ގާސިމް މަރާލި ކަމަށް ތުހުމަތުކުރެވޭ މީހާގެ ވަނަވަރު ހާމަވެއްޖެ

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި ކަމުގެ ކުށުގައި ފުލުހުން ހައްޔަރުކޮށްފައިވާ މީހާގެ ވަނަވަރު ހާމަވެއްޖެ އެވެ.
އެގޮތުން ގާސިމްގެ މަރާލި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ޅ. ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދު (21 އ) އެވެ.
ގާސިމް މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ވަނަވަރު ހާމަވީ އޭނާގެ ބަންދަށް މުއްދަތު ޖެހުމަށް މިދިޔަ ހުކުރު ދުވަހު ކޯޓަށް ހާޒިރުކުރުމުންނެވެ.
ގާސިމްގެ ގާތިލްކަމަށް ތުހުމަތުކުރާ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ހުކުރު ދުވަހު ވަނީ 15 ދުވަސް ޖަހާފަ އެވެ. އޭނާ ހައްޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ގާސިމް މަރާލި ކަމުގެ ތުހުމަތުކުރެވޭ މީހާ ގާސިމް މަރާލި ކަމަށް ކޯޓުގައި އިއުތިރާފްވެފައިވާ ކަމަށެވެ. އޭނާ ދެނެގަތުމުގައި އެންމެ ބޮޑު ރޯލެއް އަދާ ކުރީ ފޮރެންސިކް އެވިޑެންސް ކަމަށްވެސް ވިދާޅުވި އެވެ.
ގާސިމްގެ މަރާ ގުޅުންހުރި މައުލޫމާތު މިހަފްތާގެ ތެރޭގައި ހާމަކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އދ. މާމިގިއްޔަށް ނިސްބަތްވާ އުމުރުން 59 އަހަރުގެ ގާސިމް މަރާލާފައި އޮއްވާ ފެނުނީ މި މަހުގެ ހަތަރުވަނަ ދުވަހުގެ ރޭ ހުޅުމާލޭގެ ރީތިގަސް މަގުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ