ކޮމަންޑޫ ދާއިރާގެ ވޯޓާސް ލިސްޓް ޢާންމުކޮށް ޝަކުވާއަށް ހުޅުވާލައިފި

ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު އާންމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފި އެވެ.އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، އަންނަ އަހަރުގެ ފެބްރުއަރީ 5 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު މިއަދު އާންމުކޮށްފައިވާކަމަށާއި، ރަޖިސްޓަރީ ދިވެހި ސަރުކާރުގެ ގެޒެޓާއި، ކޮމިޝަނުގެ ވެބްސައިޓު އަދި ކޮމަންޑޫ ދާއިރާގެ ރަށްތަކުގެ (ށ.ކޮމަންޑޫ، ށ.ފޯކައިދޫ، ށ.މަރޮށި) ކައުންސިލުގެ އިދާރާއިން ޢާންމުކޮށް ފެންނަން ހުންނާނެކަމަށެވެ.ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހައެޅުމަށް ހުޅުވާލާފައިވަނީ މިއަދުން ފެށިގެން އަންނަ އަހަރުގެ ޖަނަވަރީ 02ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 02:00ގެ ނިޔަލަށެވެ. އަދި ވޯޓާސް ލިސްޓަށް ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެ ކޮމިޝަންގެ އީމެއިލް registration@elections.gov.mv އިންކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ. އަދި އަދި ޝަކުވާ ފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލުގެ އިދާރާތަކުން ލިބެން ހުންނާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.ކޮމަންޑޫ ދާއިރާއަށް ކެންޑިޑޭޓަކު ނެރެން ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ އިތުރުން އިދިކޮޅު މައި ޕާޓީ ޕީޕީއެމް އަދި އެމްއެންޕީން ވެސް ނިންމާފައިވެއެވެ. މި ޕާޓީތަކުން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައަޅަން އެތެރޭގެ ޕްރައިމަރީއެއް މި މަސް ތެރޭ ބާއްވައެވެ.ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެންބަރަކަށް ހުންނެވި ހުސެއިން ވަހީދު މިދިޔަ ހަފްތާގައި އަވަހާރަވުމާ ގުޅިގެންނެވެ. ކެންސަރަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް ހުސައިން ވަހީދު އަވަހާރަވުމާ އެކު، މިދިޔަ ބުރާސްފަތި ދުވަހު އިލެކްޝަންސް ކޮމިޝަނުން ވަނީ ބައި އިލެކްޝަން އިއުލާންކޮށް، މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ