ރައީސް ނަޝީދު ފުލުހުންގެ އަގު ވައްޓާލުމުން ގާސިމް ކަންބޮޑުވުން ފާޅުކުރައްވައިފި

ފުލުހުންގެ މުއައްސަސާގެ އަގު ވެއްޓި ބަދުނާމުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވާހަކަފުޅު ދެއްކެވުމަކީ އެއް ގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެގޮތައް ކަންތައް ކުރައްވައިގެން ނުވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިހެން ވިދާޅުވީ ރިޟްވާންގެ މަރާއި ގުޅިގެން ރިޔާސީ ކޮމިޝަނުން އެކުލަވައިލި ރިޕޯޓާއި ގުޅޭގޮތުން މަޖިލީހުގެ ރައީސް ނަޝީދާއި އެމްޑީޕީގެ ގިނަ މެންބަރުން ތަކެއްގެ ފާޑުކިޔުން ފުލުހުންނަށް އަމާޒުވުމާއި ގުޅިގެންނެވެ.އޭސީސީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް މަޖިލީހުގައި ބަހުސް ކުރައްވަމުން ގާސިމް ވިދާޅުވީ ރިޟްވާންގެ މައްސަލަ ތަހުގީގު ކުރި ރިޔާސީ ކޮމިޝަނުން މަސައްކަތްތަކެއް ކުރި ކަމަށާއި ނަމަވެސް އެ ކޮމިޝަނަށް ރިޕޯޓެއް އެކުލަވައިލެވުނީ ފުލުހުންގެ އެއްބާރުލުން ލިބިގެން ކަމަށެވެ. އެހެން ކަމުން އެ ކަމުގެ ހަގީގަތް އޮޅުވާލައި ފުލުހުންގެ މުއައްސަސާ ބަދުނާމުވާ ގޮތަށް މަޖިލީހުގެ ރައީސް ވާހަކަ ދެއްކެވުމަކީ އެއް ގޮތަކަށް ވެސް ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ގާސިމް ވިދާޅުވިއެވެ.ގާސިމް ވަނީ ތަހުގީގު ކުރުމުގެ އެއްވެސް ގާބިލް ކަމެއް ނެތް ބޭފުޅުން ހިމެނޭ ރިޔާސީ ކޮމިޝަނަކަށް އެފަދަ މަސައްކަތެއް ކުރެވިދާނެ ކަމާ މެދު ސުވާލު އުފައްދަވާފައެވެ. އެއީ ހަމައެކަނި އެކޮމިޝަނަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި ރިޔާސީ ކޮމިޝަނުން އާންމު ކުރި ރިޕޯޓުގައި ހުރީ މުޅިންވެސް ފުލުހުން ހޯދާފައި ހުރި މައުލޫމާތު ކަމަށެވެ.މަރު ކޮމިޝަނުން ހޯއްދެވި މަޢުލޫމާތު ކަމަށް ވިދާޅުވެ އެ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ހާމަކުރި މައުލޫމާތުތަކަކީ ކުރިން ފުލުހުންގެ ތަހުގީގުން ހޯއްދެވި މައުލޫމާތު ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވެސް ވަނީ ވިދާޅުވެފައެވެ. ރިޟްވާންގެ މައްސަލައިގައި މަޖިލީހުގެ ރައީސް އާއި އެމްޑީޕީ މަޖިލިސް މެންބަރުން ފުލުހުންނަށް ފާޑުކިޔާފައި ވާތީ ގިނަ އާއްމުން ވަނީ މީސް މީޑިއާގައި ނުރުހުން ފާޅުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ