763 ސްޓޫޑަންޓް ލޯނު ދޫކޮށް މަތީ ތައުލީމަށް 341 މިލިއަން ރުފިޔާ ހަރަދުކޮށްފި

މި ސަރުކާރުން ވެރިކަމާ ހަވާލުވިފަހުން މިހާތަނަށް 763 ސްޓޫޑަންޓް ލޯނު ދޫކޮށް މަތީ ތައުލީމުގެ އެކި ފުރުސަތުތައް ހޯދައިދިނުމަށް 341 މިލިއަން ހަރަދުކޮށްފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ބުނީ މި ސަރުކާރުން ކުރިއަށް ގެންދާ ސްޓޫޑަންޓް ލޯނާ ސްކޮލާޝިޕް ސުކީމްގެ ދަށުން 272 ވަރަަކަށް ސްކޮލަޝިޕްގެ ފުރުސަތު ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި ސްކޮލާޝިޕްތަކަށް ޖުމްލަ 205.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. އާ ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު ވަނީ އަލަށް ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔަވައިދޭން ވެސް ފަށައިފަ އެވެ. އެގޮތުން 6155 ދަރިވަރަކަށް ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔަވައިދިނުމަށް މިހާތަނަށް 135.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. "ދިވެހިންނަކީ ތައުލީމީ ގޮތުން ކުރިއަރާފައިވާ ގާބިލު ބަޔަކަށް ހެދުމަށް ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުން. ބަޖެޓުގެ ބޮޑު އިންސައްތައެއް ތައުލީމީ ދާއިރާއަށް ހާއްސަކޮށްފައި ވަނީ ވެސް މި ސަބަބަށް ޓަކައި." މިނިސްޓްރީގެ ޓުވީޓުގައިވެ އެވެ. މިއަހަރު ފެށުނު ފަހުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ މިދިޔަ ޖޫން މަހު 514 ދަރިވަރަކަށް މަތީ ތައުލީމުގެ ލޯންގެ ފުރުސަތު ދީފަ އެވެ. ލޯނުގެ ފުރުސަތުތަކުގެ ތެރެއިން 15 ދަރިވަރަކަށް އެމްބީބީއެސް ހަދަން ފުރުސަތު ދިންއިރު 15 ފަރާތަކަށް އެކި ކަހަލަ ލައިސަންސް ނެގުމުގެ ފުރުސަތުތައް ވެސް ދީފަ އެވެ. މިއަހަރު ކުރީކޮޅު ސްޓޫޑަންޓް ލޯން ދޫކުރި ނަމަވެސް މިއަހަރު ފަހުކޮޅު ލޯން ސުކީމްގެ އިތުރު ފުރުސަތެއް ކުރިއަށް ގެންދަން ނިންމާފައި ނުވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ. ނަމަވެސް މީހުން ބިނާކުރުމަށް ކުރިއަށް ގެންދާ އެކި ޓްރެއިނިން ޕްރޮގްރާމްތައް ކުރިއަށްގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ