އެމްޑީޕީގެ މެނިފެސްޓޯ: ކަރަންޓު އަގުހެޔޮކޮށް އެއްވެސް ރަށެއް ބޯފެނަށް ނުޖެހޭނެ

ދެމެހެއްޓެނިވި އުސޫލަކަށް ކަރަންޓުގެ އަގު ކުޑަ ކުރެވޭނެ ކަމަށާއި އެއްވެސް ރަށަކީ ބޯފެނަށް ނުޖެހޭ ރަށެއް ކަމަށް ކަށަވަރު ކުރާނެ ކަމަށް އެމްޑީޕީ މެނިފެސްޓޯގައި ވައުދު ވެއްޖެއެވެ.
އެމްޑިޕީން ލޯންޗުކުރި މެނިފެސްޓޯގައި ބުނެފައިވާ ގޮތުގައި އާންމު ރައްޔިތުންގެ އާމްދަނީ އާއި ފުދުންތެރިކަމަށް ރިއާޔަތްކޮށް، އެއްވެސް އާއިލާއަކަށް ބުރަޔަކަށް ނުވާނޭކަން ކަށަވަރު ކޮށްދީ ސަބްސިޑީ ފޯރު ކޮށްދެވޭނެއެވެ. އަދި ކަރަންޓުގެ ހިދުމަތް ދިނުމަށް ކުރާ ތެލުގެ ބޮޑެތި އިސްރާފުތައް ދަށްކޮށް، އިޔާދަކުރަނިވި ހަކަތައިގެ ދާއިރާ ފުޅާކޮށް ތަރައްގީ ކުރާނެ ކަމަށް މެނިފެސްޓޯގައި ވައުދުވެފައިވެއެވެ.
އޭގެ އިތުރުން ރާއްޖޭގެ އެއްވެސް ރަށެއް ބޯފެނަށް ނުޖެހޭނެ ކަމަށް ކަށަވަރު ކޮށްދޭނެ ކަމަށް ވެސް ބުނެފައިވެއެވެ. އަދި ބޯފެނަށް ކުރަން ޖެހޭ ހަރަދާ އުފުލަން ޖެހޭ ތަކުލީފު ކުޑަކޮށް ޕްލާސްޓިކް ފުޅި ބޭނުން ކުރުން މަދު ކުރުމުގެ ގޮތުން ފެން ކުންފުނިތަކުން ފޯރުކޮށްދޭ ފެނަކީ ބޯން އެންމެ އެކަށީގެންވާ ފެނަށް ހަދާނެ ކަމަށް މެނިފެސްޓޯގައި ބުނެފައިވެއެވެ.
ކުނި ރީސައިކަލް ކުރާ ނިޒާމު ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ގާއިމުކޮށް، އަލުން ބޭނުން ކުރެވޭނެ މަގު ފަހިކޮށްދޭނެ ވާހަކަ ފާހަގަ ކޮށްފައިވެއެވެ. އަދި ކުންޏަކީ އާމްދަނީ ލިބޭ ވަސީލަތްތަކަށް ބަދަލު ކުރާނެއެވެ. އޭގެ އިތުރުން ވެއްޓަށް ގެއްލުންދޭ ޕްލާސްޓިކް ފަދަ ބާވަތްތައް އެތެރެކުރެވޭ މިންވަރު މަދުކޮށް ރާއްޖޭގެ ހުރިހާ ރަށްތަކުގެ ކުނީގެ މައްސަލަ ހައްލު ކުރާނެ ކަމަށް ވައުދުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ