ނަޝީދު މިރޭ ރާއްޖެއިން ބޭރަށް ވަޑައިގަތުން ހުއްޓުވުމަށް ކޯޓުން އަމުރެއް ނުކުރޭ - އިމިގްރޭޝަން

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެއިން ބޭރަށް ވަޑައިގަތުން ހުއްޓުވުމަށް އިމިގްރޭޝަންގެ މައްޗަށް ކޯޓުން އަމުރުކޮށްފައި ނުވާ ކަމަށް އިމިގްރޭޝަން ޑިޕާޓްމެންޓުން ބުނެފިއެވެ.
ރޭގެ ވަގުތެއްގައި ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމް ދިރިއުޅުއްވާ އެޕާޓްމެންޓް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ބަލައި ފާސް ކޮށްފައިވާ އިރު، މިއަދު މެންދުރު ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ދިރިއުޅުއްވާ މ.މާފަންނުވިލާ ބަލައި ފާސްކުރުމަށް ކޯޓު އަމުރެއް ނެރެފައިވާ ކަމަށް ޖުމްހޫރީ ޕާޓީއިން ވަނީ ބުނެފައެވެ. ނަމަވެސް މިކަން ކްރިމިނަލް ކޯޓުން ވަނީ ދޮގު ކޮށްފައެވެ.
މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ވަނީ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވާ އިރު، އެމަނިކުފާނު ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުން ހުއްޓުވުމަށް ކޯޓުން އިމިގްރޭޝަނުގެ މައްޗަށް އަމުރު ކޮށްފައިވާ ކަމުގެ އަޑުތަކެއް ފެތުރިފައެވެ.
މިކަމާ ގުޅިގެން "ވަގުތުން" ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، ޑިޕާޓްމެންޓް އޮފް އިމިގްރޭޝަން އެންޑް އިމިގްރޭޝަންގެ އިންފޮމޭޝަން އޮފިސަރ ހަސަން ޚަލީލް ވިދާޅުވީ، މި ބާވަތުގެ އަމުރެއް ކޯޓުން އިމިގްރޭޝަންގެ މައްޗަށް ކޮށްފައި ނުވާ ކަމަށާއި، އެބާވަތުގެ ވާހަކައެއް ފެތުރޭ ނަމަ އެއީ ދޮގު ވާހަކައެއް ކަމަށެވެ.
ރައީސް ނަޝީދު މިރޭ ފުރާވަޑާއިގަންނަވަނީ، އެކުވެރި އަރަބި އިމާރާތުގެ އަބޫ ދާބީގައި އޮންނަ ޒައިދު ފިއުޗަރ އެނާޖީ ޕްރައިޒް ދިނުމަށް ބާއްވާ ހަފްލާގައި ބައިވެރިވެވަޑައިގަތުމަށެވެ. ރައީސް މުހައްމަދު ނަޝީދަކީ، ޒައިދު ފިއުޗަރ އެނާޖީ ޕްރައިޒް ދޭ ފަރާތްތައް ކަނޑައަޅާ ކޮމިޓީ ނުވަތަ ޖިއުރީގައި ހިމެނިވަޑައިގަންނަވާ މެމްބަރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ