ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު އިއުލާން ކުރެއްވި "ޖުމްހޫރީ ކޯލިޝަން"އަށް އިދިކޮޅު ޕާޓީތަކުން ދެކޮޅު ހަދައިފިއެވެ.
މިއަދު ހަވީރުގެ ވަގުތެއްގައި ފޭސްބުކް ލައިވް މެދުވެރިކޮށް ޖުމްހޫރީ ކޯލިޝަންގެ ކެބިނެޓްގައި ހިމެނޭ މެންބަރުންގެ ނަންތައް އިއުލާނުކުރެއްވިއިރު، އިދިކޮޅު ޕާޓީތަކުން ބުނީ، ގާސިމް ކޯލިޝަން އުފައްދާފައި ވަނީ މަޝްވަރާ ނުކޮށް ކަމަށެވެ.
ގާސިމްގެ މިއަދު އިއުލާނު ކުރެއްވި ކެބިނެޓްގެ ތެރޭގައި އެމްޑީޕީގެ އެއްވެސް މެންބަރެއް ނުހިމެނޭއިރު، އަދާލަތު ޕާޓީގެ ބައެއް އިސް ބޭފުޅުންނާއި ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުން ވަނީ ހިމަނާފައެވެ.
މިކަމާއި ގުޅިގެން އަދާލަތު ޕާޓީން ކުރި ޓްވީޓެއްގައި ބުނީ، ގުޅިފައިވާ ޕާޓީތަކުން އެކުގައި ކުރާ މަސައްކަތް ފިޔަވައި 2018 ގެ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން އަދާލަތު ޕާޓީން އެއްވެސް ބަޔަކާ ކޯލިޝަން ނަހަދާ ކަމަށާއި، އެފަދަ ނިންމުމެއް ނިންމައިފިނަމަ އެކަން އެ ޕާޓީގެ ފަރާތުން އިއުލާން ކުރައްވާނެ ކަމަށެވެ.
ރައީސް މައުމޫންގެ ފަރާތްޕުޅުން ޓްވީޓް ކުރައްވަމުން އައިމިނަތު ނާދިރާ ވިދާޅުވީ، ރައީސް މައުމޫންގެ ފަރާތްޕުޅުން ގުޅިފައިވާ ޕާޓީތަކާއެކު ކޮމެޓީތަކުގައި މަޝްވަރާ ކުރަމުންދާ ކަމަށާއި މަޝްވަރާތަކުގައި އިސްކަން ދެއްވާނީ ގައުމަށް އަދި ގައުމީ މަސްލަހަތަށް ކަމަށެވެ.
މީގެ އިތުރުން، ޖުމްހޫރީ ކޯލިޝަންގެ ކެބިނެޓުގައި ނަން ހުށަހަޅާފައިވާ ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ކަމާލުއްދީން ވަނީ އެ މަޤާމު ބޭނުން ނުވާ ކަމަށް ދޭހަވާފަދަ ގޮތަކަށް ޓްވީޓެއް ކޮށްފައެވެ. ޖޭޕީގެ ޓްވީޓާ އެކައުންޓު ޓެގުކޮށް އެ ޓްވީޓުގައި އަބްދުﷲ ކަމާލުއްދީން ވިދާޅުވީ، ނާހައި ޙަވާލުކުރާ މަޤާމެއް ނުވަތަ ޙަވާލުކުރަން އުޅޭ މަޤާމެއް ޤަބޫލުކުރާހިތް ނުވާކަމުގައެވެ.
އަދި ކޯލިޝަނުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގާސިމް އެ ކޯލިޝަން އިއުލާނުކޮށްފައި ވަނީ ކުއްލި ގޮތަކަށް، ހިޔަނި ކެބިނެޓްގެ މަޝްވަރާއެއް ނެތި ކަމަށެވެ.
"ރައީސް މައުމޫން، އަދާލަތް ޕާޓީ އަދި ހިޔަނި ކެބިނެޓްގެ ވަޒީރުކަން ދެއްވި ބައެއް ބޭފުޅުންނާއިވެސް މަޝްވަރާ ކުރެއްވުމެއް ނެތި ކުއްލި ގޮތަކަށް އިއުލާން ކުރެއްވީމަ ވަރަށް ބޮޑަށް ހައިރާން ވެއްޖެ،" މަހްލޫފް ވިދާޅުވިއެވެ.
ގާސިމް އިއުލާން ކުރެއްވި ކޯލިޝަނަށް ހުރިހާ ޕާޓީތަކުން ދެކޮޅު ހަދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ