ސިފައިން ނުކަނޑާނަން، އިސްރާފު ކުޑަކުރާނީ ކޮރަޕްޝަން ނައްތާލައިގެން: ގާސިމް

ސިފައިންނާއި ފުލުހުންގެ މުއައްސަސާއިން މީހުން ކަނޑާ އެ ދެތަން ކުޑަކުރަން ތާއީދު ނުކުރާ ކަމަށާއި އިސްރާފު ކުޑަ ކުރަންވީ ކޮރަޕްޝަން ނައްތާލައިގެން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް އިބްރާހިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ގޮތުގައި ޖޭޕީ ވައުދުވަނީ، ސަލާމަތީ ހިދުމަތްތަކާއި، ފަނޑިޔާރުގެ މިނިވަންކަމުގެ ކަށަވަރުކަމާއި ރައްޔިތުންގެ އިތުބާރު އޮންނަ ޖުމްހޫރީ ވެރިކަމެކެވެ.
"ސިފައިންނާއި ފުލުހުންގެ ހިދުމަތް ފުޅާކުރަން ޖެހެނީ މިއަދު ގައުމަށް ދިމާވެފައިވާ ނާމާންކަމުން ސަލާމަތް ވުމަށް. އެއާޕޯޓް ތަކާ ބަނދަރުތަކާ ކަނޑުގެ ސަރަހައްދު ހިމާޔަތް ކުރަން. ސަރަހައްދީ ހަލަބޮލިކަމަށްވެސް ވިސްނައިގެން. އަދި ރައްޔިތުންނާ ގައުމުގެ ސަލާމަތައް ޓަކައި" ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެވެރިކަމެއްގައި ސިފައިންނާއި ފުލުހުންގެ އަދަދު އިތުރުކޮށް ފުޅާކުރާނެ ކަމަށެވެ.
"ތަމްރީނާއި ވެލްފެއާ ވަރުގަދަ ކޮށް ސިޔާސީ ނުފޫޒުން އެއްކިބާކުރުމަށްޓަކާ ރައީސް އައްޔަނުކޮށް މަޖިލިސްގެ 2/3 އަގުލަބިއްޔަތުން ނޫނީ ވަކި ނުކުރެވޭ ގޮތް ހަދާނަން. ވަޒީފާ ގެއްލި ގޮޅިއައްލުމުގެ ބިރު ފިލުވާލާނަން" ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
ގާސިމް އިބްރާހިމް އެމޭރުމުން ވާހަކަ ދައްކަވާފައިވާޢިރު އެމްއެންޑީއެފް އުވާލުމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވަނީ ހިޔާލު ފާޅުކުރައްވާފައެވެ. ސުއޫދު ވިދާޅުވެފައިވަނީ ސުއޫދު އެދިލައްވާ ފަދަ ވެރިކަމެއްގައި އެމްއެންޑީއެފް އުވާލާ އޭގެ ބަދަލުގައި ކޯސްޓްގާޑާއި މެރިން ޕޮލިސް އުފައްދަވާނެ ކަމަށެވެ. އަދި ރައްޔިތުންގެ ފައިސާއި ކޮންމެ ދުވަހަކު އެ މުއައްސަސާއަށް ކުރަމުންދާ ހަރަދުން އަތޮޅު ތެރޭގެ ހޮސްޕިޓަލުތައް ތަރައްގީ ކުރުމަށް ހޭދަ ކުރާނެ ކަމަށް ސުއޫދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ