އަދީބު އަދިވެސް ވިދާޅުވަނީ ނައިބު ރައީސްކަން ބޭނުން ނުވާ ކަމަށް
ނައިބު ރައީސްގެ މަގާމަށް ވަޑައިގަންނަވަން ބޭނުން ނުވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު އަނެއްކާވެސް މިއަދު ވިދާޅުވެއްޖެ އެވެ. އަދީބު އެހެން ވިދާޅުވީ އޭނާ ނައިބު ރައީސަކަށް ގެންނަން ތާއީދުކޮށް ލ. އަތޮޅުގެ ޒުވާނުން އިސް ނަގައިގެން އެ އަތޮޅުގެ ގުޅިފައިވާ ރަށްތަކުގައި މިއަދު ހަވީރު ބޭއްވި ސައިކަލު ބުރު ނިންމާލުމަށް ފަހު އެެވެ. ސައިކަލު ބުރުގައި ބައިވެރިވި މީހުންނާ ކުރު ގޮތަކަށް ވާހަކަދައްކަވަމުން އަދީބު ވިދާޅުވީ ނައިބު ރައީސްގެ މަގާމަށް "ނާދެވިގެން ނޫޅެން" ކަމަށެވެ."... އެކަމަކު ތިބޭފުޅުން މިހާ ބޮޑަށް ކެމްޕޭން ކުރާތީ އުފާކުރަން،" އޭނާ ވިދާޅުވި އެވެ.އަދީބަށް ތާއީދުކޮށް ލ. އަތޮޅުގައި މިއަދު ބޭއްވި ސައިކަލު ބުރުގައި މެމްބަރު އަހުމަދު ނިހާން (ވ) ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީގެ ފަހަތުގައި އިންނަވައިގެން ސެލްފީއެއް ނަންގަވަނީ.-- ފޮޓޯ: މެމްބަރު ނިހާން ލ. އަތޮޅަކީ، އަދީބު ވިދާޅުވި ގޮތުގައި، ރައީސް އަބްދުﷲ ޔާމީންގެ ތަރައްގީގެ ތަސައްވަރުގެ މުހިއްމު ބައެކެވެ. އޭގެ ސަބަބުތަކުގެ ތެރޭގައި އޭނާ ފާހަގަކުރެއްވީ އެ އަތޮޅުގެ ބިން ބޮޑުވެފައި މުއްސަނދިވުމުގެ އިތުރަށް ކެރޭ ޒުވާނުންތަކެއް އުޅޭ އަތޮޅަކަށް ވުމެވެ. އެހެންވެ، ކުރިއަށް އޮތް ތަނުގައި ލ. އަތޮޅަށް ތަރައްގީގެ އެތައް ކަމެއް އަންނާނެ ކަމުގެ ޔަގީންކަން އަދީބު ދެއްވި އެވެ."މިހާރު ވެސް ލިންކު ރޯޑުގެ މަސައްކަތް މި ދަނީ ވަރަށް ބާރަށް ކުރެވެމުން،" އޭނާ ފާހަގަކުރެއްވި އެވެ.އަދީބަށް ތާއީދުކޮށް ލ. އަތޮޅުގައި މިއަދު ބޭއްވި ސައިކަލު ބުރު.-- ފޮޓޯ: މެމްބަރު ނިހާން އަދީބަށް ތާއީދުކޮށް ލ. އަތޮޅުގައި މިއަދު ބޭއްވި ސައިކަލު ބުރުގައި އޭނާ ޒުވާނުންތަކަކާ އެކު ސެލްފީ ނަންގަވަނީ.-- ފޮޓޯ: މެމްބަރު ނިހާން "މުޅި ލ. ބްރޯއާ އެކު"ގެ ނަމުގައި ކައްދޫ ބަނދަރުން ފެށިގެން ގަމަށް ބޭއްވި ސައިކަލު ބުރު އިންތިޒާމް ކުރުމުގައި އުޅުނު ޒުވާނަކު "ހަވީރަ"ށް ބުނީ އެ ބުރުގައި ގާތްގަނޑަކަށް 600 ސައިކަލުގައި 1،200 އެއްހާ މީހުން ބައިވެރިވި ކަމަށެވެ. އަދީބު ނައިބު ރައީސް ކަމަށް ގެންނަން ގޮވާލާފައިވާ ތަފާތު ޝިއާރުތައް ޖަހާފައިވާ ޓީޝާޓު ލައިގެން ތިބި އެ މީހުން ވަނީ، އޭނާ ބުނި ގޮތުގައި، އަދީބު އެ މަގާމަށް ގެންނަންޖެހޭ ސަބަބުތައް ބަޔާންކޮށް ތަފާތުު ޝުއޫރުތައް ވެސް ފާޅުކޮށްފަ އެވެ."ދައްކައިދޭން ބޭނުންވީ ލ. އަތޮޅު އޮތީ ރައީސް ޔާމީނާއި ނައިބު ރައީސަކަށް އަދީބު ހުންނަވާ ޓީމަކާ އެކުގައިކަން،" އޭނާ ބުންޏެވެ.އަދީބަށް ތާއީދުކޮށް ލ. އަތޮޅުގައި މިއަދު ބޭއްވި ސައިކަލު ބުރު.-- ފޮޓޯ: މެމްބަރު ނިހާން މި ސައިކަލު ބުރުގެ އިސް ސަފުގައި އަދީބުގެ އިތުރުން ބައެއް ވަޒީރުންނާއި ޕީޕީއެމްގެ ބައެއް މަޖިލިސް މެމްބަރުން ތިއްބެވި އެވެ. އޭގެ ތެރޭގައި ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ އާއި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާނާއި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފާއި ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ އެއް ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲގެ އިތުރުން މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު ހިމެނިވަޑައިގަންނަވަ އެވެ. އަދީބަށް ތާއީދުކޮށް ލ. އަތޮޅުގައި މިއަދު ބޭއްވި ސައިކަލު ބުރު.-- ފޮޓޯ: މެމްބަރު ނިހާން ނައިބު ރައީސް ކަމަށް ވަޑައިގަންނަވަން ބޭނުން ނުވާ ކަމަށް އަދީބު ވަނީ މީގެ ކުރިން "ހަވީރަ"ށް ދެއްވި އިންޓަވިއުއެއްގައި ވެސް ވިދާޅުވެފަ އެވެ. އެކަމަކު މިހާރުގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިހާރު އޮތީ ރައްޔިތުންގެ މަޖިލީހުގައި ވޯޓަށް އެހުމުގެ މަރުހަލާގަ އެވެ. އަންނަ ހަފުތާގައި އެ މައްސަލަ އެޖެންޑާ ކުރާނެ ކަމަށް ބެލެވޭއިރު، ނައިބު ރައީސް ކަމަށް އަދީބު ގެންނަން ބޭނުންވާ ކަމަށް ޕީޕީއެމްގެ ގިނަ މެމްބަރުންތަކެއް ގެންދަވަނީ ވިދާޅުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ