ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ނެތް ނަމަވެސް ޕީޖީ އޮފީހުން ހުށަހަޅާ މައްސަލަތައް ބަލައިގަތުމަށާއި ޝަރީއަތްތައް ކުރިއަށް ގެންދަން ޖުވެނައިލް ކޯޓުން މިއަދު ނިންމައިފި އެވެ.
ޕީޖީގެ މަގާމު ހުސްވެފައި ވަނިކޮށް ޑެޕިއުޓީ ޕީޖީ ހުސައިން ޝަމީމް މިދިޔަ އަންގާރަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެން ޖުވެނައިލް ކޯޓުގެ ޝަރީއަތްތައް ކުރިއަށް ގެންދިއުމާއި މައްސަލަތައް ބަލައިގަތުން އޮތީ މަޑުޖައްސާލައިފަ އެވެ. އަދި އެކަމުގައި އިތުރަށް ކުރިއަށް ދާނެ ގޮތަކާ މެދު އުއްތަމަ ފަނޑިޔާރުގެ ލަފައަކަށް ވެސް ޖުވެނައިލް ކޯޓުން ވަނީ އެދިފަ އެވެ.
ޖުވެނައިލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ މައްސަލަތައް ބަލައިގަތުމަށާއި ޝަރީއަތްތައް ކުރިއަށް ގެންދަން ނިންމާފައިވަނީ މިއަދު ހެނދުނު ބޭއްވި އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަމަށެވެ. އަދި އެކަމުގައި އުއްތަމަ ފަނޑިޔާރު ވެސް ލަފާ ދެއްވީ މިދިޔަ ފެބްރުއަރީ ހަ ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރާ އެއްގޮތަށް އަމަލު ކުރުމަށް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ އަމުރަކީ ޕީޖީ އަކު ނެތި 30 ދުވަސްވުމުން ކަމަށް ބުނެ ކްރިމިނަލް ކޯޓަށް މައްސަލަތައް ބަލައިނުގަންނާތީ ސުޕްރީމް ކޯޓުން ނެރުނު އަމުރެކެވެ. އެ އަމުރުގައިވާ ގޮތުން ޝަރީއަތްތައް ކުރިއަށް ގެންގޮސް، މައްސަލަ ބަލައިގަންނަންޖެހޭ ނަމަވެސް ދައުވާ އަނބުރާ ގެނައުމާއި ދައުވާ ނުކުރަން ނިންމުން ފަދަ ކަންކަން ޕީޖީ އޮފީހަކަށް ނުކުރެވޭނެ އެވެ.
ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވީ ޝަރީއަތްތައް ކުރިއަށް ގެންދަން ނިންމި ނަމަވެސް ޕީޖީގެ ވަކީލުން އެ ކޯޓަށް ހާޒިރުވާން އުޒުވެރިވާކަން އަންގައި، މިއަދު ވެސް އެ ކޯޓަށް ލިޔުމެއް ފޮނުވާފައިވާ ކަމަށެވެ. އެހެންވެ މިއަދު ހެނދުނު ބާއްވަން ތާވަލްކޮށްފައި އޮތް ޝަރީއަތްތައް ވެސް ނުބޭއްވޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ޕީޖީގެ ވަކީލުން ކޯޓުތަކަށް ހާޒިރުވާން ދެކޮޅު ހެދި ނަމަވެސް ބަންޑާރަ ނައިބު އިއްޔެ ލަފާ ދެއްވާފައިވަނީ ޕީޖީ އޮފީހުގައި މި ވަގުތު ހުރި އެންމެ އިސް ބޭފުޅަކާ ޒިންމާ ހަވާލުކޮށްގެން މައްސަލަތައް ކުރިއަށް ގެންދެވިދާނެ ކަމަށެވެ.
މައްސަލަތައް ބަލައިގަނެ ޝަރީއަތްތައް ކުރިއަށް ގެންދަން ޖުވެނައިލް ކޯޓުން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ