ސަފީރުންނަށް ރުހުން ދިނުމުގެ ކުރިން ކޮމިޓީން އިންޓަވިއުކުރަން ނިންމައިފި

ރާއްޖެއިން ބޭރުގެ ތަފާތު ޤައުމުތަކާއި މުއައްސަސާތަކުގައި ދިވެހިރާއްޖެ ތަމްސީލުކުރައްވަން ތިއްބަވާ ސަފީރުންނަށް މަޖިލިހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ރުހުން ދިނުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ނަން ހުށަހަޅުއްވާ ބޭފުޅުން އިންޓަވިއުކުރުމަށް އެކޮމިޓީން ނިންމައިފިއެވެ. މީގެ ކުރިން ކޮމިޓީން މަސައްކަތްކުރަމުން އައި އުސޫލަކީ ރައީސުލްޖުމްހޫރިއްޔާ ނަންފުޅުތައް ފޮނުވުމުން ކޮމިޓީން އެނަންފުޅުތައް ދިރާސާކުރުމަށްފަހު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތުގެ މަތިން ރުހުން ދިނުމަށްފަހު މަޖިލިހުން ގޮތެއް ނިންމުމަށް މަޖިލިހުގެ ތަޅުމަށް ފޮނުވަނީއެވެ. ސަފީރުކަމަށް ޢައްޔަންކުރުަމށް މަޖިލިހުން ރުހުން ދެނީ މަޖިލިހުގެ ތަޅުމުގައި ނަގާ ވޯޓަކުން މަޖިލިހުގެ ހުރިހާ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ސަފީރުން ޢައްޔަންކުރުމަށް ފެންނަ ކަމުގައި ކޮމިޓީން ކަނޑައެޅުމުގެ ކުރިން ސަފީރުކަމަށް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ ނަން ފޮނުއްވާ ބޭފުޅުން ކޮމިޓީއަށް ގެންނަަވައި އިންޓަވިއުކުރުމަށް ހުށަހެޅުއްވީ މަޖިލިހުގެ ވިލިފުށީ ދާއިރާ މެންބަރު ޙަސަން ޢަފީފެވެ. މިހާތަނަށް ސަފީރުކަމަށް ޢައްޔަންކުރައްވާފައިވާ ބޭފުޅުން އިންޓަވިއުނުކުރި ނަމަވެސް ދެން ސަފީރުކަމަށް ޢައްޔަންކުރާ ބޭފުޅުންނަށް ކޮމިޓީން ރުހުން ދިނުމުގެ ކުރިން އިންޓަވިއުކުރަން ފެނިވަޑައިގަންނަވާ ކަމުގައެވެ. "ރާއްޖެ ތަމްސީލު ކުރާ ފަރާތެއް ބޭރު ގައުމެއްގައި އެންމެ އިސް ފަރާތެއްގެ ގޮތުގައި ހުންނަ އިރު، އެމީހާއަކީ އެކަމަށް އެންމެ އެކަށީގެންވާ މީހެއްގެ ގޮތުގައި ބެލުމުގެ ނިޔަތުގައި މަޖިލީހުން މިކަން ކުރުމަށް ގާނޫނު އަސާސީގައި ލިޔެފައި ވަނީ. މިހާރު ތިބި އެމްބަސަޑަރުންނާ އިންޓަވިއު ނުކުރި ނަމަވެސް، އަޅުގަނޑަށް ފެނޭ އަލަށް ސަފީރު ކަމަށް ފޮނުވާ މީހުންގެ ކޮންމެވެސް ވަރެއްގެ އިންޓައުއެއް ކުރުމަށް،" ހަސަން އަފީފު ވިދާޅުވި އެވެ.ޙަސަން ޢަފީފު ހުށަހެޅުއްވި ހުށަހެޅުއްވުމަށް  އިދިކޮޅު ޕީޕީއެމްގެ ނައިބު ލީޑަރު އަދި ގުރައިދޫ ދާއިރާ މެންބަރު ޣައްސާން މައުމޫނު ތާއީދުކުރެއްވިއެވެ. އެހުށަހެޅުމަށް ދެކޮޅު ހެއްދެވީ ދުވާފަރު ދާއިރާ މެންބަރު އިސްމާޢީލު އަޙްމަދވެ. އޭނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ނަންފުޅުތަކަކީ ޝަރުޠު ހަމަވެގެން މަޤާމަށް ޢައްޔަންކުރަން އެކަށީގެންވާ ކަމުގައި ރައީސް ޤަބޫލުކުރައްވައިގެން ހުށަހަޅުއްވާ ނަންފުޅުތައް ކަމުގައެވެ. އަދި ކޮމިޓީން އެއިން ބޭފުޅެއްގެ މައްސަލައެއް އޮތްތޯ އެކި އިދާރާތައް މެދުވެރިކޮށް ބަލާ ކަމުގައެވެ. ކޮމިޓީގެ އަޣުލަބިއްޔަތުން ޢަފީފު ހުށަހެޅުއްވި ހުށަހެޅުއްވުން ފާސްވިއެވެ. މިވަގުތު ފަސް ޤައުމަކަށް ސަފީރުން ކަނޑައެޅުމަށް ރައީސް ސޯލިހުވަނީ މަޖިލިހަށް ނަންފުޅުތަކެއް ފޮނުއްވާފައެވެ. އެއީ:ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް އައިމިނަތު ޝަބީނާ.އިންޑިއާއަށް ކަނޑައަޅާ ރާއްޖޭގެ ސަފީރުކަމަށް ޑރ. ހުސެއިން ނިޔާޒް.ބަންގްލަދޭޝްއަށް ކަނޑައަޅާ ރާއްޖޭގެ ސަފީރުކަމަށް ޝިރުޒިމަތު ސަމީރު.ޕާކިސްތާނަށް ކަނޑައަޅާ ރާއްޖޭގެ ސަފީރުކަމަށް ފަރްޒާނާ ޒާހިރު.ސްވިޓްޒަލެންޑްގެ ޖެނީވާގައި ހުންނަ އ.ދގެ އޮފީސްތަކަށް ކަނޑައަޅާފައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންގެ ދާއިމީ މަންދޫބުކަމަށް ޑރ. އާސިމް އަހްމަދު.މިއަދު އޮންނަ ކޮމިޓީ ބައްދަލުވުމަށް މިބޭފުޅުން ހާޒިރުކޮށް އިންޓަވިއުކުރައްވާނެ ކަމުގައި ކޮމިޓީގެ މުޤައްރިރު މަރަދޫ ދާއިރާ މެންބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ވިދާޅުވިއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ