ކަރަންޓު ބިލް ބޮޑުވެގެން ކުޅުދުއްފުށީ ހުރިހާ ފިހާރައެއް ބަންދުކޮށްފި

ފިހާރަތަކާއި ވިޔަފާރިތައް ހިންގާ ތަންތަނުގެ ކަރަންޓު ބިލު ބޮޑުވުމުން ހދ. ކުޅުދުއްފުށީގެ ހުރިހާ ފިހާރަތަކެއް ބަންދުކޮށް، މިއަދު އިހްތިޖާޖް ކުރަން ފަށައިފި އެވެ. ވިޔަފާރިތަކުން ނަގާ ކަރަންޓް ބޮޑުކުރުމުގެ މައްސަލާގައި ސަރުކާރާ ވާހަކަ ދައްކަން ކުޅުދުއްފުށީ ވިޔަފާރިވެރިން އެކުލަވާލާފައިވާ ކޮމިޓީގެ އިސް އެކަކު ކަމަށް ވާ އާދަމް ޝަރީފް ބުނީ ވިޔަފާރިވެރިންނަށް ދެމުން އައި ސަބްސިޑީ މިދިއަ މަހު ކަނޑާލުމުން، ކަރަންޓު ބިލް ތިން ގުނައަށް ބޮޑުވެފައިވާ ކަމަށެވެ. އެހެންވެ އެކަމާ ދެކޮޅަށް އިހްތިޖާޖް ކުރުމުގެ ގޮތުން މިއަދު ހަވީރު ތިނެއް ޖަހަންދެން އެ ރަށުގެ ހުރިހާ ފިހާރަތަކެއް ހުންނާނީ ބަންދުކޮށްފައި ކަމަށް އޭނާ ބުންޏެވެ.ކުޅުދުއްފުށީގައި މިއަދު ހުޅުވާފައި ހުރީ އެސްޓީއޯގެ ދެ ފިހާރަ އެކަންޏެވެ.އާދަމް ޝަރީފް ބުނީ މި އިހްތިޖާޖުގައި އެ ރަށުގެ 130 ފިހާރައިން ބައިވެރިވާ ކަމަށެވެ. "މިއީ ހަމައެކަނި ސަރުކާރާ ދެކޮޅު މީހުން ކުރާ ކަމެއް ނޫން. އެކަމަކު ކަރަންޓު ބިލް ބޮޑުވީ ރައްޔިތުންގެ. މިއީ ރައްޔިތުން ކުރާ އިހްތިޖާޖެއް،" އޭނާ ބުންޏެވެ.އާދަމް ޝަރީފް ބުނީ ކަރަންޓް ބިލަށް ކުރިން 10،000 ރުފިޔާ އަރާ ފިހާރަތަކަށް، ސަބްސިޑީ ކަނޑާލުމުން މިދިއަ މަހު 30،000 ރުފިޔާ އަރާފައިވާ ކަމަށެވެ. އޭނާ ބުނި ގޮތުގައި މާލޭގެ ވިޔަފާރިވެރިންގެ އަތުން ކަރަންޓު ޔުނިޓަކަށް ހަތަރު ރުފިޔާ ނަގާއިރު، އެ ރަށުގައި އެ ރޭޓު އުޅެނީ 7.50 ރުފިޔާގަ އެވެ. އަދި ޔުނިޓަކަށް ނަގާ މިންވަރު ބޮޑުކުރީ ވެސް "ސަބްސިޑީއެއް ދިނުމުގެ ގޮތުން" ކަމަށް ސަރުކާރުން ކުރިން ބުނެފައިވާ ކަމަށް އޭނާ ބުންޏެވެ. "އެހެންވީމަ މިހާރު ޔުނިޓަކަށް ނަގާ މިންވަރު ވެސް ދަށްކުރަން ޖެހޭނެ ދެއްްތޯ. މިއީ ރައްޔިތުންގެ އަތްފޯރާ އަދަދެއް ނޫން،" ޝަރީފް ބުންޏެވެ.އޭނާ ބުނީ ފިހާރަތައް ބަންދުކުރުމުން ރައްޔިތުންނަށް ދަތިވިޔަސް އެ އިހްތިޖާޖްގެ މަގްސަދަކީ ސަރުކާރަށް މެސެޖެއް ދިނުން ކަމަށެވެ. އަދި ހަވީރު ފިހާރަތައް ހުޅުވުމަށް ފަހު، ކަރަންޓް މައްސަލާގައި ބާއްވާ ބައްދަލުވުންތައް ކުރިއަށް ގެންދާނެ ކަމަށް ވެސް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ