އަލީ ސަލީމާއި މުހައްމަދު ހުސައިން ޑީއާރުޕީން ވަކިވެވަޑައި ނުގަންނަވާ!

ކަނޑިތީމު ދާއިރާގެ މެމްބަރު މުހައްމަދު ހުސައިނާއި ފުނަދޫ ދާއިރާގެ މެމްބަރު އަލީ ސަލީމު ޑީއާރުޕީން ވަކިވެވަޑައިގެންނެވިކަމަށް ދެކެވެމުންދާ ވާހަކަތައް ޑީއާރުޕީން ދޮގިކޮށްފިއެވެ.
ޑީއާރުޕީގެ ކައުންސިލް މެމްބަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރުން އަލީ އާޒިމް ވިދާޅުވީ ފުނަދޫ ދާއިރާގެ މެމްބަރު އަލީ ސަލީމާއި ކަނޑިތީމު ދާއިރާގެ މެމްބަރު މުހައްމަދު ހުސައިން ޑީއާރުޕީން ވަކިވެވަޑައިގެންނެވިކަމަށް ދެކެވެމުންދާ ވާހަކަތަކަކީ ރަނގަޅު ވާހަކަތަކެއް ނޫންކަމަށާއި އެކަން އެގޮތަށް ނުހިނގާކަމުގައެވެ.
މުހައްމަދު ހުސައިންއާއި އާއި އަލީ ސަލީމް ޑީއާރުޕީން ވަކިވެވަޑައިގެންނެވިކަމަށް ދެކެވެމުންދާ ވާހަކަތަކަށް އެދެބޭފުޅުން އަދި އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. އަދި ރެއިން ފެށިގެން ދެ ބޭފުޅުންގެ ތެރެއިން އެއްވެސް ބޭފުޅަކަށް ގުޅޭގޮތް ވަނީ ނުވެފައެވެ.
ޑީއާރުޕީގެ ޕީޖީ ގްރޫޕްގެ ނައިބު ލީޑަރ ކެލާ ދާއިރާގެ މެމްބަރު އަބްދުﷲ މައުސޫމް ރޭ ކުރައްވާފައިވާ ޓްވިޓްއެއްގައި ވިދާޅުވެފައިވަނީ "ޖާސޫސްކުރުމަށް" ޑީއާރުޕީގެ ޕާރލިމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުން ރައީސް ޑރ ވަހީދުއާއި ގުޅިވަޑައިގަންނަވާ ވާހަކަޔަކީ ފިތުނަވެރި ވާހަކަތަކެއްކަމުގައެވެ.
މީގެ އިތުރުން "ގަހުގައިހުރި ވަނދުތަށް ފައިބާނީ ގަސް ރަނގަޅަށް ތަޅުވާލެވުނީމަ" ކަމަށް ވިދާޅުވެވެސް މައުސޫމް ރޭވަނީ ޓްވިޓެއް ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ