ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ސުޕްރީމް ކޯޓުން މަސައްކަތް ކުރާނެ ގޮތް އެކުލަވާލައިފި

ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި ސަރުކާރު ބަންދުކޮށްފައި ހުންނަ މުއްދަތުގައި، ސުޕްރީމް ކޯޓުގެ މަސައްކަތްތައް ކުރިއަށްދާނެގޮތުގެ އުސޫލު މިއަދު ޢާންމުކޮށްފިއެވެ.
އެގޮތުން އެ ކޯޓަށް މައްސަލަތައް ހުށަހެޅުމާއި ބަލައިގަތުމާއި ރަޖިސްޓްރީ ކުރުމާއި ކުށުގެ ރެކޯޑު ސާފު ކުރުން ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ. ކުރިން ތާވަލުކޮށްފައިވާ ޝަރީއަތްތަކާއި ކޮންމެހެން ކުރިއަށްގެންދަންޖެހޭ މައްސަލަތަކުގެ ތަފުސީލާއި، ޝަރީއަތް ހިންގުމުގައި އަމަލުކުރާނެގޮތުގެ ތަފުސީލުވެސް މި އުސޫލުގައި ހިމަނާފައިވެއެވެ.
އޮންލައިންކޮށް މުއާމަލާތް ކުރަން އުނދަގުވާ ފަރާތްތަކަށް ސަރުކާރު ބަންދުކޮށްފައި ހުންނަ ދުވަސްތަކުގައި ކޮންމެ ހަފުތާއެއްގެވެސް ހޯމަ އަދި ބުރާސްފަތި މި ދެ ދުވަހުގެ 10:00 އިން 14:00 އަށް ސުޕްރީމް ކޯޓު ހުޅުވާފައި ހުންނާނެ ކަމަށްވެސް އެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
ދިވެހިރާއްޖޭގައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައިވާ މުއްދަތުގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ސުޕްރީމް ކޯޓުން އެކުލަވާލައިފައިވާ “ޝަރީއތްކުރުމާބެހޭ ޖިނާއީ އިޖުރާއާތުގެ ގަވާއިދު” ގެ 06 ވަނަ ބާބަށް ޢަމަލުކުރުން ވަގުތީގޮތުން ވަނީ ހުއްޓާލާފައެވެ.
އެ މުއްދަތުގައި، ޖިނާއީ މައްސަލަތަކުގެ ޝަރީޢަތުގެ މަޖިލިސްތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިއުމާގުޅޭ ޚާއްޞަ އުޞޫލުތަކެއް ކަނޑައަޅައި، “ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތުގެ މަޖިލިސްތައް ކުރިއަށް ގެންދިއުމާގުޅޭ ޚާއްޞަ ގަވާއިދު” ގެ ނަމުގައި ގަވާއިދެއް ހަދައި، މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން ވަނީ ޢަމަލުކުރަން ފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ