ދ. އަތޮޅު ކައުންސިލްގެ ކަރަންޓް ބިލްތަކަށް ހަ ލައްކައަށް ވުރެ ގިނަ ފައިސާ ނުދައްކާ ކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފި އެވެ.
އޮޑިޓާ ޖެނެރަލް ނެރުއްވި 2012 ވަނަ އަހަރުގެ ދ. އަތޮޅު ކައުންސިލްގެ އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ 2012 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ކަރަންޓް ބިލްތަކަށް 641،001.39 ރ. ނުދައްކާ އެބައޮތް ކައުންސިލްގެ ލިޔެކިޔުންތަކުން ދައްކާ ކަމަށާއި 2012 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން މިދިޔަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ސެންޓްރަލް ޔުޓިލިޓީޒްއަށް ނުދައްކާހުރި ބިލްތަކުގެ ޖުމްލަ 547،463.85 ރ. އަށް އަރާ ކަމަށެވެ. އަދި މިދިޔަ އަހަރުގެ ޖުލައި މަހުގެ ބިލްތަކަށް ފެނަކަ ކޯޕަރޭޝަނަށް ދައްކަން ޖެހޭ އަދަދު 93،574.54 ރ. އަށް އަރާ ކަމަށް ވެސް ބުނެފައި ވެއެވެ.
ސަރުކާރަށާއި އަމިއްލަ ފަރާތްތަކަށް ދައްކަންޖެހޭ ފައިސާގެ ބިލްތަކުގައި މައްސަލައެއް ނެތްނަމަ 14 ދުވަހުގެ ތެރޭގައި ނުވަތަ އެއްބަސްވެފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ދައްކާ ނިންމާލެވޭނެ ކަމަށް ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 4.04 ގައި ބަޔާންކޮށްފައި ވެއެވެ. އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ އެކިއެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް އަމަލު ކުރުމަށާއި ބިލްތައް ނުދެއްކި ވަނީ ދައުލަތުގެ ކަމާބެހޭ އިދާރާއަކުން އެއްބާރުލުން ނުލިބިގެންކަމަށް ވަނީނަމަ އެ ފަރާތާ މަޝްވަރާކޮށްގެން މައްސަލަ ހައްލުކުރުމަށެވެ.
ދ. އަތޮޅު ކައުންސިލްގެ އަތޮޅުގޭގައި މީހުން ދިރިއުޅުމަށް އުސޫލެއް ހަދާފައިނުވާއިރު، ލިވިން އެލަވަންސް ލިބޭ ކައުންސިލް މެމްބަރުންގެ ތެރެއިން ބައެއް މީހުން، އެއްވެސް ކުއްޔެއް ނުދައްކައި ދިރިއުޅެމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ބުނެފައި ވެއެވެ. އަދި ކައުންސިލްގެ މަޝްވަރާގެ މަތިން އަތޮޅު ގޭގައި ތިބެން ބޭނުންވާ މެންބަރުން އެ ގޭގައި ތިބުމަށް ނިންމާފައިވީ ނަމަވެސް މެމްބަރުން ޔައުމިއްޔާގައި ސޮއިކޮށްފައި ނުވާ ކަމަށާއި ކައުންސިލްގެ 14 ވަނަ ބައްދަލުވުމުގައި އަތޮޅުގޭގައި ތިބޭ ކއުންސިލް މެމްބަރުންގެ އަތުން މަހަކު 500ރ. ނަގަން ފާސްކޮށްފަ ވީ ނަމަވެސް އެ ބައްދަލުވުމުގެ ޔައުމިއްޔާގައި ކައުންސިލަރުން ސޮއިކޮށްފައި ނުވާ ކަމަށެވެ.
އެގޮތުން ސަރުކާރުން ލިވިނ އެލަވަންސް ދޭ ފަރާތްތަކުން އެއްވެސް އަގެއް ނެތި ސަރުކާރުގެ އިމާރާތެއްގައި ދިރިއުޅެމުން ގެންދިއުމުގެ ސަބަބުން، އިމާރާތް ބެލެހެއްޓުމާއި އަދި އިމާރާތާއި ގުޅޭ އެހެނިހެން ހަރަދުތަކަށް ދައުލަތުން ފައިސާ ހަރަދުކުރަން ޖެހިފައިވާ ކަމަށާއި 2012 ވަނަ އަހަރުގެ މެއި މަހުން ފެށިގެން މިދިޔަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 166،324.37 ރ. ހަރަދުވެފައިވާ ކަމަށެވެ.
ރިޕޯޓްގައި ބުނެފައި ވަނީ އެއްވެސް އަގެއް ނުނަގާ އަތޮޅުގޭގައި ކައުންސިލަރުން އުޅުނު ދުވަސްތަކުގައި އޮތޮޅުގޭގެ އިމާރާތް ބެލެހެއްޓުމަށާއި މަރާމާތައް ކުރެވިފައިވާ ހަރަދު އެތަނުގައި ދިރިއުޅުނު ކައުންސިލްގެ މެމްބަރުން އަތުން ނެގުމަށް އެދޭ ކަމަށެވެ.
ދ. އަތޮޅު ކައުންސިލްގެ ކަރަންޓް ބިލަށް ހަލައްކައަށް ވުރެ ގިނަ ރުފިޔާ ނުދައްކާ: އޮޑިޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ