ކަރަންޓް މައްސަލަ ހައްލުކުރަން ފެނަކައަށް 150 މިލިޔަން ރުފިޔާ ދީފި

ރާއްޖޭގެ އެކި ހިސާބުތަކަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް ފެނަކަ ކޯޕަރޭޝަނަށް 150 މިލިޔަން ރުފިޔާ ސަރުކާރުން ދީފައިވާ ކަމަށް އެކޯޕަރޭޝަނުން ބުނެފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފެނެކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަ މުހައްމަދު ނިމާލު ވިދާޅުވީ ސަރުކާރުން ދީފައިވާ ފައިސާ ބޭނުންކޮށްގެން ކަރަންޓްގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދޭނެ ކަމަށެވެ. ފެނަކަ ކޯޕަރޭޝަނަށް ދީފައިވާ 150 މިލިޔަން ރުފިޔާއިން އަތޮޅުތެރެއަށް 72 ޖަނަރޭޓަރު ގަނެ ކަރަންޓްގެ ހިދުމަތް ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ނިމާލް ވިދާޅުވީ ޖަނަރޭޓަރު ގެނެސްދޭނެ ފަރާތެއް ހޯދުމަށް އަންނަ އާދީއްތަ ދުވަހު އިންޓަނޭޝަނަލް ޓެންޑާއަކަށް ހުޅުވާލަން ހަމަޖެހިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދޮޅުމަހެއްގެ ތެރޭގައި އެޖަނަރޭޓަރުތައް ލިބުމުން 72 ރަށެއްގެ ޖަނަރޭޓަރު ކެޕޭސިޓީ ރަނގަޅު ކުރެވޭނެ ކަމަށާއި އޭރުން އަތޮޅު ތެރޭގެ ކަރަންޓްގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ވެސް ނިމާލް ވިދާޅުވި އެވެ.
" 72 ޖަނަރޭޓަރު އިންސްޓޯލް ކުރުމުގެ މަސައްކަތާ އެކުގައި ޑިސްޓްރިބިއުޝަން ނެޓްވޯކް ރަނގަޅު ކުރުމުގެ މަސައްކަތްތައް ވެސް އަޅުގަނޑުމެން ކުރިއަށް ގެންދާނަން. އަދި ގަތުމަށް ހަމަޖެހިފައިވާ ޖަނަރޭޓަރުތަކަކީ 160 ކިލޯވޯޓުން ފެށިގެން 2000 ކިލޯވޯޓާ ދެމެދުގެ ސައިޒްތަކުގެ ޖަނަރޭޓަރުތައް،"ނިމާލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މައިގަނޑު ގޮތެއްގައި ޑިސްޓްރިބިއުޝަން ނެޓްވޯކްގެ ބޮޑެތި މައްސަލަތައް ހުރީ 13 ވަރަކަށް ރަށުގައި ކަމަށެވެ.
ޖަނަރޭޓަރުތައް ބަހައްޓާނެ ރަށްތައް މިހާރު ކަނޑައަޅާފައިވާ ކަމަށާއި މިހާރުން މިހާރަށް ދާއިމީ ހައްލު ބޭނުންވާ ރަށްތަކަށް އިސްކަން ދީގެން އެކަން ކުރަމުންދާނެ ކަމަށް ވެސް ނިމާލް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ