އެޗްއާރްސީއެމުން ހިމާޔަތްކުރަނީ ކޮން އިންސާނީ ހައްގެއްތޯ މައުމޫން ސުވާލު ކުރައްވައިފި

މައުސޫމް މީހަކު ތިންމަސް ވަންދެން ހައްޔަރުކޮށްފައި ބެހެއްޓި ސަބަބު އެޗްއާރުސީއެމަށް ނުބެލޭނެނަމަ އެތަނުން ހިމާޔަތްކުރަނީ ކޮން އިންސާނީ ހައްގެއްތޯ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް ސުވާލްކުރައްވައިފިއެވެ.
ރައީސް މައުމޫން އެޗްއާރުސީއެމްއަށް އަމާޒުކޮށް ފާޑުވިދާޅުވެފައިވަނީ ރައީސް މައުމޫނަށް ތާއީދުކުރާ ޒައިދުލް އަމީންގެ ބަންދުކޮށްގެން ގެންގުޅޭ މައްސަލަ ޒައިދުގެ އަންހެނުން އެޗްއާރުސީއެމްއަށް ހުށައެޅުމާއި ގުޅިގެން އެކަން ނުބަލަން އެ ކޮމިޝަނުން ނިންމާފައިވާތީ އެކަމަށް ފާޑުވިދާޅުވަމުންނެވެ.
ޒައިދުގެ އަންހެނުން ހުށައެޅި މައްސަލައާއި ގުޅިގެން އެޗްއާރުސީއެމްއިން ވަނީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށައަޅައިގެން ކުރިއަށް ގެންދިއުމަށް އެދިފައެވެ. އަދި އެ ކޮމިޝަނުން އެމައްސަލަ އިތުރަށް ނުބަލާނެކަމަށް ވަނީ ބުނެފައެވެ.
މިކަމާއި ގުޅިގެން ރައީސް މައުމޫން ވިދާޅުވީ މައުސޫމް މީހަކު ތިންމަސް ވަންދެން ހައްޔަރުކޮށްފައި ބެހެއްޓި ސަބަބު އެޗްއާރުސީއެމަށް ނުބެލޭނެނަމަ އެތަނުން ހިމާޔަތްކުރަނީ ކޮން އިންސާނީ ހައްގެއްތޯ ސުވާލް އުފެދޭކަމަށެވެ.
މާލޭ ސިޓީގެ ކައުންސިލަރު ޒައިދުލް އަމީންގެ ބަންދުގެ މުއްދަތު 8 ވަނަ ފަހަރަށް އިތުރުކޮށްފައިވާއިރު، ޒައިދު ބަންދުކުރީ މިދިޔަ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
ޒައިދު މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، އޭނާ ހައްޔަރުކުރީ އިތުރު ބަޔަކާ ބައިވެރި ވެގެން ވީޑިއޯއެއް ބޭނުން ކޮށްގެން އެކިއެކި މީސްމީހުން ބްލެކްމެއިލް ކުރުމަށް ރާވާ، އެ ވީޑިއޯތައް މީޑިއާއަށް ދީގެން މާލީ ގޮތުންނާއި ސިޔާސީ ގޮތުން މަންފާތަކެއް ލިބިގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާއި ގުޅުންހުރި ހެކި ހޯދުމަށް ކަމަށް ބުނެފައިވާ ކަމަށެވެ.
ނަމަވެސް މިއީ އޭނާ ކޮށްފައިވާ ކަމެއް ނޫންކަމަށް ފުލުހުންނަށް ދަންނަވާފައިވާނެ ކަމަށްވެސް ބަޔާނުގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ