ގައުމީ ފުޓުބޯޅަ ޓީމުގެ މެނޭޖަރަކަށް ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު (ބަލަކް) މިއަދު ހަމަޖައްސައިފި އެވެ.
އެފްއޭއެމް ހައުސްގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެފްއޭއެމްގެ ރައީސް އަލީ އާޒިމް ވިދާޅުވީ އަލީ ވަހީދު ގައުމީ ޓީމަށް ވަޑައިގަތީ އެ ފަރާތުން އެދުނު އެދުމަކަށް ގައުމަަށް ކަމެއް ކޮށްދިނުމުގެ ނިޔަތުގައި ކަމަށާއި އޭނާ ހަމަޖެއްސެވުމުގައި އެއްވެސް ފުޓްބޯޅަ ކްލަބެއްގައި މި ވަގުތު މަސައްކަތް ނުކުރާ މީހަކު ހަމަޖެއްސުމުގެ ވިސްނުން ގެންގުޅުނު ކަމަށެވެ.
"އަޅުގަނޑުމެން ނިންމާފައިވާނެ އެއްވެސް ކްލަބެއްގައި މަސައްކަތްކުރާ ނުވަތަ އުޅޭ މީހަކު މެނޭޖަރަކަށް ނުލުމަށް. އެއީ އޭގެ ސަބަބުން ޓީމުގެ ތެރޭގައި މަސްލަހަތު ގެއްލި އަދި ބައެއް ފަހަރަށް ކޯޗަށް ވެސް ޓީމު ނަގަން އެ ފަރާތަކުން ބުނެދޭން ޖެހޭ ހާލަތު އަންނާތީ،" އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ އަލީ ވަހީދު މި މަގާމަށް ހަމަޖެއްސުމަކީ ފުޓްބޯޅައިގެ ކަމެއްގައި ސިޔާސީ ވިސްނުމެއް ނުގެންގުޅޭ ކަމުގެ ހެއްކެއް ކަމަށެވެ. އޭނާ އަދި ވިދާޅުވީ ފުޓްބޯޅައިގެ ރަނގަޅަކަށް ކުރާ ކަމެއްގައި ސިޔާސީ ކުލަނުޖައްސާނެ ކަމަށެވެ.
"އަޅުގަނޑު މަޖިލީހަށް އިންތިހާބުވުމުން އެފްއޭއެމް ސިފަކުރީ ޑީއާރްޕީގެ ތަނެއްގެ ގޮތުގައި. އެކަމަކު އަޅުގަނޑު އަބަދުވެސް ބުނަން ފުޓްބޯޅަ ގޮނޑީގައި އިންނައިރު ސިޔާސީ ކުލައެއް ނުޖައްސާނަމޭ. މިސާލަކަށް އަޅުގަނޑު މި ނިންމުން ނިންމުމުން ޕާޓީ (ޑީއާރްޕީ) ތެރެއިން ފާޑުކިޔުން އަންނާނެ. އެކަމަކު އަޅުގަނޑު ބޭނުން އަންގައިދޭން އަޅުގަނޑު ސިޔާސީ ވިސްނުމެއް ނުގެންގުޅޭކަން އަދި ފުޓްބޯޅައިގެ ރަނގަޅަށް ކުރެވެން އޮތް ކޮންމެ ކަމެއް ކުރާނެކަން،" މެދު ހެންވޭރު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އާޒިމް ވިދާޅުވި އެވެ. "ސަރުކާރުން ވެސް ފުރަތަމަ އެހީތެރިކަމެއް ނުލިބޭ. އެކަމަކު އަޅުގަނޑު ސިޔާސީ ކަންތައް ނުގެންގުޅޭކަން އެނގުމުން ފަސޭހަ ވެގެން ދިޔަ. މިހާރުގެ މިނިސްޓަރުގެ ފަރާތުން ވަރަށް ބޮޑަށް އެހީ ލިބޭ."
މިއަދުގެ ބައްދަލުވުމުގައި އަލީ ވަހީދު ވިދާޅުވީ އަބަދުވެސް ފުޓްބޯޅައިގެ ކަމެއްގައި ޝާމިލްވާން ބޭނުން ކަމަށާއި އެގޮތުން "މިއަދަކީ ވަރަށް ގިނަ ދުވަހު ފަހަތުން ދުވެ ރައްޓެހިވާން އުޅުނު އަންހެން ކުއްޖަކު ލިބުނު ދުވަސް" ކަމަށެވެ.
"އަޅުގަނޑު އަބަދުވެސް ބޭނުންވޭ ފުޓްބޯޅައިގައި އިންވޯލްވާން. 2008 ގެ ސާފް ޗެމްޕިއަންޝިޕުގެ ރަންގޯލު ވެސް ޖެހީ އަޅުގަނޑުމެން ދާއިރާ ކުއްޖެއް. އެ ޖާޒީ އޮންނާނެ އަދިވެސް ނުދޮވެ. އެގޮތުން ދިވެހި ޒުވާނެއްގެ ހައިސިއްޔަތުން ގައުމީ ޓީމަށް ކުޅުމަކީ ޝަރަފެއް. އެކަމަކު ގައުމީ ޓީމަށް ކުޅެނުލެވުނަސް މި ފަދަ މަގާމެއް ލިބުމުން ފަހުރުވެރިވޭ. މިއީ ބޮޑު ޝަރަފެއް އަދި ޒިންމާއެއް،" އއ. ތޮއްޑޫ ދާއިރާ ތަމްސީލު ކުރައްވާ އެމްޑީޕީ މެންބަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަގާމާ ހަވާލުވީ މަޖިލީހުގައި އުޅެމުން ވެސް ގައުމީ ޓީމަށް ވަގުތު ދެވޭނެތީ ކަމަށާ އަދި ރައީސް ނަޝީދާއި އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރުގެ ވެސް ބްލެސިންއާ އެކު ކަމަށެވެ. މީގެ އިތުރުން ސަރުކާރުގެ ވިސްނުން ހުރީ ފުޓްބޯޅަ އަށް ކުރިއަށް ވުރެ ބޮޑަށް އެއްބާރުލުން ދޭން ކަމަށާއި ގައުމީ ޓީމުގެ މެނޭޖަރުގެ ހައިސިއްޔަތުން އެކަމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ކުރިން ނިއު ރޭޑިއަންޓުގެ މެނޭޖަރުކަން ވެސް ކުރި އަލީ ވަހީދު ވިދާޅުވީ ފުޓްބޯޅަ އަކީ ގައުމު އެއްބައިވަންތަ ކުރުވާ އެއްޗެއް ކަމަށާއި 2008 ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ފަދަ ދުވަހެއް ދެކެން ބޭނުން ކަމަށެވެ.
"އަޅުގަނޑާއި އާޒިމްއާ މީ ކުރިން އެއް މޭޒެއްގެ ދޮށުގައި ތިބި ބައެއް. އެކަމަކު މިހާރު ދެ މަސް ވެއްޖެ ދިމާނުވާތާ. އެކަމަކު ފުޓްބޯޅައިގެ ކަމެއްގައި އަނެއްކާ ވެސް އަޅުގަނޑުމެން އެއް ޓީމަކަށް މި އައީ. އެހެންކަމުން ފުޓްބޯޅައަކީ ގައުމު އެއްބައިވަންތަ ކުރުވާ އެއްޗެއް. މިހާރު މިއޮތީ ފުޓްބޯޅަ ކުޅުންތެރިން ކުރިއަށް ޖެހި ސިޔާސީ މީހުން ފަހަތަށް ޖެހެން ވެފައި. އެ ނޫނިއްޔާ ނެތް ގައުމު އެކުވެރިކުރެވޭކަށް. 2008 ގައި ވަކި ކުލައެއް ނެތި ގައުމުގެ އެއްމެން ފާހަގަކުރި ފަދަ ދުވަހެއް ދެކެން އަޅުގަނޑު ބޭނުން،" އަލީ ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގައުމީ ޓީމާ ހަވާލުވީ މެނޭޖަރުކަމުގެ އޮތޯރިޓީއާ އެކު ކަމަށާއި ނިންމުންތައް ނިންމާނީ އެފްއޭއެމްގެ ރައީސާއި އެކްސްކޯއާ މަޝްވަރާކުރުމަށް ފަހު ކަމަށެވެ. އަދި ޓީމުގައި މިހާރު ތިބި ކުޅުންތެރިންނަކީ އޭނާއާ އެއްކޮށް މަސައްކަތް ކުރެވޭނެ ފަދަ ބައެއް ކަމަށެވެ.
އަލީ ވަހީދު ފަދަ ސިޔާސީ ބޭފުޅަކު ގައުމީ ޓީމުގެ މަގާމަކަށް ވަޑައިގަތުމުން ގައުމީ ޓީމު ސިޔާސީ ވާނެ ކަމަށް ގަބޫލް ކުރާ ގަބޫލް ކުރުންތަކަށް ޖަވާބުދެއްވަމުން އޭނާ ވިދާޅުވީ އިތުރަކަށް ސިޔާސީ ނުވާނެ ކަމަށެވެ.
"އިތުރަކަށް ނުވާނެ ދެއްތޯ. މިހާރު މިހިރީ ޑީއާރްޕީ ޕާލިމެންޓްރީ ގްރޫޕުގެ މެންބަރެއް ރައީސަކަށް. ދެން މިހިރީ އެމްޑީޕީ މެންބަރެއް. އަޅުގަނޑަށް ހީވަނީ ސިޔާސީވެފައި ކުރިން އޮތިއްޔާ ނިއުޓްރަލައިޒް ވީހެން،" އަލީ ވަހީދު ވިދާޅުވި އެވެ.
ގައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުރި އެމްއެންޑީއެފްގެ ފަސްޓް ލެފްޓިނެންޓް ހުސެއިން އަލީ ވަގުތު ދެވެން ނެތް ކަމަށް ބުނެ އިސްތިއުފާ ދިނުމުންނެވެ.
28: 12 - ގައުމީ ފުޓްބޯޅަ ޓީމްގެ މެނޭޖަރަކަށް ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ވަހީދު ހަމަޖައްސައިފި.
އެފްއޭއެމްގައި މިހާރު ކުރިއަށްދާ ނިއުސް ކޮންފަރެންސެއްގައި އެ އެސޯސިއޭޝަންގެ ރައީސް އަދި ޑީއާރުޕީގެ މަޖިލިސް މެމްބަރު އަލީ އާޒިމް ވަނީ އެކަން އިއުލާންކުރައްވާފަ.
ގައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރަކަށް ކުރިން ހުރި އެމްއެންޑީއެފްގެ ފަސްޓް ލެފްޓިނެންޓް ހުސެއިން އަލީ ވަގުތު ދެވެން ނެތް ކަމަށް ބުނެ އިސްތިއުފާ ދިންކަން އެފްއޭއެފް އިން އިއްޔެ ވަނީ އިއުލާންކޮށްފަ.
ގައުމީ ޓީމުގެ މެނޭޖަރަކަށް އަލީ ވަހީދު ހަމަޖައްސައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ