ބައެއް ރަށްރަށުގައި ކަރަންޓު ބިލް ދައްކަން ދެކޮޅު ހަދައި މުދާ އަގު ބޮޑުކޮށްފި

ކުރިން ދެމުން އައި ސަބްސިޑީ ކަނޑާލުމުން، ވިޔަފާރިކުރާ ތަންތަނުގެ ކަރަންޓު ބިލު ބޮޑުވުމާ ގުޅިގެން، ބައެއް ރަށްރަށުގައި މުދަލުގެ އަގު ބޮޑުކޮށް، އަނެއް ބައި ރަށްރަށުގެ ފިހާރަތަކުން ކަރަންޓު ބިލް ދައްކަން ދެކޮޅު ހަދައިފި އެވެ.  މިދިޔަ މާޗު މަހު ސަބްސިޑީ ކަނޑާލުމާއެކު ކަރަންޓުގެ އަގު ދެ ގުނަ ބޮޑުވި ހދ. މަކުނުދޫގެ ވިޔަފާރިވެރިން ނިންމާފައިވަނީ، އެ މީހުންނަށް ކުރިމަތިވި އެ ގެއްލުން ފޫބެއްދުމަށް މުދަލުގެ އަގު ބޮޑު ކުރުމަށެވެ.އެ ރަށު ވިޔަފާރިވެރިއެއް ކަމަށްވާ އަހުމަދު ވާފިރު ބުނީ، ވިޔަފާރިވެރިން އިއްޔެ މަޝްވަރާ ކުރުމަށް ފަހު، 77 ބާވަތެއްގެ މުދާ އަގު ބޮޑު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ގިނައިން ހިމެނެނީ އާއްމުކޮށް ބޭނުން ކުރާ ކާބޯތަކެތީގެ ބާވަތްތަކެވެ. "ގާތްގަނޑަކަށް ފަސް ރުފިޔާ އާއި ދިހަ ރުފިޔާއާ ދެމެދުގެ މިންވަރަކަށް ބޮޑުވާނެ،" އޭނާ ބުންޏެވެ. ވާފިރު ބުނި ގޮތުގައި މުދަލުގެ އަގު ބޮޑު ކުރަން ނިންމުމުން ރައްޔިތުން ތިބީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފަ އެވެ. އެކަމަކު ކަރަންޓު ބިލު ދެ ގުނަ އަށް ބޮޑުވުމުން އެ ގެއްލުން ފޫބެއްދުމަށް އެ ނޫން ގޮތެއް ނެތް ކަމަށް އޭނާ ބުންޏެވެ. ހދ. މަކުނުދޫ: ކަރަންޓުގެ އަގުބޮޑުވުމުން އެ ރަށުގައި ބައެއް މުދަލުން ވަނީ އަގުބޮޑުކޮށްފައި "އަޅުގަނޑުމެން ވެސް އަގު ބޮޑު ކުރާކަށް ބޭނުމެއް ނޫން. އެކަމަކު މިކަމަށް ސަރުކާރުގެ ޖަވާބެއް ނުލިބުން. އެހެންވެ ވިޔަފާރިތަކަށް ލިބޭ ގެއްލުން ސަލާމަތް ކުރުމަށް އިތުރު ގޮތެއް ނެތް،" ވާފިރު ބުންޏެވެ.މަކުނުދޫގައި 17 ފިހާރަ ހުންނައިރު އެ ރަށުގެ ހުރިހާ ފިހާރަތަކަކުންހެން މުދަލުގެ އަގު ވަނީ ބޮޑުކޮށްފަ އެވެެ. ހއ. ދިއްދޫ ރަށު ކައުންސިލްގެ ރައީސް އިބްރާހިމް ޝިނާން ވިދާޅުވީ އެ މައްސަލަ ހައްލު ވަންދެން ވިޔަފާރިވެރިން ނިންމާފައިވަނީ ކަރަންޓު ބިލު ނުދައްކަން ކަމަށެވެ. އަދި ޖޫރިމަނާ ކުރިޔަސް، ކަރަންޓު ކަނޑާލިޔަސް ބިލު ނުދައްކަން އެ މީހުން މަޝްވަރާކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ. ދިއްދޫގެ ބައެއް ފިހާރަތަކުގެ ކަރަންޓު ބިލަށް ކުރިން 7،000 ރުފިޔާ އަރާއިރު މި ފަހަރު 18،000 ރުފިޔާ ވެސް އަރާފައިވެ އެވެ. ހއ ދިއްދޫގެ ބަަޔަކު މަގުމަތީގައި މަޑުކޮށްލައިގެން: ވިޔަފާރިވެރިންގެ އަތުން ނަގާ ކަރަންޓުގެ އަގުބޮޑުވުމުން ކަރަންޓު ބިލު ދެއްކުމަށް އަންނަނީ ދެކޮޅު ހަދަމުން ޝިނާނު ވިދާޅުވީ ވިޔަފާރިވެރިންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް އެ ރަށުގައި ވެސް ބައެއް ބާވަތްތަކުގެ އަގު ބޮޑުކޮށްފައިވާ ކަމަށެވެ. އެގޮތުން ކުކުޅާއި ސޮސެޖް ފަދަ ގަނޑުކޮށްފައި ހުންނަ ބާވަތްތައް ވަރަށް ބޮޑަށް އަގު ބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. "ކުރިން ކުކުޅެއް ވިއްކާނީ 40 ރުފިޔާ އަށް. އެކަމަކު މިހާރު އޭގެ އަގު 70 އަށް ވުރެ ބޮޑުވެއްޖެ. މި ޒުވާނުން ބޯ އެނާޖީ ޑްރިންކުތަކުގެ އަގު ވެސް މިހާރު ވަރަށް ބޮޑު" ޝިނާން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މުދަލުގެ އަގު ބޮޑު ކުރިޔަސް ވިޔަފާރިވެރިންނަށް ފައިދާ ނުވާ ކަމަށާއި ވިޔަފާރި ކުރަން ފިހާރަތަކަށް ދާ މީހުން މިހާރު މަދު ކަމަށެވެ.ކަރަންޓުގެ އަގު ބޮޑުވި މައްސަލައިގައި ހދ. ކުޅުދުއްފުށީގައި ވެސް މިދިޔަ އާދިއްތަ ދުވަހު ވަނީ ހުރިހާ ފިހާރަތަކެއް ބަންދުކޮށް އިހްތިޖާޖްކޮށްފަ އެވެ. އެކަމަކު އިއްޔެ ވެސް ކުރިއަށް ދިޔަ އެ އިހްތިޖާޖް ހުއްޓާލުމަށް ފުލުހުން އެންގުމުން ފިހާރަތައް ވަނީ ފަހުން ހުޅުވާފަ އެވެ. ވިޔަފާރިތަކަށް ދެމުން އައި ކަރަންޓް ސަބްސިޑީ ކަނޑާލުމުން ރަށްރަށުގެ
ވިޔަފާރިތަކުގެ ކަރަންޓު ބިލުން ފެނަކަ އަށް އިތުރު 11
މިލިއަން ރުފިޔާ ލިބޭނެ ކަމަށް ފެނަކަ
ކޯޕަރޭޝަނުން ބުނެފައިވެ އެވެ. އަދި ސަބްސިޑީ އަކީ ފެނަކަ އިން ދޭ
އެއްޗަކަށް ނުވާތީ އެކަމުގައި އެ ކުންފުންޏަށް ކޮށްދެވޭނެ ކަމެއް ނެތް
ކަމަށް ވެސް ބުނެފައިވެ އެވެ.ކަރަންޓް ބިލަށް ސަބްސިޑީ ދެނީ، ބިލްގައި ހިމެނޭ ފިއުލް ސާޗާޖަށް ޖެހޭ
ވަރަށެވެ. އެހެންވެ ސަބްސިޑީ ކަނޑާލުމުން ވިޔަފާރިކުރާ ތަންތަނުން ދެން
ފިއުލް ސާޗާޖް ދައްކަން ޖެހޭނީ އެ ތަނަކުން އަމިއްލަ އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ