ސިޓީކައުންސިލަށް މިނިވަންކަމާއެކު ވޯޓެއް ނެގުމުގެ ފުރުސަތުވެސްނެތް: މެމްބަރު އުޝާމް

މާލެސިޓީ ކައުންސިލަށް މިނިވަންކަމާއެކު ވޯޓެއް ނެގުމުގެ ފުރުސަތުވެސް މިއަދު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
މެމްބަރު އުޝާމް މިފަދައިން ވިދާޅުވެ ޓްވީޓުކުރައްވާފައި މިވަނީ، މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ވޯޓުނަގަން އެޖެންޑާކޮށްފައިވަނިކޮށް، އެމައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގާފައިވާ ވަގުތެއްގައެވެ.
މެމްބަރު އުޝާމް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ ސިޓީ ކައުންސިލަށް މިނިވަންކަމާއެކު ވޯޓެއް ނެގުމުގެ ފުރުސަތުވެސް މިއަދު ނެތް ކަމަށާއި ކުރީ ސަރުކާރުގަ ކައުންސިލްތަކުގެ ބާރުތައް ކަނޑުވާލިކަމަށްބުނެ އެވާހަަކަ ދެއްކި ބޭފުޅުންގެ މަގާމު ގެއްލިދާނެހެން ހީވީމަ، ލޯކަލް ގަވަމެންޓު އޮތޯރިޓީން ގާނޫނާހިލާފަށް މިއަދު މިކުރާ ކަންކަންވެސް އެބޭފުޅުންނަށް މިއޮތީ ރަގަޅުވެފައި ކަމަށެވެ.
ލޯކަލް ގަވަމެންޓް އޮތޯރިޓީއަށް ފާޑުވިދާޅުވެ އުޝާމް ޓްވީޓު ކުރައްވާފައި ވާއިރު، މާލޭގެ ރައްޔިތުންނަށް ޚިދުމަތް ނުދެވޭތީ އާއި ލާމަރުކަޒީ ގާނޫނާ އެއްގޮތަށް ކައުންސިލް ނުހިންގަވާ ކަމުގެ ތުހުމަތާއެކު އެމައްސަލަ ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ފަޒީނެވެ.
އެ މައްސަލައިގައި ޖަވާބުދާރީވާން 10 ދުވަސް ދީފައިވާއިރު އެމުއްދަތު ހަމަވިއިރު މޭޔަރ ޝިފާ ޖަވާބުދާރީވެވަޑައިގެންފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ.
މޭޔަރ ޝިފާ މުހައްމަދުގެ އިތުބާރުނެތް ކަމުގެ މައްސަލައާއި ގުޅިގެން އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފު ފޮނުއްވި ސިޓީގައިވަނީ އެ އޮތޯރިޓީން އިންކުއަރީއެއް ކުރިއަށްގެންދާ ދަނޑިވަޅުގައި މޭޔަރުގެ އިތުބާރު ނެތްކަމުގެ ވޯޓު ނުގެންދެވޭނެ ކަމަށް އިއްޔެ ބޭއްވި ކުއްލި ބައްދަލުވުމުން ނިންމާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ