ގާސިމް ވަކި އެއްޗެއް އަންގަވަންދެން ޖޭޕީގެ ލީޑަރުގެ މަގާމް ހުސްކޮށް ބޭއްވުމަށް ފާސްކޮށްފި
ޖުމްހޫރީ ޕާޓީގެ ކުރީގެ ލީޑަރު ގާސިމް އިބްރާހިމް ވަކި އެއްޗެއް އަންގަވަންދެން އެ ޕާޓީގެ ލީޑަރުގެ މަގާމް ހުސްކޮށް ބޭއްވުމަށް އެ ޕާޓީން ނިންމައިފިއެވެ. އެ ޕާޓީން މިގޮތަށް ނިންމާފައިވަނީ ޕެރަޑައިސް އައިލެންޑް ރިސޯޓްގައި މިހާރު ކުރިއަށްދާ އެ ޕާޓީގެ ތިންވަނަ ކޮންގްރެސްގައެވެ. ހަތަރު ސަތޭކަ ބައިވެރިންނާއެކު ކުރިއަށްދާ އެ ކޮންގްރެސްގައި ހިމެނޭ މެމްބަރަކު ހުށަހެޅުއްވި އަމަލު ކުރުން ލާޒިމް ކުރާ ގަރާރުގައި ބުނެފައިވަނީ މިއަދާ ހަމައަށް ޖޭޕީގެ ލީޑަރަކަށް ހުންނެވި ގާސިމް އިބްރާހީމަށް އެ މަގާމުގައި ހުންނަވަން ހުރަސްތަކެއް ކުރިމަތިވެފައިވާއިރު އެ ހުރަސްތައް ނިމުމަކަށް އަންނަންދެން ނުވަތަ ގާސިމް އިބްރާހިމް ވަކި އެއްޗެއް އަންގަވަންދެން ލީޑަރުގެ މަގާމަށް މީހަކު އައްޔަން ނުކޮށް ބޭއްވުމަށް ކަމަށެވެ. ކޮންގްރެސްގެ ރިޔާސަތުގައި އިންނެވި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން މި ގަރާރަށް ވޯޓަށް އެހުމުން ކޮންގްރެސްގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ވަނީ އެކަން ފާސްކޮށްފައެވެ. އެ ގާރާރު ފާސްވުމާއެކު ޖޭޕީގެ ލީޑަރުގެ މަގާމަށް މީހަކު ހޮވަން ކައުންސިލަށް އޮތް ބާރު ވަނީ ގެއްލިފައެވެ. ޖޭޕީގެ ކޮންގްރެސްގައި މިއަދު ވަނީ އަސާސީ ގަވައިދަށް ގެނައި ބަދަލުތައްވެސް ރަނގަޅު ކަމަށް ފާސްކޮށްފައެވެ. އަދި އެ ޕާޓީގެ އައު ލޯގޯއާއި ދިދަވެސް ވަނީ ފާސްކޮށްފައެވެ. ޖޭޕީގެ ކޮންގްރެސްގައި މުޅިން އަލަށް އުފައްދާ ޕާޓީގެ ރައީސްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރާނެއެވެ. އެ މަގާމަށް ކުރިމަތިލާފައިވަނީ ދާދި ފަހުން ޖޭޕީއާ ގުޅިވަޑައިގެންނެވި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ