އެމްޑީޕީ ބަލިކުރަން ބޮޑު ކޯލިޝަނެއް ބޭނުމެއް ނުވޭ: ގާސިމް

ރިޔާސީ އިންތިހާބުގައި އެމްޑީޕީ ބަލިކުރުމަށް ބޮޑު ކޯލިޝަނެއް ބޭނުމެއް ނުވާނެ ކަމަށާއި އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ. ދިވެހިރާއްޖޭގެ އަޑާއި ޓީވީ މޯލްޑިވްސްއިން ގެސްދިން "ގާސިމް އިބްރާހިމާއެކު ދިވެހިރާއްޖޭގެ އަޑު" ޕްރޮގްރާމުގައި އޭނާ ވިދާޅުވީ ސެޕްޓެމްބަރު 7 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި މީހުން ވޯޓްދޭއިރު ވަރަށް ރަނގަޅަށް ވިސްނާނެ ކަމަށާއި މީގެ ކުރިން އެމްޑީޕީގެ މެނިފެސްޓޯގައި ހުރި ކަންކަމާއި ވެރިކަމުގައި ކަންކަން ވެގެން ދިޔަ ގޮތް ރައްޔިތުން ހަނދާން ނުނެތޭ ކަމަށެވެ. "އެހެންވިމާ އެމްޑީޕީ ބަލިކުރާކަށް މާބޮޑު ކޯލިޝަނެއް ހަދަންޖެހޭނެ ކަމަކަށް އަޅުގަނޑު ނުދެކެން،" ގާސިމް ވިދާޅުވި އެވެ. ރައީސް މުހައްމަދު ވަހީދުގެ "ގައުމާއިގެން ކުރިއަށް" ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ، ޖުމްހޫރީ ޕާޓީއާ ގުޅޭނެ ކަމުގެ އަޑުތައް ފެތުރެމުންދާއިރު، ގާސިމް ރޭ ވިދާޅުވީ އެފަދަ މަޝްވަރާތަކެެއް ނުކުރެވޭ ކަމަށާއި ނަމަވެސް އަދާލަތު ޕާޓީއާއެކު ވެސް ކޯލިޝަން ހަދަންޖެހިއްޖެ ނަމަ ދެ ފަރާތް އެއްބަސްވާ ގޮތަކަށް ކޯލިޝަން ހެދޭނެ ކަމަށެވެ. ރަނިންމޭޓަކު ކަނޑައަޅުއްވާނީ ކޮން އިރަކުންތޯ ޕްރެޒެންޓަރު މުހައްމަދު އަފްސަލް ސުވާލުކުރުމުން ގާސިމް ވިދާޅުވީ އެކަމާ ވިސްނަމުންދާ ކަމަށާއި އެކަމަކު "އަދި ވަކި ގޮތެއް ފައިނަލް ނުކުރަން" ކަމަށެވެ. ރަނިންމޭޓަކު ކަނޑަނާޅައި އުޅެނީ "ފަހުން ކިޔާ މާލޫދު މޮޅުވާނެ"ތ ކަމަށާއި އެހެންވެ އަވަސްވެގަތުމަކީ ކޮންމެހެން މާބޮޑު މާނައެއް އޮތް ކަމެއް ނޫން ކަމަށް ގާސިމް ވިދާޅުވި އެވެ. ގިނަ ވައުދުތަކެއް ވެވަޑައިގަންނަވަމުން ގެންދަވާ ގާސިމް ވިދާޅުވީ ނުފުއްދޭނެ ވައުދެއް، ކަންކަން ނުކޮށްދެވޭނެ ސިޔާސަތެއް ހާމަކުރައްވާފައި ނޯންނާނެ ކަމަށެވެ. ކުރިން ފިނޭންސް މިނިސްޓަރުކަން ވެސް ކުރެއްވި ގާސިމް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި ފައިސާ ހޯދާނެ ގޮތްތައް ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ. "ފައިސާ ހޯދާނެ ޕްލޭނެއް އެބަ އޮތް ވަރަށް ރަނގަޅަށް" އޭނާ ވިދާޅުވި އެވެ. އެ ޕްލޭނުގައިވާ ގޮތުން ޓީބިލް އިންޓަރެސްޓަށް މިހާރު ގިނަ އަދަދެއްގެ ފައިސާ ދައްކަންޖެހޭތީ، އެކަން ހަލާސްކުރުމަށްޓަކައި ލުއި ގޮތެއްގައި އެއް ބިލިއަން ރުފިޔާގެ ލޯނެއް ރާއްޖޭން ބޭރުން ނަގާނެ ކަމަށް ގާސިމް ވިދާޅުވި އެވެ. އަހަރަކު 100 މަސްދޯނި ބަނދެ ކަނޑަށް ނެރޭނެ ކަމަށް ވައުދުވެވަޑައިގެންފައިވާއިރު، އެކަމަށް ޑިވެލޮޕްމަންޓް ބޭންކުތަކުން އަހަރަކު 20 މިލިއަން ޑޮލަރު ހޯދާނެ ކަމަށާއި ދައުލަތުގެ އާމްދަނީ އިތުރުކުރުމަށްޓަކައި "ވަށައިޖެހޭނެ ޓެކްސްގެ ނިޒާމެއް ގާއިމުކުރައްވާނެ" ކަމަށް އޭނާ ވިދާޅުވި އެވެ.ގިނަ ރިސޯޓްތަކެއް ހިންގަވާ މަހުޖަނު ގާސިމް ޓޫރިޒަމް ދާއިރާއާ ބެހޭ ގޮތުން ވިދާޅުވީ މިހާރުވެސް ހުރި ޓޫރިޒަމް ސިޔާސަތަކީ ދެމެހެއްޓެނިވި ހަރުދަނާ ސިޔާސަތެއް ކަމަށާއި އެ ސިޔާސަތުތައް ދަމަހައްޓައި، އަލަށް ތައާރަފުވަމުންދާ ގެސްޓް ހައުސް ވިޔަފާރި ވެސް ފުޅާކޮށް ކުރިއަށް ގެންދިއުން ރަނގަޅު ކަމަށެވެ. ނަމަވެސް ރިސޯޓްތަކުގައި ބަނގުރަލާއި އޫރުމަސް ވިއްކުން ހުއްޓާލާފާނެތޯ މީހަކު ފޯނުން ކުރި ސުވާލަށް ސީދާ ޖަވާބެއް ނުދެއްވަ އެވެ. ގާސިމް ވިދާޅުވީ ދިވެހިރާއްޖެއަކީ "އިސްލާމީ ގައުމަކަށް ވީހިނދު، ކުރިން ފެށިގެން ވެސް މި އަންނަނީ ތި ވިދާޅުވި ބާވަތްތައް އަޅުގަނޑުމެންގެ ރާއްޖޭގެ ރަށްރަށުގައި ވިއްކަމުން" ކަމަށެވެ. އިސްލާމް ދީނުގައި އެފަދަ ކަންކަން އޮންނަ ގޮތް، ސުވާލުކުރި މީހާއަށް ވެސް އެނގޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށާއި "ވަކި ހާލަތްތަކެއްގަިއ މުޅަތަކެތި ހުއްދަވާ ހާލަތްތަކެއް އެބަހުރި،" ކަމަށް ގާސިމް ވިދާޅުވި އެވެ. "އަޅުގަނޑަކީ ދަންނަ ބޭކަލެއް ނޫން. އެހެން ނަމަވެސް އަޅުގަނޑުވެސް އިސްލާމަކަށްވެ އުޅޭ މިންވަރަށް ކަންތައްތައް އަޅުގަނޑުވެސް ދަސްކޮށްގެން ހުރި ވާހަކަ ދަންނަވާލަން،" ގާސިމް ވިދާޅުވި އެވެ. ދާދި ފަހުން ވ. ކެޔޮދޫގައި ބޭއްވި ޖަލްސާގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދަށް ނިސްބަތްކޮށް، އެ މަނިކުފާނަކީ މޮޔައެއް ކަމަށާއި "ފުރޭތައެއް" ކަމަށް ގާސިމް ވިދާޅުވެފައިވާއިރު، ރައީސްކަމަށް އަންނަން މަސައްކަތްކުރައްވާ ބޭފުޅަކު އެފަދަ ވާހަކަތަކެއް ވިދާޅުވުމަކީ ކޮންކަހަލަ ކަމެއްތޯ މީހަކު ސުވާލުކުރުމުން ވެސް ސީދާ ޖަވާބެއް ނުދެއްވި އެވެ. މާލެއާއި އަތޮޅުތަކުގެ ފަރަގު ނައްތާލެވޭނެތޯ ސުވާލުކުރުމުން ގާސިމް ވިދާޅުވީ 200 ރަށުގައި މީހުން ދިރިއުޅެމުންދާއިރު އެ ތަފާތު ނައްތާލުމަށް ދުވަސްތައް ނަގާނެ ކަމަށާއި މާލެއާ އެއްފެންވަރަށްް ހުރިހާ ރަށެއް ނުގެނެވޭނެ ކަމަށެވެ. އިގްތިސާދީ އިޖުތިމާއީ ބޮޑެތި މަސައްކަތްތައް ކުރެވޭނީ އާބާދީ ބޮޑެތި ރަށްރަށުގައި ކަމަށާއި ނަމަވެސް އެހެން ރަށްރަށުގައި ވެސް އަސާސީ ހިދުމަތްތައް ގާއިމުކޮށްދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ