މަތީ މަޤާމުތަކުގައި ތިއްބަވައިގެން މަސްތުވާތަކެއްޗަށް ހިއްވަރުދޭތީ ހިތާމަކުރަން - އުމަރު

މަތީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން މަސްތުވާއެއްޗެއްސަށް ހިއްވަރުދެމުން ގެންދާތީ ހިތާމަކުރައްވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މިގޮތަށް ވިދާޅުވެފައި ވަނީ، ސިޔާސީ މަޤާމެއްގައި ހުރި މީހަކު މަސްތުވާތަކެތި ގެންގުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް މިއަދު މީސްމީޑިއާގައި ދައުރުވެފައި ވަނިކޮށް، ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި އުމަރު ވިދާޅުވީ، ދައުލަތުގެ މަތީ މަޤާމުތަކުގައި ތިބޭ މީހުން މަސްތުވާ އެއްޗެއްސަށް ހިއްވަރުދެމުންދާތީ ހިތާމަކުރައްވާ ކަމަށާއި، ބާރުގަދަ މަސްތުވާ އެއްޗެއްސާއި ބާރުދެރަ މަސްތުވާ އެއްޗެއްސާއި، ހިކި މަސްތުވާއެއްޗެއްސާއި ދިޔާ މަސްތުވާ އެއްޗެއްހި ބޮއެގެން މިޤައުމުގެ އެތައް އާއިލާއެއް ރޫޅި ޤައުމުގެ އުފެއްދުންތެރިކަން ދަށްވެފައިވާ ކަމަށެވެ.
މީގެ އިތުރުން މި ވަބާގެ ސަބަބުން ޤައުމުގެ އެތައް މަސައްކަތެއް ބިދޭސީން ނަގައި، ޤައުމުގެ މިނިވަންކަމާއި އަމިއްލަވަންތަކަން ގެއްލި، މަގުތަކުގެ އަމާންކަން ގެއްލިގެން ގޮސްފައިވާކަމީ މިއަދު ފެންނާން އޮތް ހަޤީޤަތް ކަމަށް އުމަރު ވިދާޅުވިއެވެ.
"ބާރުގަދަ މަސްތުވާ އެއްޗެއްސާ، ބާރުދެރަ މަސްތުވާ އެއްޗެއްސާ، ހިކި މަސްތުވާ އެއްޗެއްސާ، ދިޔާ މަސްތުވާ އެއްޗެތި ބޮއެގެން މިޤައުމުގެ އެތައް އާއިލާއެއް ރޫޅި، ޤައުމުގެ އުފެއްދުންތެރިކަން ދަށްވެ، ޤައުމުގެ އެތައް މަސައްކަތްތަކެއް ބިދޭސީން ނަގާ، ޤައުމުގެ މިނިވަންކަމާ، އަމިއްލަވަންތަކަން ގެއްލި، މަގުތަކުގެ އަމާންކަން ގެއްލިގެން ގޮސްފައިވާކަމީ ފެންނަން ގޮތް ހަޤީޤަތެއް،" އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ، އިސްލާމް ދީނާއި ކައިރިޔަށް މިޤައުމުގެ ޖެހިގެން މެނުވީ، މި ޤައުމުގައި ހުރި ބޮޑެތު މައްސަލަތަކަށް ޙައްލެއް ނެތް ކަމަށެވެ.
މި މޭރުމުން އުމަރު ވާހަކަ ދައްކަވާފައި ވާއިރު، މިހާރު ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ ޔޫތު މިނިސްޓްރީގެ ޔޫތު އެސޯސިއޭޓެޑްގެ މަގާމަށް ރައީސް ޞާލިހް އައްޔަން ކުރައްވާފައިވާ ގދ.ވާދޫ އަހްމަދު ނަރީޝް ސައީދު، ބަނގުރާފުޅިއަކުން، ތަށިތަކަކަށް ބަނގުރާ އަޅަމުންދާ މަންޒަރެވެ.
ވީޑިއޯ އިން ފެންނަ ގޮތުގައި އަހްމަދު ނަރީޝް ސައީދު، ތަށިތަކަކަށް ބަނގުރާ އަޅަމުން ދާއިރު އެއް އަތުން އިންނަނީ ސިނގިރޭޓެއް ހިފަހައްޓައިގެންނެވެ. ވަރަށް ހަމަޖެހިލައިގެން އިނދެ، އޭނާ ތަށިތަކަށް ބަނގުރާ އަޅަމުންދާއިރު ވީޑިއޯ ކުރަމުން ދިޔަ މީހާ އާއި ދިމާއަށް ބަލާވެސްލައެވެ.
އަހްމަދު ނަރީޝް ސައީދަށް، ރައީސް ޞާލިހް ސިޔާސީ މަގާމެއް ދެއްވީ މާޗް މަހުގެ 25 ވަނަ ދުވަހު އެވެ. އެދުވަހު ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ޝިފާޒް ސޮއި ކުރައްވާ އަހްމަދު ނަރީޝް ސައީދަށް ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ އޭނާ ޔޫތު އެސޯސިއޭޓެޑްގެ މަގާމަށް ހަމަޖެއްސީ ރައީސުލްޖުމްހޫރިއްޔާ އަށް ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ލިބޭ ބާރުގެ ދަށުން ކަމަށެވެ.
ސިޔާސީ މަގާމެއްގައި ހުރެ އަހްމަދު ނަރީޝް ސައީދު ބަނގުރާ ގެންގުޅޭ ވީޑިއޯއެއް އާއްމުވި ނަމަވެސް އޭނާ އާއި މެދު ސަރުކާރުން އަދި ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ