އެކަށީގެންވާ ސަބަބަކަށްޓަކައި ދުރުދުރުގައި ތިއްބަސް ނަމާދު ސައްހަ ވާނެ: ރައީސް މައުމޫން

އެކަށީގެންވާ ސަބަބަކަށްޓަކައި ދުރުދުރުގައި ތިއްބަސް ނަމާދު ސައްހަ ވާނެ ކަމަށް އެމްއާރުއެމްގެ އިންތިގާލީ ރައީސް އަދި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫނު މިހެން ވިދާޅުވީ ކޮވިޑް 19ގެ ހާލަތާއި ގުޅިގެން ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލުމަށްފަހު، ނިއުނޯމަލްގައި ލޮކްޑައުންގައި ދިން ލުއި ތަކާއެކު ޖަމާއަތުގައި ނަމާދު ކުރަން ފެށުމުން އިލްމުވެރިންގެ ތެރޭ އުފެދިފައިވާ ދެބަސް ވުމަކާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
އެގޮތުން ޖަމާއަތުގައި ނަމާދު ކުރާއިރު ސަފު ހެދުމުގައި އެންމެ ރަނގަޅު ގޮތަކީ ކައިރިކައިރީގައި ތިބުން ކަމަށް ވިޔަސް، އެކަށީގެންވާ ސަބަބަކާއެކު ގައިދުރުކަން ދަމަހައްޓައިގެން ނަމާދު ކުރެވޭނެ ކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.
ރައީސް މައުމޫނު ވިދާޅުވީ މިހާރު ދިމާވެގެން މިއުޅެނީ އެފަދަ ހާލަތެއް ކަމަށެވެ. މިފަދަ ހާލަތެއްގައި ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް މިދުވަސްވަރު ޖަމާއަތުގައި ނަމާދު ކުރަނީ ގައިދުރުކަމުގެ އުސޫލާއި އެއްގޮތުގެ މަތިން ކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.
މި މައްސަލައިގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުވެސް ވަނީ ރައީސް މައުމޫނު ވިދާޅުވި ފަދައިން މިހާރުގެ ހާލަތަށް ބަލައި އެންމެ ރަނގަޅުވާނީ ގައިދުރުކޮށް ތިބެ ނަމާދުކުރުން ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ