މައުމޫން އިންޑިއާގެ ވެރިންނާ ބައްދަލުކުރައްވަން މަސައްކަތްކުރައްވަނީ

ކުރީގެ ރައީސް އަދި ޕީޕީއެމްގެ އިންތިގާލީ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް، އިންޑިއާގެ ބޮޑުވަޒީރު މަންމޯހަން ސިންގް އާއި އިންޑިއާގެ އެހެން ބައެއް ވެރިންނާ ބައްދަލުކުރެއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް އިންޑިއާ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ އެ ގައުމުގެ ނޫހެއްގައި މިއަދު ބުނެފި އެވެ.
ޓައިމްސް އޮފް އިންޑިއާގައި ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ ބުނެފައިވަނީ އެ ބައްދަލުވުން ކުރިއަށް ގެންދިއުމަށް މިހާރު އަންނަނީ ވާހަކަ ދެކެވެމުން ކަމަށެވެ. އެ ބައްދަލުވުމުގައި، ރާއްޖޭގެ ހާލަތާ ބެހޭ ގޮތުން އިންޑިއާގެ ބޮޑުވަޒީރު މަންމޯހަން ސިންގާ އެކު ވެސް މައުމޫން ވާހަކަފުޅު ދައްކަވަން ބޭނުންފުޅުވާ ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ.
"މިކަމަށް އިސްނެންގެވީ ކުރީގެ ރައީސް އަމިއްލަފުޅަށް. ދަތުރާ ބެހޭ ވާހަކަތައް މިހާރު ދަނީ ކުރިއަށް،" ސަރުކާރުގެ އޮފިޝަލަކު ވިދާޅުވެފައިވެ އެވެ.
އެކަމަކު މައުމޫން މި ދަތުރުފުޅު ކުރައްވާނެ ދުވަހެއް އަދި ހަމަނުޖެހޭ ކަމަށް ވެސް އިންޑިއާ ސަރުކާރާ ހަވާލާދީ އެ ނޫހުގައި ބުނެފައިވެ އެވެ.
މައުމޫނުގެ ދަތުރުފުޅާ ބެހޭ ގޮތުން އެ މަނިކުފާނުގެ ރަސްމީ އޮފީހުގެ ބަހެއް އަދި ވަނީ ލިބޭ ގޮތްނުވެފަ އެވެ.
ސަންޑޭ ޓައިމްސް އިން ބުނި ގޮތުގައި މައުމޫންގެ މި ދަތުރުފުޅަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިދިކޮޅު ފަރާތްތަކާ އެކު ވެސް އިންޑިއާ ސަރުކާރުން ގާތް ގުޅުމެއް ބާއްވަން އުޅޭކަމުގެ ހެއްކެކެވެ.
ފެބުރުއަރީ 7 ގައި ވެރިކަން ބަދަލުވި ފަހުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް މުހައްމަދު ވަހީދު ވެސް ވަނީ އިންޑިއާ އަށް ވަޑައިގެން އެ ގައުމުގެ ރަސްމީ ފަރާތްތަކާ ބައްދަލުކުރައްވައި މަޝްވަރާތައް ކުރިއަށް ގެންގޮސްފަ އެވެ. އަދި އިންޑިއާގެ ބޮޑުވަޒީރުގެ ދައުވަތަކަށް ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވެސް ދާދި ފަހުން ވަނީ އިންޑިއާ އަށް ދަތުރެއްކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ