އިދިކޮޅު ފަރާތްތަކާ ބައްދަލުކުރަން އުމަރު އޯކޭ، ރައީސް ދެއްކެވީ ބަހަނާ: އަމީން

އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ހުށަހަޅާފައިވާ ޑިމާންޑްތަކާއެކު މަޝްވަރާއަކަށް އެދިވަޑައިގެންނެވުމުން ހޯމް މިނިސްޓަރު އުމަރު ނަސީރު އެކަމަށް ތައްޔާރަށް ހުންނެވި ކަމަށް އަންގަވާފައިވާ ކަމަށާއި ނަަމަވެސް ރައީސް އަބްދުﷲ ޔާމިން އެކަމަށް އަދި އެއްބަސްވެވަޑައިގެންފައި ނުވާ ކަމަށް ޖޭޕީއާ އެމްޑީޕީން ބުނެފި އެވެ.
ޖޭޕީއާ އެމްޑީޕީއާ ދެމެދު އުފައްދާފައިވާ އިންޓަ ޕާޓީ ކޮމިޝަންގެ މިރޭގެ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަމީން އިބްރާހިމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކަނޑައަޅާ ބަޔަކާ ބައްދަލުކުރެއްްވުމަށްޓަކައި ބުރާސްފަތި ދުވަހު ހެނދުނު 10:00 ޖަހާއިރު ހޯމް މިނިސްޓަރު އެޕޮއިންޓްމަންޓް ދެއްވާފައިވާ ކަމަށެވެ. އަދި އެކަމަށްޓަކައި އަމީން ވަނީ މިނިސްޓަރަށް ޝުކުރު އަދާކުރައްވާފަ އެވެ.
ނަމަވެސް ރައީސް ޔާމިނާ ބައްދަލުކުރަން ފޮނުއްވި ސިޓީއާ ގުޅިގެން ރައީސް އޮފީހުން ޖަވާބުގައި ފޮނުވި ސިޓީގައި ބުނެފައިވަނީ ވަކިގޮތަކަށް ޑިމާންޑްތައް ހުށަހެޅުމުން ބައްދަލުވެދާނެ ކަމުގެ ވާަހަކަ ކަމުގައިވެސް އަމީން ވިދާޅުވި އެވެ.
"ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑުމެންގެ ސިޓީއާ ގުޅިގެން މިވިދާޅުވަނީ ރައްޔިތުންނަށް ފައިދާ ހުރި ކަމެއްގައި ތިމަންނާޔާ ތިޔަ ބޭފުޅުން ބޭނުން ވަނީ ވިއްޔާ ތިމަންނާޔަށް ވަގުތު ހަމަޖައްސާ ދެވިދާނޭ،" އަމީން ވިދާޅުވި އެވެ.
އަމީން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ފޮނުއްވި ސިޓީއަށް ރައީސް އޮފީހުން ޖަވަބު ދިން ގޮތުން އިދިކޮޅު ފަރާތްތަކުގެ ޑިމާންޑްތަކަކީ ރައްޔިތުންނަށް ފައިދާ ހުރި ކަންތައްތަކެއްގެ ގޮތުގައި ރައީސް ޔާމިން ދެކެވައިނުގަންނަވާކަން އެނގިގެންދާކަން ކަމަށާއި އެކަމާ ހިތާމަކުރައްވާ ކަމަށެވެ. އިދިކޮޅު ފަރާތްތަކުގެ ޑިމާންޑުތަކާ ގުޅިގެން އެކަންކަން ހާސިލްކުރުމަށް އިތުރަށް ކުރަން ހުރި މަސައްކަތްތަކާ ގުޅޭގޮތުން ކޮމިޓީގައި މިރޭ މަޝްވަރާކޮށްފައިވާ ކަމުގައިވެސް ވިދާޅުވި އެވެ.
ނޫސްވެެރިންގެ މިބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވީ އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ނުދެއްވާ މައްސަލައިގެ އަޑުއެހުންތައް ވަރަށް ބާރަށް ކުރިއަށް ގެންގޮސް ނިންމާލާތީ އަދި އެކަމާ ކަންބޮޑުވާތީ ބަލަން ނުތިބެވޭނެ ކަމަށެެވެ. އެހެންކަމުން އެކަމުގައި ކުރަންޖެހޭ ކަންކަން އެމްޑީޕީގެ އާންމު މެންބަރުން އެދޭ ގޮތަށް ކުރިއަށް ގެންދާނެ ކަމަށާއި އެކަމާއި ގުޅިގެން ޖޭޕީއާއި އެމްޑީޕީއާ ދެމެދު މިހާރު އުފެދިފައިވާ ގުޅުމަށް އެއްވެސް އަސަރެއް ނުކުރާނެ ކަމުގައިވެސް ވިދާޅުވި އެެވެ.
"ރައީސް ނަޝީދުގެ ދިފާއުގައި އެމްޑީޕީގެ އެއްވެސް މެންބަރަކަށް ކަމެއް ކުރަން ބޭނުންވެ އެކަމެއް ނުކުރެވި ހުންނާކަށް ނުޖެހޭނެ. ރައީސް ނަޝީދު މިނިވަންކުރުމަށް ވުރެ މުހިއްމު ކަމެއް އެމްޑީޕީއަކަށް މިވަގުތަކު ނެތް،" އަލީ ވަހީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ