އެމްއެމްއޭގެ ގަވަރުނަރު ކަމަށް ޑރ. އަޒީމާ އާދަމް އައްޔަން ކުރަން މަޖިލީހުން ރުހުން ދޭން ފެންނަ ކަމަށް ނިންމިއިރު ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) ގެ މަގާމަށް އައްޔަން ކުރެއްވުމަށް ފޮނުއްވާފައިވާ މައުމޫން ހަމީދަށް ރުހުން ނުދޭން ނުފެންނަ ކަމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމައިފި އެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ މުގައްރިރު އަދި ދިއްދޫ ދާއިރާގެ މެމްބަރު އަހްމަދު ސަމީރު މިއަދު ވިދާޅުވީ އަޒީމާ އަށް 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބިފައިވާ ކަމަށާއި ނަމަވެސް މައުމޫން ހަމީދަށް ލިބިވަޑައިގަތީ 75 މާކްސްއަށް ވުރެ ދަށުން ކަމަށެވެ.
ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް އައްޔަން ކުރެއްވުމަށް ފޮނުއްވާފައިވާ ރުކްޝާނާ އިބްރާހިމް އަށް ވެސް ރުހުން ދޭން ފެންނަ ކަމަށް ނިންމާފައިވާ ކަމަށް ވެސް ސަމީރު ވިދާޅުވި އެވެ.
ކޮމިޓީން މިގޮތަށް ނިންމި ނަމަވެސް މި ނަންތަކާއި މެދު ގޮތެއް ނިންމާނީ މަޖިލީހުގެ ތަޅުމުންނެވެ.
ސަމީރު ވިދާޅުވީ ކޮމިޓީގެ ރިޕޯޓް މިއަދު މަޖިލީހުގެ ރައީސަށް ފޮނުއްވާނެ ކަމަށެވެ.
ގަވަރުނަރުގެ މަގާމަށް އަޒީމާގެ ނަން ހުށަހަޅުއްވާފައިވާއިރު އޭނާ އަކީ އެމްއެމްއޭގެ އެސިސްޓެންޓު ގަވަރުނަރު އަދި ޗީފް އިކޮނޮމިސްޓު މަނިޓަރީ ޕޮލިސީ ރިސާޗް އެންޑް ސްޓެޓިސްޓިކްސްގެ މަގާމު އަދާކުރައްވަމުން އަންނަ ބޭފުޅާއެވެ.
އޭނާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި 1991 ވަނަ އަހަރުން ފެށިގެން އަޒީމާ ހިދުމަތް ކުރައްވަން ފެއްޓެވިއިރު އޭނާ ޕީއެޗްޑީ ހާސިލު ކުރެއްވީ އޮސްޓްރޭލިޔާގެ ޔުނިވަރސިޓީ އޮފް ކެންބަރާގައި އިކޮނޮމިކްސްގެ ރޮނގުންނެވެ. މާސްޓަރޒް ޑިގްރީ ހާސިލު ކުރެއްވީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ލެއިސެސްޓަރގައި އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެންޑް ފައިނޭންސްގެ ރޮނގުންނެވެ.
ކުރީގެ އެޓޯލްސް މިނިސްޓަރު އަބްދުﷲ ހަމީދުގެ ދަރިކަލުން މައުމޫން ހަމީދަކީ މިހާރުގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ.
އަޒީމާއަށް ރުހުން ދޭން ފެނޭ، މައުމޫން ހަމީދަށް ރުހުން ދޭން ނުފެންނަ ކަމަށް ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ