ގާސިމް ހުރީ މިހާރު ތިން ފަށްވެފައި – ފަލާހް

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މިހާރު ހުރީ "ސިޔާސީ ގޮތުން ތިން ފަށްވެފައި" ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.
ޕީޕީއެމް އަށް ގިނަ އަދަދެއްގެ މެންބަރުން ގުޅެން މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހް ވިދާޅުވީ " އެއްވެސް ޕާޓީއެއް މިހާރު ނެތް ގާސިމް އިބްރާހިމް ތިން ފަހަރަށް ގުޅިވަޑައިނުގަންނަވާ. އެހެންވީމަ ގާސިމް މިހާރު އެހުރީ ސިޔާސީ ގޮތުން ތިންފަށް ވެފައި" ކަމަށެވެ.
ފަލާހް ވިދާޅުވީ ގާސިމް އިބްރާހިމް އަކީ ވެރިކަމައިގެން ދަހިވެތިވެފައި ހުރި ބޭފުޅެއް ކަމަށާއި ވެރިކަން ނޫން އެއްވެސް އެއްޗެއް ގާސިމް އަށް ނުފެންނަ ކަމަށެވެ.
ފަލާހް ވިދާޅުވީ އެހެން މީހުން ވައްކަން ކުރާ ވާހަކަ ދައްކަވާއިރު ގާސިމް އަށް "ފައިސާ ހުރި މީހަކު މަގުމަތިން ދަނިކޮށް ފެނުނަސް ވަގަށް ނަގާނެ" ކަމަށެވެ.
ފަލާހް ވިދާޅުވީ "މިހާރު އެމްޑީޕީގެ ރައީސަކީ ރައީސް މައުމޫން" ކަމަށެވެ.
"ރައީސް މައުމޫނަށް އެނގިވަޑައިގަންނަވާނެ 2008 ގައި 30 އަހަރު ވަންދެން މި ރާއްޖޭގެ ރައްޔިތުން ރައީސް މައުމޫނަށް ވެރިކަން ކުރުމުގެ ފުރުސަތު ދެއްވި. އަޅުގަނޑުމެން ތިބީ ހަމަ ޗުއްޕު ވެސް ނުބުނެ. ރައީސް މައުމޫނަށް މި ގައުމު ލިބުނީ މޭބިސްކަދުރު ހައްދަން. އެހެން ނަމަވެސް ކޮންއެއްޗެއްތޯ ހެއްދީ؟ ކަށިކުނބުރު ހެއްދީ،" ފަލާހް ވިދާޅުވިއެވެ.
ފަލާހް ވިދާޅުވީ މި ގައުމަށް ބޭފުޅަކު ވަޑައިގެން އަޅުގަނޑުމެންނަށް މޭބިސްކަދުރު ގަހެއް މި ގައުމުން ހެދޭތަން މި ފެންނަނީ މިހާރު ކަމަށެވެ.
"ރައީސް މައުމޫން ވެރިކަން ކުރެއްވިއިރު ދިވެހި ރާއްޖޭގެ ރައްޔިތުން ތިބީ ކިޔަމަންތެރިކަމާއި އޯގާތެރިކަމާ އެކު. އެމަނިކުފާނު ބޭނުން ގޮތަކަށް މި ގައުމުގެ ކަންކަން ބައްޓަން ކުރަން ފުރުސަތު ދީފި." ފަލާހް ވިދާޅުވިއެވެ.
ފަލާހް ވިދާޅުވި ގޮތުގައި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ކުރު މުއްދަތުގެ ތެރޭގައި އެތައް ބިލިއަން ރުފިޔާގެ ތަރައްގީގެ މަޝްރޫއުތައް ވަނީ ހިންގައިފަ އެވެ.
"މި ބޭފުޅުންނަށް ޔަގީން ވަނީ މި ބޭފުޅުންނަށް ދެން ވެރިކަން އަތުނުވާނެކަން 2060 ގައި ވެސް،" ފަލާހް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މައުމޫން ޕީޕީއެމް ހިންގެވި ދުވަސްވަރު އެ ޕާޓީގައި 25000 މެމްބަރުން ވެސް ނުތިބޭނެ ކަމަށާއި އެކަމަކު ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމްގެ މަސައްކަތްޕުޅުންނާއި އެހެން ބޭފުޅުންގެ އެހީތެރިކަމާ އެކު މިއަދު ޕީޕީއެމަށް 60000 މެމްބަރުން ހަމަވެއްޖެ ކަމަށެވެ.
"މެޑަމް އެ ވިދާޅުވަނީ މި އަހަރު ނިމޭއިރު ﷲ އިރާދަކުރެއްވިއްޔާ 120000 މެމްބަރުން ޕީޕީއެމްގައި ތިބޭނެއޭ. އަޅުގަނޑުމެން ރިޔާސީ އިންތިޚާބަށް ނުކުންނާނީ ﷲގެ ރަހުމަތްފުޅާ އެކު ޕީޕީއެމުން އެކަނި ރައީސް ޔާމީން އަށް އިންތިޚާބު ކާމިޔާބު ކުރެވޭވަރުގެ މެންބަރުންނާއި ދިވެހި ރައްޔިތުން ގޮވައިގެން،" އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ