ކޯޓަށް ހާޒިރުކުރާ މީހުންނާއި އެއްތަނެއްގައި ވަކީލުން ތިބޭ ގޮތަށް ކްރިމިނަލް ކޯޓުން ހަމަޖައްސައިފި

އެކި މައްސަލަތަކުގައި ކްރިމިނަލް ކޯޓަށް ހާޒިރުކުރާ މީހުންނާ ވަކީލުން އެއްތަނެއްގައި ތިބޭ ގޮތަށް ކޯޓުގެ އެތެރޭގެ އިންތިޒާމް ހަމަޖައްސައިފި އެވެ.
ވީނިއުސް އަށް މިއަދު މައުލޫމާތު ދެއްވަމުން ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކޯޓަށް އެކި ކަންކަމުގައި ހާޒިރުކުރާ މީހުންނާ ވަކީލުން އެއްތަނެއްގައި ބައިތިއްބަންޖެހުނީ ކޯޓަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުކުރުމުގެ ގޮތުންނާއި ކޯޓުގެ، ކޯޓް ރޫމެއް ބޮޑު ކުރަންޖެހުމާއި ގުޅިގެންނެވެ.
"އަޅުގަނޑުމެން މުވައްޒަފުން ބައި ތިއްބައިގެން ދެއްތޯ ހިދުމަތް ދެވޭނީ. މުވައްޒަފުން ބޭތިއްބުމަށް އަޅުގަނޑުމެން ޖާގަ ހޯދަންޖެހޭތީ މިބަދަލު ގެނައީ،" އޮފިޝަލް ވިދާޅުވި އެވެ.
ކޯޓަށް އެކި ކަންކަމުގައި ހާޒިރުކުރާ މީހުންނާއި ވަކީލުން މީގެ ކުރިން ތިބެނީ ވަކިން ދެ ރޫމެއްގަ އެވެ.
ބައެއް ވަކީލުން މިއަދު ވީނިއުސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކޯޓަށް ހާޒިރުކުރާ މީހުންނާ އެއްތަނެއްގައި ވަކީލުން ބޭތިއްބުމަކީ އެއްގޮތަކަށްވެސް ރައްކާތެރި ކަމެއް ނޫން ކަމަށެވެ. ވަކީލުންގެ އަތުގައި މައްސަލަތަކާއި ގުޅުންހުރި ގިނަ ލިޔެކިޔުންތަކެއް ހުންނާނެތީވެ ކޯޓުން އަލަށް ހަމަޖެއްސި އިންތިޒާމާއި ގުޅިގެން ކަންބޮޑުވާ ކަމަށްވެސް ވަކީލުން ވިދާޅުވި އެވެ.
ކޯޓަށް ހާޒިރުކުރާ މީހުންނާއި ވަކީލުން އެއް ތަނެއްގައި ތިބޭ ގޮތަށް އިންތިޒާމްތައް ހަމަޖެއްސި ނަމަވެސް ކޯޓަށް ހާޒިރުކުރާ ކުށްވެރިން މިހާރު ވެސް ތިބެނީ ވަކިން ކޮޓަރިއެއްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ