ސާޅިސް އަހަރު ވަންދެން ޖަލުގައި އޮންނަން ޖެހުނަސް ކްރިމިނަލް ކޯޓުގެ އިސްގަޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރު ކުރިކަމުގެ ޒިންމާ ނަންގަވާނެ ކަމަށް އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނު ވިދާޅުވި ކަމަށް އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަރަލް އަހުމަދު ޝިޔާމު ހެކިބަސް ދެއްވައިފި އެވެ.
ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމު އެގޮތަށް ވިދާޅުވީ ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރެރިޒަމްގެ ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން ހެއްކެއްގެ ގޮތުގައި މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމަށް ވަޑައިގެން ހެކިބަސް ދެއްވަމުން ނެވެ.
މިއަދުގެ ޝަރީއަތުގައި ހެކިބަސް ދެމުން ޝިޔާމް ވިދާޅުވީ ގާޒީ ބަންދު ކުރުމުގެ ކުރިން އޭނާ ހައްޔަރު ކުރަން ނިންމި ވާހަކަ ތޮލްހަތު ވިދާޅުވީ ސިފައިންގެ އިސް އޮފިސަރުންތަކާ އެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށެވެ. ތޮލްހަތު އެގޮތަށް ވިދާޅުވުމުން އެ ބައްދަލުވުމުގައި ތިބި ބައެއް އޮފިސަރުން އެކަމާ ދެކޮޅު ހެދި ކަމަށާއި އެކަމުގެ ތެރެއަށް ސިފައިން ވަންނަން ނުޖެހޭނެ ކަމަށް ބައެއް އޮފިސަރުން ބުނި ކަމަށް ވެސް އޭރު ކޯސްޓްގާޑްގެ ކޮމާންޑަރަކަށް ހުންނެވި ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރު ކުރިތާ ހަފުތާއެއް ފަހުން ނަޝީދާއި ތޮލްހަތު ސިފައިންގެ އިސް އޮފިސަރުންތަކަކާއެކު ބައްދަލުވުމެއް ބޭއްވި ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ވެސް ސިފައިންގެ ބައެއް އޮފިސަރުން އެކަމާ ދެކޮޅަށް ވާހަކަ ދެއްކި ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރުމަށް ހިންގި އޮޕަރޭޝަން ފަދަ އޮޕަރޭޝަނެއް ހިންގޭނީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ އަމުރަށް އެކަނި ކަމަށެވެ.
މިއަދުގެ ޝަރީއަތުގައި ޝިޔާމް ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާ ގުޅުންހުރި ވާހަކަތަަކެއް ވެސް ދެއްކުމަށް މަސައްކަތް ކުރައްވާފަ އެވެ. އެހެންނަމަވެސް ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އެއީ މިއަދުގެ މައްސަލައާ ގުޅުންހުރި ވާހަކަތަކެއް ނޫން ކަަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ދެވަނައަށް ހެކިބަސް ދިނީ އަބްދުﷲ ގާޒީ ގިރިފުށީގައި ބަންދުކޮށްފައި ހުރިއިރު އޭނާގެ ސިއްހީ ކަންކަން ބެލެހެއްޓުމާ ހަވާލުވެ ހުރި އެމްއެންޑީއެފްގެ ޑޮކްޓަރު އަލީ ޝާހިދެވެ. ހެކިބަސް ދެމުން އޭނާ ވިދާޅުވީ ގިރިފުށްޓަށް އޭނާ ދިޔައީ އެ މައްސަލައިގައި ދައުވާ ލިބޭ ކާނަލް މުހައްމަދު ޒިޔާދުގެ އެންގުމުގެ މަތިން ގާޒީގެ ސިއްހީ ކަންކަން ބަލަހައްޓަން ކަމަށެވެ.
ޝާހިދު ވިދާޅުވީ އޭނާ ގިރިފުށީގައި ހުއްޓާ ތޮލްހަތު ވަނީ އަބްދުﷲ ގާޒީގެ ކަންކަން ބަލަން އޭނާއަށް ގުޅާފައި ކަމަށެވެ. އަދި ސިފައިންގެ ފަރާތުން ދިޔަ ސައިކޮލޮޖިސްޓް އައިޝަތު ޒީނާ، ގާޒީއާ ބައްދަލުކުރަން އުޅުމުން އެކަމަށް އޭނާ ދެކޮޅު ހެދި ކަމަށާއި ނަމަވެސް ގާޒީއާ ބައްދަލުކުރަން ޒީނާއަށް ފުރުސަތު ދޭން ތޮލްހަތު މެސެޖަކުން ވެސް އޭނާއަށް އެންގެވި ކަމަށެވެ.
40 އަހަރު ޖަލުގައި އޮންނަން ޖެހުނަސް ގާޒީ ހައްޔަރުކުރުމުގެ ޒިންމާ ނަގާނެކަމުގައި ތޮލްހަތު ވިދާޅުވި: ޝިޔާމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ