ރާއްޖޭގެ ސިޔާސީ މަސްރަހު ފިނިކުރުމަށްޓަކައި ސިޔާސީ އެއްބަސްވުމަކަށް ދިއުން ނޫން ހައްލެއް ނެތް ކަމަށް އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ރޭ ވިދާޅުވެއްޖެ އެވެ.
ސިޔާސީ މަސްރަހާ ގުޅޭ ގޮތުން "ހަވީރަ" ށް ދެއްވި އިންޓަވިއުއެއްގައި އަލީ ވަހީދު ވިދާޅުވީ ސިޔާސީ އެއްބަސްވުމަކީ މިވަގުތަށް އެންމެ މުހިންމު ކަންތައް ކަމަށާއި މަޝްވަރާ ކުރުމަކީ ރިވެތި މިސާލެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
"ސިޔާސީ އެއްބަސްވުމެއް ނޫން ހައްލެއް އިއްޔެ ވެސް މިއަދު ވެސް މާދަމާ ވެސް ނެތް. މަޝްވަރާ ކުރުމަށް ވަކި ވަގުތެއް، ވަކި ތަނެއް ނެތް. އެއީ މިހާރު ކުރަން ޖެހޭ ކަމެއް ކަމަށް އަޅުގަނޑު ދެކެން،" ކުރިން ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރެއްގެ މަގާމު ވެސް ފުރުއްވާފައިވާ އަލީ ވަހީދު ވިދާޅުވި އެވެ. "ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންނަކީ ވެސް ސިޔާސީ އެއްބަސްވުމެއް. އެއީ އަޅުގަނޑުމެން އެތައް ބައެއްގެ ހައްގު ކޮނޑު އަޅައިގެން ތިއްބެވި ބޭފުޅުން. އެކަމަކު އެކަން ވެސް ކޮށްފައި އެ އޮތީ ރައްޔިތުންގެ މަޖިލީހުގެ ސިޔާސީ އެއްބަސްވުމެއްގެ ތެރެއިން. އެހެންވީމަ ސިޔާސީ އެއްބަސްވުމަކީ ގައުމުގެ ކަންކަން ހަމަ މަގަށް އެޅުވުމަށް މިވަގުތަށް އޮތް އެންމެ ބޮޑު ހައްލު."
އަލީ ވަހީދު ވިދާޅުވީ ސިޔާސީ މައިދާނުގައި "ސެއްޅިއެއްގެ ބުރަދަން ހުރި މީހަކީ ވެސް ބަލައިގަންނަން ޖެހޭ މީހެއް" ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ފަނޑިޔާރު މަނިކުފާނުގެ ހުކުމްތަކާއި ފުލުސް ދޭވާނީގެ މުގުރުން ރާއްޖޭގެ ސިޔާސީ މަސްރަހުގެ ހާލަތަށް ބަދަލެއް ވެސް އަދި ހައްލެއް ވެސް ނުގެނެވޭނެ އެވެ.
"ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރަކާއި އަވަސް އިންތިހާބަކާ ގުޅި ސިޔާސީ އެއްބަސްވުމަކުން ނޫން ގޮތަކަށް ގައުމީ މަސްލަހަތު ހިމާޔަތެއް ނުކުރެވޭނެ. ކޯނީ ]އިންކުއަރީ ކޮމިޝަން[ އަކީ ބޭކާރު ނިންމުމެއް. އެއީ ކޯނީން މާދަމާ ކޮންމެ ގޮތަކަށް ރިޕޯޓް ނެރުނަސް ކޮންމެވެސް އެއް ބަޔަކު އެ ގަބޫލެއް ނުކުރާނެ. މި ރާއްޖޭގައި މި އުޅެނީ ދެ ފިކުރެއް. ކޮންމެވެސް އެއް ފިކުރެއް ކޯނީގެ ރިޕޯޓެއް ގަބޫލެއް ނުކުރާނެ. އެހެންވެ އެއީ ވެސް ހައްލެއް ނޫން،" އަލީ ވަހީދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީ ( 241 ކޮމެޓީ) ގެ މުގައްރިރުކަން ވެސް ކުރެއްވި އަލީ ވަހީދު ވިދާޅުވީ ކުރީގެ ރައީސް މުހަންމަދު ނަޝީދާއި އޭރުގެ ޑިފެންސް މިނިސްޓަރަކަށް ހުންނެވި ތޮލްހަތު އިބްރާހިމް އާއި ޗީފް އޮފް ޑިފެންސްގެ މަގާމުގައި ހުންނެވި މޭޖަ ޖެނެރަލް މޫސާ އަލީ ޖަލީލުގެ އިތުރުން ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހަންމަދު ދީދީ އަދި ކާނަލް މުހަންމަދު ޒިޔާދާ މެދު ފިޔަވަޅު އެޅުމަށް ސަރުކާރަށް ތާއީދުކުރާ އިއްތިހާދުން ބާރުއަޅާއިރު ފެބްރުއަރީ 7 ގައި ޖިނާއީ ކުށްތަކަށް އަރައިގަތް ސަލާމަތީ ބާރުތަކުގެ މީހުން ސަލާމަތްވާނެ ގޮތެއް ނޯންނާނެ ކަމަށް ވެސް ދެނެގަންނަން ޖެހޭ ކަމަށެވެ. އެ ބޭފުޅުންގެ މައްޗަށް ދައުވާކުރާތީ ހިތާމަކުރައްވާ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ. އަދި އެ ދުވަހު "ބަޣާވާތް" ކުރި ސިފައިންނާއި ފުލުހުންނާ މެދު ފިޔަވަޅު އެޅޭނެ ދުވަސް ވެސް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ނޭދެން އެއްވެސް އޮފިސަރަކަށް ދެރައެއް ލިބޭކަށް. ސެޕްޓެމްބަރު 20 ގައި ވެސް ޖަލުގައި ބަޑި ޖަހައިގެން ސިފައިންނަށް އަދަބު ދިނީ ބޭއިންސާފުން ކަމަށް ގަބޫލުކުރާ މީހެއް އަޅުގަނޑަކީ. ސަލާމަތީ ބާރުތައް ލައްވައި ސިޔާސީ މީހުން ހުރިހާ ކަމެއް ކޮށްފައި އެ މީހުން ތިބެން ޖެހެނީ އަންޑާ ޕްރެޝަރުގައި،" އަލީ ވަހީދު ވިދާޅުވި އެވެ. "އެހެންވީމަ ހުރިހާ ކަމަށް ހައްލު ހޯދޭނެ އެއްބަސްވުމެއް އެބަ މުހިންމުވޭ. ހައްލު ހޯދޭނެ."
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހަންމަދު ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށް ހައްޔަރުކުރި މައްސަލާގައި ދައުވާކުރުމަށް ހުޅުމާލޭ ކޯޓަށް ފޮނުވި މައްސަލާގައި އޭނާ ވިދާޅުވީ އެ ކޯޓުގެ ސައްހަކަމާ މެދު ވެސް ސުވާލު އުފެދޭ ކަމަށެވެ. އަދި އެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ކޯޓަށް ފޮނުވިއިރު ބޮޑަށް ތުހުމަތުކުރެވެނީ ލިޔެފައި އޮތް ހުކުމެއްގެ ގޮތުގައި ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.
"އަޅުގަނޑަށް ބޮޑަށް ތުހުމަތުކުރެވެނީ ލިޔެފައި އޮތް ހުކުމަކަށް އެޗްޑީސީ ހޯލު ހޯދައިގެން ކުޅޭ ޑްރާމާއެއްގެ ގޮތުގައި މި ދައުވާ. ސަބަބަކީ ޕީޕީއެމުން މުހިއްބުއްދީން ސްކޫލުގައި ބޭއްވި ޖަލްސާއެއްގައި ޕްރޮސިކިއުޓާ ޖެނެރަލް އަށް އިންޒާރު ދިންތާ 24 ގަޑިއިރު ނުވަނީސް އެ މައްސަލަ ޕީޖީން ކޯޓަށް މި ފޮނުވީ،" އަލީ ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގައުމުގެ ހަމަޖެހުން އޮންނާނީ ކުރީގެ ރައީސުންނާ ދޭތެރޭގައި އަމަލުކުރާ ގޮތަކުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
"އެހެންވީމާ ރައީސް ނަޝީދާއި ރައީސް މައުމޫނާ ނުލައި އަދިއެއް ރާއްޖޭގެ މުސްތަގުބަލެއް ނުކުރެހެވޭނެ. އެއީ އަދި ކުރެވޭނެ ކަމެއް ނޫން. ރައީސް ނަޝީދަށް ދެވޭ ކޮންމެ ދެރައަކީ އެމްޑީޕީ އަށް ވެސް ދެވޭ ދަރައެއް. އެމްޑީޕީ އަށް ދެވޭ ކޮންމެ ދެރައަކީ ޑިމޮކްރެސީ އަށް ދެވޭ ދެރައެއް. އަޅުގަނޑުމެން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕް އަބަދުވެސް އޮންނާނީ ރައީސް ނަޝީދާ އެކު އެމަނިކުފާނުގެ ފަހަތްޕުޅުގައި،" އަލީ ވަހީދު ވިދާޅުވި އެވެ. "މި ދަނޑިވަޅަކީ އެއް ބަޔަކު އަނެއް ބަޔަކަށް ނަފްރަތާއި އަނިޔާވެރިވުމަށް ވުރެ މަޝްވަރާ އާއި ދޫދިނުން އިސްކުރަން ޖެހޭ ވަގުތެއް. އެހެން ނޫނީ ހައްލެއް ނެތް."
ސިޔާސީ އެއްބަސްވުމަކަށް ދިއުން ނޫން ހައްލެއް ނެތް: އަލީ ވަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ