މާލަހެއް ނުވެ މަޖިލީހުގެ މެޖޯރިޓީ ޕީޕީއެމަށް ގެއްލޭނެ: ގާސިމް

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ވެރިކަން ކުރާ ޕީޕިއެމަށް މިވަގުތު ލިބިފައިވީ ނަމަވެސް މާލަސްތަކެނުވެ މަޖިލީހުގެ މެޖޯރިޓީ ޕީޕީއެމް އަށް ގެއްލިގެންދާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް އިބްރާހިމް މިހެން ވިދާޅުވީ ގާނޫނު އަސާސީގެ ދިފާއުގައި ޖުމްހޫރީ ޕާޓީއާއި އެމްޑީޕީ ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ ދަށުގެ ބާއްވަމުންގެންދާ ސިލްސިލާ ކަންމަތީ ބައްދަލުވުންތަކުގެ ތެރެއިން މިރޭ ބޭއްވި ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ގާސިމް މިހެން ވިދާޅުވީ މިވަގުތު ޕީޕީއެމްގެ ކޮންޓްރޯލްގައި އޮތް މަޖިލީހުގެ މެޖޯރިޓީ އިދިކޮޅު ފަރާތްތަކަށް ގެއްލުވާ ނުލެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބް ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވަމުންނެވެ.
"ކިތަންމެ ވަރަކަށް އަދީބް ވިދާޅުވިޔަސް އަދި ކޮންމެ ބޭފުޅަކު ވިދާޅުވިޔަސް އެއެއް ނޯންނާނެ އިނގޭތޯ. އިރާދަކުރެއްވިޔާ ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން އެތާނގައިވެސް ތިއްބެވީ މެމްބަރުންގެ ގޮތުގައި ތިއްބެވީ. އެބޭފުޅުންނަށް ހަމައާއި ނަހަމަ އެބަ އިނގޭ،” ގާސިމް އިބްރާހިމް ވިދާޅުވި އެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ ގާނޫނު އަސާސީގެ ދިފާއުގައި ބަޔަކު ނިކުތުމާ ގުޅިގެން ސަރުކާރުން ގޯސްކޮށް ކުރަން މަސައްކަތް ކުރި ބައެއް ކަންކަން ނުކުރުމަށް ނުވަތަ ބަދަލުތަކެއް ގެނައުމަށް ނިންމައިފި ކަމަށެވެ. އެގޮތުން ވިދާޅުވީ ބައެއް ވަޒީރުން މަގާމުން ވަކިކުރަން ނިންމުމަށްފަހު އެކަން މިހާރު ބަދަލުކޮށްފައިވާ ކަަމަށެވެ. އަދި ވިދާޅުވީ އެބޭފުޅުން މިއަދު ނިކުމެ ތިއްބެވީ ގައުމުގެ ކުރިއެރުމާއި ތަރައްގީއަށް މިނިވަންކަމަށްޓަކައި ކަމަށާއި ރައްޔިތުން ވިއްސިވިހާލިވާ ގޮތަށް ސަރުކާރުން ކަންކަން ކުރާނަމަ އެކަމާ ދެކޮޅަށް އަބަދުވެސް ތެދުވާނެ ކަަމަށެވެ.
"އާދެ މިގާސިމް އިބްރާހިމް ކަންތައްތަކަށް ނިކުތީމާ ކަންތައްތަކެއް ވާކަން ގަބޫލުކުރެވެ އެހެން ނޫންތޯ؟ އެހެންވީމާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށްވެސް ރައްޔިތުންނަށްވެސް މިނިވަންކަމެއް ލިބިގެންދިޔައީ މި ގާސިމް އިބްރާހިމާ މުހައްމަދު ނަޝީދު ކިޔާ މީހަކު ނިކުމެ އިސްކޮށް ތިބެ މަސައްްކަތްތަކެއް ކޮށްގެން،" އިސްލާހީ ހަރަކާތްތަކުގައި އަބަދުވެސް ބައިވެރިވަމުން ގެންދަވާ ގާސިމް އިބްރާހިމް ވިދާޅުވި އެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ މިސަރުކާރަށް އެއް އަހަރު ވެގެންދިޔައިރު މީހަކު ސަރުކާރާ ދެކޮޅަށް މަގުމައްޗަށް ނިކުމެ އަގައިން ވެސް ބުނެފައި ނުވާ ކަމަށެވެ. ނަމަވެސް މިއަދު މަގުމައްޗަށް ނިކުމެ ސަރުކާރާ ދެކޮޅަށް އަޑުއުފުލަންޖެހުނީ ގާނޫނު އަސާސީއާ ހިލާފަށް މިއަދުގެ ސަރުކާރުން އެތައް ކަމެއް ކުރުމުން ކަމަށެެވެ. އަދި ވިދާޅުވީ ސަރުކާރުން ގާނޫނާ ހިލާފަށް ކަންތައްތަކެއް ކުރިނަަމަވެސް ކޯޓްތަކުގައި ތިއްބަވާ ފަނޑިޔާރުންނާ ސިފައިންނާ ފުލުހުން އެކަންކަން ހަމައަކަށް އަޅުވާނެ ކަމަށާ އެފަރާތްތަކަށް ފުރިހަމައަށް އިތުބާރު ކުރައްވާ ކަމަށެވެ.
މިސަރުކާރުން ޓެކްސް ނެގުމުގައި ގެންގުޅޭ އުސޫލަށް ފާޑު ވިދާޅުވަމުން ގާސިމް އިބްރާހިމް ވިދާޅުވީ އެބޭފުޅުންގެ ސަރުކާރެއްގައި މުއާސަލާތީ ހިދުމަތުން ޓެކްސް ނުނަގާނެ ކަމަށެވެ. އަދި މިސަރުކާރު ވެރިކަމާ ހަވާލުވެ އިމްޕޯޓް ޑިއުޓީ ބޮޑުކޮށްފައިވާތީ އެބައިވެސް ކަނޑާލާނެ ކަމަށާ އަދި ރައްޔިތުންނަށް ކަރަންޓް ސަބްސިޑީ ލިބޭނެ އިންތިޒާމް ހަމަޖައްސާނެ ކަމުގައިވެސް ގާސިމް އިބްރާހިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ