ޖޭޕީގެ ލީޑަރު ގާސިމް ކޮމަންޑޫ ދާއިރާއަށް ވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް ކެމްޕޭން ކޮށްދެއްވުމަށް ޓަކައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް އެ ދާއިރާގެ ރަށްތަކަށް ވަޑައިގަތުމަށް ފުރާވަޑައިގެންފި އެވެ.ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެ، ބައި އިލެކްޝަނެއް ބާއްވަނީ އެ ދާއިރާ ތަމްސީލުކުރެއްވި އެމްޑީޕީގެ މެމްބަރު ޙުސެއިން ވަހީދު އަވަހާރަވުމުންނެވެ. މިއިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ މުޙައްމަދު ރާޝިދެވެ. އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓަކީ މޫސާ ފަތުހީ އާދާމެވެ. އެމްއެންޕީގެ ފަރާތުން ވާދަކުރައްވަނީ އަބްދުލް ހަންނާން އިދުރީސެވެ.މިކެމްޕޭނަށް ޤާސިމް ވަޑައިގަންނަވާއިރު އެޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ނައިބު ރައީސް ފައިސަލް ނަސީމްވެސް ވަނީ މިފަހުން ރާޝިދުގެ ކެމްޕޭނަށް އެދާއިރާގެ ރަށްތަކަށް ވަޑައިގެންފައެވެ.އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހިމެނިވަޑައިގަންނަވާހެން އެމްޑީޕީގެ އިސް ސަފުގެ ގިނަ މެންބަރުން ވެސް ވަނީ މީގެކުރިން އެ ދާއިރާގެ ކެމްޕެއިނަށް ފޯކައިދުއަށް ވަޑައިގެންފައެވެ.ފޯކައިދޫއަށް މީގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގަތުމަށް ހަމަޖެހިފައިވީ ނަމަވެސް އެމަނިކުފާނު ކޮވިޑަށް ޕޮޒިޓިވްވުމުން ވަނީ ދަތުރުފުޅު ކެންސަލް ކުރައްވާފައެވެ.ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން މި އިންތިހާބުގައި އެމްޑީޕީއަށް ތާއީދުކުރަން ނިންމައިފައިވަނީ ޖޭޕީގެ އިތުރުން އަދާލަތު ޕާޓީންނެވެ.ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން ތާއީދު ކުރާ ކެންޑިޑޭޓު ހާމަ ނުކުރަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރުއެމް) އިންނެވެ.ފެބްރުއަރީ މަހުގެ 5 ވަނަދުވަހު އޮންނަ ބައި އިލެކްޝަންގައި 6 ވޯޓް ފޮއްޓެއް ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. މި ފޮށިތަކުގެ ތެރެއިން މާލޭގައި އުޅޭ އެދާއިރާގެ ރައްޔިތުން ވޯޓްލާން ޖެހޭ ފޮށި ހުންނާނީ އިންތިޚާބާބެހޭ މަރުކަޒު، ބާ ޖަމާލުއްދީނުގައެވެ.ކޮމަންޑުއާއި ފޯކައިދޫ އަދި މަރޮށި ހިމެނޭ މި ދާއިރާގައި 3316 މީހުންނަށް ވޯޓްލުމުގެ ހައްޤު ލިބިގެންވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ