާއްސަ ބޭފުޅުންނާ ހަވާލާދީ ލިޔެފައި ވެސް އެބަހުއްޓެވެ. އަޅުގަނޑު ކަހަލަ މީހަކު ދެން އެވާހަކަ ލިޔާން އުޅުމުގެ މާ ބޮޑު ބޭނުމެއް ނެތް ވަރަށެވެ. އެ ފޮތް ލިޔުއްވި ބޭފުޅުންގެ މަސައްކަތްކޮށްފައި ވަނީ ބުރަކަށީގައި ފިރުމާލާހާ ވަރަށެވެ. އެހެން ނަމަވެސް ނޮވެމްބަރު ތިނެއްގެ ވާހަކަ އެންމެ ތަފާތު ގޮތަކަށް އަޅުގަނޑަށް އަޕްޑޭޓްވީ މިފަހަރު އެވެ. ޓްވިޓަރު ޖަހާ މީހުންގެ ފަރާތުންނެވެ.
ނޮވެމްބަރު ތިން ވަނަ ދުވަހާއި އެރޭގެ ވަރަށް ގިނަ ޓްވީޓްތައް އަޅުގަނޑު ކީމެވެ. އެއިން ބައެއް ވާހަކަ ހިމުން ފުރޭންޏަކުން ފުރާނާލީމާ ދެތިން ކަމެއް އަޅުގަނޑަށް ފާހަގަ ކުރެވުނެވެ. ސްރީލަންކާ ޕްލޯޓް ޖަމާއަތުގެ ހަނގުރާމަވެރިން ރާއްޖޭގެ ވެރިކަން ބަދަލު ކޮށްލަން އަންނަކަން ރައީސް މައުމޫނަށް އެނގިވަޑައިގެން އެ ކަންކަން ހިއްސާ ނުކުރައްވާ ހުންނެވުން، އެއް ކަމެކެވެ. ޕްލޯޓް ޖަމާއަތުގެ މީހުން މާލެ އަރައި ބަޑިތަޅައިގަތުމާއެކު ރައީސް މައުމޫން ފިއްލެވުން، ދޭކެވެ. ތިން ވަނަ ކަމަކަށް އޭރުވެސް ރައްޔިތުންގެ ހިމާޔަތަށްވުރެ ބޮޑަށް ތީމުގެއަށް ސިފައިން ގިނަކޮށް އެގޭގެ ވަކިތަނެއްގައި ސިފައިންގެ ލަޝްކަރެއް ރުކުރުވާފައި ބާއްވަނީ އެވެ. ހަތިޔާރާއެކު އެވެ. މިއީ ޓްވީޓް ޖަހާ މީހުންގެ އިބާރާތްތަކުން ލިބުނު ޕިއްޗަރެވެ. އެކަމަކު އެ ޕިއްޗަރު ބަލައިގެން އަޅުގަނޑު ގާތަށް އަންނަނީ ނުބައިފާޑެއްގެ ހިންޏެކެވެ.
ޕްލޯޓް ޖަމާއަތުގެ މީހުން، ނޫނީ އެހެންވެސް އެފަދަ ބަޔަކު ވެރިކަން ބަދަލު ކުރަން އަންނަކަން ރައީސް މައުމޫނަށް އެނގިވަޑައިގަންނަވަނީ އެވެ. އެމަނިކުފާނު އެކަން ސިއްރު ކުރެއްވީ އެވެ. އެކަމަކު ސުވާލަކީ އެމަނިކުފާނަށް ލިބި ވަޑައިގަތީ ކިހާވަރެއްގެ ކޮންކަހަލަ މައުލޫމާތެއް ހެއްޔެވެ؟ ރާއްޖޭގެ އިންޓެލިޖެންސްގެ ގާބިލުކަން އޭރު އޮތީ ކިހާ ވަރެއްގައި ހެއްޔެވެ؟ އެ ބަޔަކު އަންނަނީ ކާކުގެ ވެރި ކަމެއް ބަދަލު ކުރަން ހެއްޔެވެ؟ އޭރު މައުމޫނުގެ ވެރިކަމަށްވީ ކިތައް އަހަރު ހެއްޔެވެ؟
ނޮވެމްބަރު ތިނަކާ ދިމާކޮށް ޓްވީޓްޖެހި، ބައެއް ނޯޖަވާނުން ބުނާ ގޮތުން ރައީސް މައުމޫނަކީ ދުވަހަކު ވެސް ވެރިކަމުން ދުރުވެ ވަޑައިގަތުމުގެ ނިޔަތް އޮތް ބޭފުޅެއް ނޫނެވެ. އަދިވެސް މައުމޫން ވެރިކަން ބޭނުންފުޅުވެ އެވެ. ޓްވީޓްޖަހާ މީހުނަށް އަޅުގަނޑު އެކަން ދޫކޮށްލާނީ އެވެ. ރަކިހިނި ހޭނެ ވަރަކަށް ހޭށެވެ.
ޕްލޯޓް ޖަމާއަތުގެ ހަމަލަ އާއިރު ރާއްޖޭގެ ރައީސަކީ މައުމޫނެވެ. އަޅުގަނޑު ހިސާބު ޖެހީމާ އޭރު، އެ ވެރިކަމަށް ވާނީ ނުވަ އަހަރާ ތިން މަހެވެ. ރާއްޖޭގެ ރައީސްކަން 30 އަހަރު ކުރެއްވުމުގެ ނަސީބު ލިބި ވަޑައިގެންނެވި ބޭފުޅަކު، ރައީސް ކަމުގެ އެހާ ކުރު މުއްދެއްގެ ތެރޭގައި ހުންނަވަނިކޮށް އަންނަ އެފަދަ ބޮޑުވެގެންވާ ނުރައްކާތެރި ހަމަލައެއްގެ މައުލޫމާތު ލިބި ވަޑައިގެން ހުންނަވާމެ، އެކަން ހިއްސާ ނުކުރައްވާ ވާހަކަ، މޮޅު ވާހަކައެއްގެ ގޮތުގައި ދައްކާފައި ރަކިހިނި ހުނީމާ އަޅުގަނޑު ގާތަށް އަންނަނީ ނުބައި ފާޑެއްގެ ހިންޏެކެވެ.
ގައުމުގެ ވެރިކަން ކުރާ ހިތް ނުވާނީ ކާކުތޯ އެވެ؟ އެ ނަސީބު މައުމޫނަށް މިންވަރު ކުރެއްވީ އެވެ. ނޮވެމްބަރު ތިނެއްގައި ހަތިޔާރާއެކު އެބަޔަކު އައީ ވެރިކަން ބަދަލު ކުރާށެވެ. ވެރިކަމުގައި ހުންނެވީ މައުމޫނެވެ. އެމީހުން ބޭނުންވީ މައުމޫނު ހިފާ ހައްޔަރު ކުރާށެވެ. މައުމޫނުގެ ވެރިކަން ބަދަލުކޮށް ހިފާ ހައްޔަރު ކުރަން އަންނަ އިރު އެކަން އެނގިވަޑައިގެން ހުންނަވާ ޗުއްޕު ވެސް ވިދާޅު ނުވެ ފިޔަވަޅެއް ވެސް ނާޅުއްވާ ހުންނަވާނެތޯ އެވެ؟ އަޅުގަނޑުގާތަށް އަންނަނީ ނުބައި ފައިޑެއްގެ ހިންޏެކެވެ.
ޓްވީޓްޖަހާ މީހުން ބެނާލެކުން ނޮވެމްބަރު ތިނެއް ލައިގަތް އިރު ތީމުގޭގައި ސިފައިންގެ ބޮޑު ލަޝްކަރެއް ތޮފި އަޅުވާފައި އޮވެ އެވެ. ރައްޔިތުން ދޫކޮށްލާފައި އެމަނިކުފާނާ އާއިލާގެ ހިމާޔަތަށެވެ. ހުރިހާ ހަތިޔާރެއް ޖަމާކޮށްފައި އޮންނަނީ އެގޭގަ އެވެ. އެހާވަރުގަދަ ސެކިއުރިޓީ އާއި ހަތިޔާރު އެޅި ސިފައިންގެ ލަޝްކަރެއް ރުކުރުވާފައި އޮތް ތަނެއްގައި ހުންނަވާފައި ތަމަޅައިގެން އެރީމާ އެއްވެސް ސެކުރިޓީއެއް ނެތް އަމުދުން ސިފައިންގެ މީހަކު ވެސް ނެތް ގެއަކަށް މައުމޫން ވަޑައިގަންވަންވީ ކީއްކުރަން ހެއްޔެވެ؟ އެހާ ބައިވަރު ސިފައިން އޭގޭގައި ތިބިނަމަ ގައުމުގެ ރައީސް އެގޮތަށް ވަޑައިގަންނަވާން ސިފައިން ދޫކުރާނެ ހެއްޔެވެ؟ އެކަމާ އަޅުގަނޑު ގާތަށް އަންނަނީ އަމަށަކު ހިންޏެއް ނޫނެވެ. -- ތީމުގޭގެ ސެކިއުރިޓީ ވަރުގަދަކޮށް އެގެ ބަދަލު ކުރީ މާފަހުންނެވެ. ނޮވެމްބަރު ތިނެއް އާއިރު ތީމުގޭގައި ތިބޭނީ ސިފައިން ތިން މީހުންނެވެ. --
ނޮވެމްބަރު ތިނެއްގައި ހާދިސާގައި މައުމޫނު ފިއްލެވީއޭ ބުނެ ޓްވީޓް ޖަހާމީހުން ހީނ ހަދަ އެވެ. އަދި މައުމޫނުގެ އެއްވެސް ހަބަރެއް ސިފައިނަށް ނުވާ ކަމަށް ބުނެ އެވެ.
ޕްލޯޓްގެ މީހުން އައީ ފަތިހު 4:00 ޖެހި އިރު އެވެ. ބަޑި ތަޅައިގަތީ 4:30 ގަ އެވެ. ގިނަ އިރުތަކެއް ނުވެ އެމަނިކުފާނު މުއާސަލާތު ފައްޓަވައިފި އެވެ. އޭގެ ފަހުން ހުރިހާ ކަމެއް ހިނގަމުންދިޔައީ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުންނެވެ.
ތެދެކެވެ. މައުމޫން ތީމުގެއިން ވަޑައިގެންނެވި އެވެ. އެއީ މައްސަލައެއް ހެއްޔެވެ؟ "ނައިންއިލެވެން" ގައި އެމެރިކާގެ ވޯލް ޓްރޭޑް ސެންޓަރު ގޮއްވާލުމުން ރައީސް ބުޝް ހެއްދެވީ ކިހިނެއްޔެވެ؟ ހުންނެވީ ކޮންތާކު ހެއްޔެވެ؟ މައުމޫނުވިއްޔާ ބިންމަތީގައި ހުންނެވި ނޫންތޯ އެވެ. ބުޝް ބިންމަތީގައި ވެސް ނެތެވެ. ހުންނެވީ އެއާފޯސް ވަންގައި އެތަކެއް ހާސް ފޫޓު މަތިން ވިލާތަކަށްވުރެ އުހުގަ އެވެ. މި ކަމާ އަޅުގަނޑު ގާތަށް މާ ހިނި އާދެ އެވެ.
އެފަދަ ބޮޑު އެހާ ނުރައްކާތެރި ހާދިސާއެއްގެ ހަގީގަތުގެ މައްޗަށް ޓްވީޓް ޖަހައި ރަކިހިނި ހުނަކަސް މާޒީގެ ލޯ ކަނެއް ނުވާނެ އެވެ. ތާރީހުގެ ކަންފަތް ބީރެއް ވެސް ނުވާނެ އެވެ. ދެރައީ އަޅުގަނޑަށް އެވާހަކަތައް ލިޔެވޭ ގޮތް ނުވީމަ އެވެ. ހިތަށް އަރަ އެވެ. ތަންކޮޅެއް ފަހުން އަވައްޖެއް ވެގެން އެ ވާހަކަތައް ރައީސް މައުމޫނު ލިޔުއްވާނެ ނަމަ އެވެ.
***
މަގުމަތީ ކުނިކަހާން އޮތް އަންހެން މީހާ ފެނުމާއެކު ވަޒަން ބުރުއްސަމުން ދިޔަ ހަނގުރާމަވެރިޔާ އިޝާރާތުން "ގޭތެރެއަށް ވަންނަހަރޭ" ބުނެ އެވެ. އިންޒާރަށް ގުޑާ ގޮތް ނުވުމުން ގުންފައިޖަހާފައި ގޮސް ބިންމައްޗަށް ހަތަރުފަސް އުންޑު ދުއްވާލުމުން އެ އަންހެން މީހާ ދިން ޖަވާބަކީ "އަހަންނަށް އުނދަގޫ ނުކުރަހަރޭ" އެވެ. މިއީ "ނޮވެމްބަރު ތިނެއް"ގެ ހާދިސާއާބެހޭ ގޮތުން އެ ދުވަސްވަރު ޓައިމް މެގަޒިންގައި ލިޔުނު ރިޕޯޓެއްގެ ތަންކޮޅެކެވެ. އެކަމަކު މިހާރު މީހަކު މާލެ ތެރޭގައި ފަތިހު އެގޮތަށް ކުނިކަހަން އޮންނާނެހެނެއް ހިއެއް ނުވެއެވެ. އަދި މިހާރު މީހަކަށް އެޖަހަނީ ބަޑިކަން ނޭނގިއެއް ވެސް ނުދާނެ އެވެ.
އަޅުގަނޑު މިވާހަކަ ލިޔުނީމާ ބަޔަކު މީހުން ރަކިހިނި ހީފައި އަޅުގަނޑާ ލެޑިގަންނާނެ އެވެ. ދަންނަވާން އޮތީ އަޅުގަނޑަށް އުނދަގޫ ނުކުރަހަރޭ އެވެ.
އެ ވާހަކަތައް މައުމޫން ލިޔުއްވާނެ ނަމަ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ