އިންޖީނެއް ނިވި، މާލޭގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިއްޖެ

ސްޓެލްކޯގެ އިންޖީނެއް ނިވުމާ ގުޅިގެން މާލޭގެ ބޮޑު ބަޔަކުން މިއަދު ހެނދުނު ކަރަންޓު ކެނޑިއްޖެ އެވެ. ހެނދުނު 9:30 ހާއިރު ކަރަންޓް ގޮސްފައި ވަނީ މައްޗަންގޯޅި އާއި ހެންވޭރުގެ ބޮޑު ބައެއްގެ އިތުރުން މާފަންނުގެ ބައެއް ހިސާބުތަކުންނެވެ. އެ ސަރަހައްދުތަކުން ގާތްގަނޑަކަށް ގަޑިއެއްގެ އިރަށް ކަރަންޓު ދިޔަ އެވެ.ސްޓެލްކޯގެ ތަރުޖަމާނު އިބްރާހިމް ރައޫފް ވިދާޅުވީ މާލޭގެ ބޮޑު ބަޔަކުން ކަރަންޓު ދިޔައީ ޓެކްނިކަލް މައްސަލައެއް ދިމާވެ، އެއް އިންޖީނު ނިވުމާ ގުޅިގެން ކަމަށެވެ. އެކަމަކު އެ އިންޖީނު ނިވެން މެދުވެރިވި ސަބަބު އަދި ނުހޯދޭ ކަަމަށް އޭނާ ވިދާޅުވި އެވެ."މިހާރު އަލުން ކަރަންޓު ދެވިފައި ވަނީ،" ރައޫފް ވިދާޅުވި އެވެ.މާލޭގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑުނުއިރު، މާލެ އަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް 90 ވަރަކަށް މިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެއް ސްޓެލްކޯ އިން ވަނީ މިދިޔަ މޭ މަހު އިއުލާންކޮށްފަ އެވެ. މި މަޝްރޫ އަކީ ސްޓެލްކޯ އިން އުފައްދާ ކަރަންޓުގެ މިންވަރަށް 50 މެގަވޯޓު އިތުރުކުރުމަށް ހިންގާ މަޝްރޫއެކެވެ. ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމަން އަމާޒު ހިފާފައިވާ މި މަޝްރޫއުގެ ދަށުން އަށް މެގަ ވޯޓުގެ ހަ އިންޖީނު އިތުރަށް ބަަހައްޓާނެ އެވެ. ކަރަންޓުގެ ބިޔަ މަޝްރޫއު ފެށުމަށް ސްޓެލްކޯ އިން ޗައިނާގެ ކުންފުންޏަކާ އެކު މިދިޔަ މޭ މަހު ސޮއިކުރަނީ: މި މަޝްރޫއުގެ ދަށުން 50 މެގަވޯޓުގެ ކަރަންޓު ދޫކުރާނެ-- ހަވީރު ފައިލް ފޮޓޯ: ނިޝާން އަލީ މިހާރު ސްޓެލްކޯ އިން ފޯރުކޮށްދެމުން އަންނަނީ 22 ޖެނެރޭޓަރު ބޭނުންކޮށްގެން 60 މެގަވޯޓުގެ ކަރަންޓެވެ. މާލެއިން މިއަދު ހެނދުނު ކަރަންޓު ދިޔައިރު، ހުޅުމާލެ އިން ދޭތެރެ ދޭތެރެ އިން ކަރަންޓު ދާ މައްސަލަ މިދިޔަ މަހުގެ ފަހުކޮޅު ބޮޑުވި އެވެ. ސްޓެލްކޯ އިން އޭރު ބުނެފައި ވަނީ އެ މައްސަލަ ދިމާވީ ލޯޑު ބޮޑުވުމުގެ ސަބަބުން އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ