އިންތިހާބާ ގުޅޭ ދެ މައްސަލައެއް ސުޕްރީމް ކޯޓަށް

ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި ގުޅޭ ދެ މައްސަލައެއް ސްޕްރީމް ކޯޓަށް ހުށައަޅަން ކުރީގެ ބަންޑާރަނައިބު އަދި މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ނިންމައިފިއެވެ.
އެގޮތުން ސުއޫދު ވަނީ އެންމެ ހަތް ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާތީ އާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވޯޓުލުމުގައި އީސީގެ މެންބަރުން އެހީވާ ގޮތަށް ނިންމި ނިންމުމާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހެޅުއްވުމަށް ނިންމަވާފައެވެ.
ސުއޫދު ވިދާޅުވީ، ވޯޓުލުމުގައި އެހީތެރިވާނީ ކާކުކަން ނިންމުމުގެ ހައްގު ލިބެން ޖެހޭނީ ވޯޓުލާން ދާ މީހާއަށް ކަމަށާއި، ރިސޯޓުތަކުގައި ބަހައްޓާ ވޯޓު ފޮށި މަދު ކުރި ކުރުމުގައި، ކުރިން ވެސް އަމަލު ކުރަމުން އައިގޮތަށް އަމަލު ކުރަންޖެހޭ ކަމަށާއި މިހާރު ނިންމާފައިވާ ނިންމުމުގެ ސަބަބުން ދަތުރުފަތުރު ކުރުމުގައި ދަތިތަކާ ކުރިމަތިވުމާއި ރިސޯޓުގެ އޮޕަރޭޝަނަށް ބުރޫއެރުން ފަދަ ކަންކަން ކުރިމަތިވުމަށް މަގުފަހިވާނެ ކަމަށެވެ.
"ހާއްސައެހީ އަށް ބޭނުންވާ މީހުންނަށް ވޯޓުލުމުގައި އެހީތެރި ވާނީ އީސީގެ އޮފިޝަލުން ކަމަށް ނިންމި ނިންމުން ބަދަލު ކުރުމަށް ސުޕްރީމް ކޯޓަށް ހުށައަޅާނަން. އިންތިހާބުގައި ރައްޔިތުންލަނީ ސިއްރު ވޯޓަކަށްވާ އިރު އެމީހަކު ބޭނުންނުވާ ނުވަތަ އިހްތިޔާރުނުކުރާ މީހަކަށް އެމީހަކު ވޯޓުލީ މީހާ އެނގިގެންނުވާނެ،" ސުއޫދު ވިދާޅުވިއެވެ.
އެންމެ ހަތް ރިސޯޓްގައި ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމި ސަބަބާ މެދު އިދިކޮޅު ފަރާތްތަކުން ސުވާލު އުފައްދާއިރު އިންތިޚާބުގައި ރިސޯޓްތަކުގައި ބަހައްޓާ ވޯޓް ފޮށިތަކުގެ ޢަދަދު މަދުވެފައިވަނީ ރާއްޖޭގެ ރިސޯޓްތަކުން ވޯޓް ފޮށިތަށް ބަހައްޓައިގެން ވޯޓު ލުމުގެ ކަންކަން ކުރިއަށް ގެންދިއުމުގައި އެކަށީގެންވާ އެއްބާރުލުން ނުލިބޭތީ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.
އިލެކްޝަންސް ކޮމިޝަނުގެ ތަރުޖަމާނު، އެ ކޮމިޝަނުގެ މެންބަރު އަޙްމަދު އަކްރަމް ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރާއްޖޭގެ މަދު ރިސޯޓްތަކެއްގައި ވޯޓް ފޮށި ބަހައްޓަން ނިންމާފައިވަނީ ރިސޯޓްތަކުން ވޯޓް ފޮށިތަށް ބަހައްޓައިގެން ވޯޓު ލުމުގެ ކަންކަން ކުރިއަށް ގެންދިއުމުގައި އެކަށީގެންވާ އެއްބާރުލުން ނުލިބޭތީ ކަމަށާއި، މިކަމުގެ ސަބަބުން ވޯޓުލުމުގެ ހައްޤަށް އުނިކަން އަންނާނެ ކަމަށް އެ ކޮމިޝަނުން ނުދެކޭ ކަމަށެވެ.
ޓޫރިޒަމް އެމްޕްލޮއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނީ ރިސޯޓުތަކުގައި ބަހައްޓާ ވޯޓު ފޮށީގެ އަދަދު މަދުކުރުމުގެ ސަބަބުން ގާތްގަނޑަކަށް 10000 މުވައްޒަފުންނަށް ފޯޓުލުމުގެ ހައްގުން މަހުރޫމް ވެގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ