ސުޕްރީމް ކޯޓުގައި ތިބީ ރައީސް ސޯލިހާއެކު ސެލްފީ ނަގަން އުޅުނު މީހުން: ޝުޖާއު
ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓު ކަމަށްވާ ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާާރުންނަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެއްކޮށް ސެލްފީ ނަންގަވަން އުޅުއްވި ބޭފުޅުން ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.އިދިކޮޅު ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީނަށް ނުހައްގުން ކޮށްފައިވާ ޖަލު ހުކުމާއި ދެކޮޅަށް ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ ރާއްޖޭގެ އަދުލުގެ ނިޒާމް މިނިވަން ނުވާކަމަށެވެ. އަދި ރާއްޖޭގެ އެންމެ މަތީ ކޯޓުގައި ތިއްބެވީ ރައީސް ސޯލިހާއި އެއްކޮށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު ފޮޓޯ ނެންގެވުމުގައި އުޅުއްވި ބޭފުޅުން ކަމަށެވެ. އެހެން ކަމުން ފަނޑިޔާރުގެ މިނިވަންވެފައިވާކަމަށް އެމްޑީޕީއިން ބުނާ މިންވަރު ރައްޔިތުން އަމިއްލައަށް ވަޒަންކޮށްލެވުމަށް އޭނާ ގޮވާލެއްވިއެވެ."މި ގައުމުގެ ޖުޑިޝަރީ މިނިވަނެއް ނުވޭ. މި ގައުމުގެ އެންމެ މަތީ ކޯޓުގައި ތިބީ ރައީސް ސޯލިހާއެކު 2018ގެ އިންތިޚާބުގައި ސެލްފީ ނެގި މީހުން. އެހެންވީމާ ފަނޑިޔާރުގެ މިނިވަންވެފައި އޮތް މިންވަރު ތިބޭފުޅުން އަމިއްލައަށް ވަޒަން ކުރައްވާ." ޝުޖާއު ވިދާޅުވިއެވެ.ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް އަލިއަޅުއްވައި ވާހަކަ ދައްކަވަމުން ޝުޖާއު ވަނީ މިފަހަރުގެ ކައުންސިލް އިންތިޚާބު ޕީޕީއެމް އަށް ކާމިޔާބު ނުވެއްޖެނަމަ މި ގައުމުން ބަންގީގެ އަޑު ކަނޑުވާލާނެ ދުވަސް ރައްޔިތުންނާއި ބައްދަލުކުރާނެކަމަށެވެ.ސަރުކާރު ޒިންމާދާރުކުރުވުމުގައި އިދިކޮޅުގެ އަޑު އޮންނަންޖެހޭކަން ފާހަގަކުރައްވައި އޭނާ ވަނީ ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ކެނޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ